އީރާނުން އަފްޣާނިސްތާނުގެ ކަރަންޓް ވިއުގަތަކާއި އިންޖީނުގެތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެނީ

އަފްޣާނިސްތާނުގެ ކުންފުނިތަކާބެހޭ ވަޒީރާއި ހަކަތައާބެހޭ އިސް މަސްއޫލުވެރިން އީރާނުގެ ހަކަތައާބެހޭ ވަޒީރުއާ ބައްދަލުކުރައްވަނީ

ތެހެރާން (20 ސެޕްޓެމްބަރު 2026): އަފްޣާނިސްތާނުގެ ކަރަންޓް ވިއުގައާއި ކަރަންޓް އުފައްދާ އިންޖީނުގެތައް މަރާމާތުކޮށް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެކަމަށް ބޭނުންވާ ޖަނަރޭޓަރުތަކާއި ސާމާނު އެ ގައުމަށް ހިލޭ ފޯރުކޮށްދޭނެކަން އީރާނުން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ރަސްމީ ޒިޔާރަތެއްގައި އީރާނަށް ވަޑައިގެން އުޅުއްވާ އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ ކުންފުނިތަކާބެހޭ ވަޒީރު އަހްމަދު ޖާން ބިލާލް އާ އިއްޔެ ހެނދުނު ތެހެރާންގައި ބައްދަލުކުރެއްވުމަށްފަހު އީރާނުގެ ހަކަތައާ ބެހޭ ވަޒީރު އައްބާސް އަލީ އާބާދީ ދެއްވި ބަޔާނެއްގައެވެ. އީރާނުގެ ވަޒީރު ވިދާޅުވި ގޮތުގައި އަފްޣާނިސްތާނުގައި ހިނގައިދިޔަ ދިގުލީ ހަނގުރާމަތަކާ ގުޅިގެން އެގައުމުގެ މުޅި ކަރަންޓް ވިއުގަތަކަށް ލިބިފައިވާ ގެއްލުންތަކާ އަދި އިންޖީނު ގެތަކަށް ލިބިފައިވާ ގެއްލުންތަކުގެ އިތުރުން ކަރަންޓް ވިއުގަތަކާއި ކަރަންޓް އުފައްދާ އިންޖީނުގެތައް ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރުމުގައި އެހީތެރިވެދިނުމަށް އަފްޣާން ސަރުކާރުން އީރާނުގެ ކިބައިން އެދުމުން މި އެދުމަށް އިޖާބަދީ އަފްޣާން ކަރަންޓް ވިއުގަތަކާއި އިންޖީނުގެތައް މަރާމާތުކޮށްދީ އަޕްގްރޭޑް ކޮށްދިނުމަށް އީރާން ވަނީ ނިންމާފައެވެ.

މިކަމާބެހޭ މެދުރާސްތާގެ ޕްލޭނެއް އެކުލަވާލުމަށް އީރާނާއި އަފްޣާނިސްތާނުގެ ފަންނީ ޓީމުތައް ވަރަށް އަވަހަށް ބައްދަލުކުރާނެކަމަށާއި ސާވޭތައް ކުރުމަށް އީރާނުގެ ފަންނީ މާހިރުންގެ ޓީމެއް އަފްޣާނިސްތާނަށް ވަރަށް އަވަހަށް ޒިޔާރަތް ކުރާނެކަމަށްވެސް އީރާނުގެ ވަޒީރު ވިދާޅުވިއެވެ. އަފްޣާނިސްތާނުގެ ވަޒީރު އަހްމަދު ޖާން ބިލާލް ވަނީ މި ދީލަތި އެހީއަށްޓަކައި އަފްޣާން ސަރުކާރާއި ރައްޔިތުންގެ ނަމުގައި އީރާނަށް ޝުކުރު އަދާކުރައްވައިފައެވެ.

އީރާނުގެ ވަޒީރު ވިދާޅުވި ގޮތުގައި އީރާނަކީ ކަރަންޓް ވިއުގަތަކަށް ބޭނުންވާ ހުރިހާ ތަކެއްޗެއް އަމިއްލައަށް އުފައްދައި އަދި އެކްސްޕޯޓް ކުރާ ގައުމެކެވެ. މީގެއިތުން އިރާނަކީ އެކި ސައިޒުގެ އިލެކްޓްރިކް ޖަނަރޭޓަރުތައް އުފައްދާ އަދި އިލެކްޓްރިކް އިންޖިނިއަރިންގެ ދާއިރާގައި މަސައްކަތްކުރާ އެތަށް ހާސް އިންޖިނޭރުންނާއި ފަންނީ މީހުންނާއި އެކަމާބެހޭ ކުންފުނިތައް ހުރި ގައުމެކެވެ.

އަފްޣާނިސްތާނުގެ ހަލާކުވެފައިވާ މަދަނީ އިންފްރާސްޓްރަކްޗާ އަލުން މަރާމާތުކޮށް އަޕްގްރޭޑް ކުރުމަށް އެގައުމު ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެތެރެއިން އެންމެ ބޮޑު މަރާމާތެއް ކުރަން ޖެހިފައިވަނީ ކަރަންޓް ވިއުގަތަކާއި ކަރަންޓް އުފައްދާ އިންޖީނުގެތަކެވެ. އަފްޣާނިސްތާނުގައި ކަރަންޓް ކަނޑައިގެން ދިޔުން އާންމުވެފައިވާއިރު ދުރުތަންތަނުގައިވާ ވިލެޖްތަކަށް ކަރަންޓް ނުވެސް ލިބެއެވެ. އަފްޣާނިސްތާނުގައި ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވަނީވެސް ކަރަންޓެވެ.

އީރާނުގެ ތަސްނީމް ނޫސްއެޖެންސީ ބުނާގޮތުން އަފްޣާނިސްތާނުގެ ކަރަންޓް ވިއުގަތަކާއި އިންޖީނުގެތައް ތަރައްގީކުރުމަށްޓަކައި 300 މިލިޔަން ޑޮލަރުގެ އަގުހުރި ސާމާނު އީރާނުން ވަރަށް އަވަހަށް އެއްގަމު މަގުން އަފްޣާނިސްތާނަށް ފޮނުވައިދޭނެއެވެ. މީގެތެރޭގައި އިލްކްޓްރިކް ކޭބަލްއާއި ކޭބަލްތައް ހަރުކުރާނެ ޓަވަރުތަކާއި އެކި ސައިޒުގެ އިންޖީނުތަކާއި ޓްރާންސްފޯމަރުތަކާއި އެނޫންވެސް ތަކެތި ހިމެނެއެވެ. މީގެއިތުރުން އަފްޣާނިސްތާނުގެ އިލެކްރިސިޓީގެ ދާއިރާއަށް ބޭނުންވާ އެތަށް ސަތޭކަ މުވައްޒަފުން ތަމްރީން ކޮށްދިނުމުގެ މަސައްކަތްވެސް އީރާނުން ފަށާނެއެވެ.

ތާލިބާނުންވަނީ އީރާނާ މެދު ކުރިން ގެންގުޅުނު ބީރައްޓެހިކަން ދޫކޮށްލުމަށްފަހު އީރާންއާ ވަރަށް ބޮޑަށް ގާތްވާން ފަށައިފައެވެ. ޚާއްސަކޮށް އެމެރިކާގެ އިސްތިއުމާރާއި އަނިޔާވެރިކަމާއި އަޅުވެތިކަމުން އަފްޣާނިސްތާން މިނިވަން ވުމަށްފަހު ތާލިބާނުންވަނީ އެމީހުންނާ މަޒުހަބީ ގޮތުން ތަފާތު އީރާންއާއެކު ވަރަށް ގާތްގުޅުންތަކެއް ބާއްވަން ފަށާފައެވެ. މިގޮތުން އަފްޣާނިސްތާނާއި އީރާނުންވަނީ އެންބެސަޑަރުންގެ ފެންވަރުގައި ގުޅުންތައް ގާއިމްކޮށް ކޮންމެ ގައުމަކުން ވެސް އަނެއްގައުމުގައި އެންބަސީއެއް ހުޅުވައިފައެވެ.

އަފްޣާނިސްތާނުގެ ދަނޑުވެރިކަމާއި ކަރަންޓާއި ފެނުގެ ސެކްޓަރުތައް ތަރައްގީ ކުރުމަށްޓަކައި ވެސް އީރާން ވަނީ އެ ގައުމަށް ފަންނީ ގޮތުންނާއި ސާމާނުގެ ގޮތުން ވަރަށް ބޮޑެތި އެހީތަކެއް ވާން ފަށައިފައެވެ. އަފްޣާނިސްތާނުގެ ވަޒީރު އީރާނަށް ކުރައްވާ ދަތުރުުފުޅުގައި އެގައުމުގެ ސަރުކާރުގެ ހަކަތައާބެހޭ ދާއިރާގެ އިސް މަސްއޫލުވެރިންނާއި ކުންފުނިތަކުގެ ވެރިން ގެ މައްޗަށް އެކުލެވޭ ޓީމެއް ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު