އަށް ހާހަށް ވުރެ ގިނަ ދަރިވަރުންނާއެކު އެސްއެސްސީ އަދި އޯލެވެލް އިމްތިހާނު މިއަދު ފަށައިފިއެވެ.
ގްރޭޑް 10 ނިންމާ ދަރިވަރުން ހަދާ މި އިމްތިހާނު މިއަދުން ފެށިގެން ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން ވަނީ މިއަދު ފެށި އެ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ކާމިޔާބަށް އެދިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖެއިން 8,000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އޯލެވެލް އައިޖީސީއެސްއީ އިމްތިހާނުގައި ޖުމްލަ 8,111 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި އެޗްއެސްސީ އިމްތިހާނުގައި 7,776 ދަރިވަރުން ބައިވެރިވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އިމްތިހާނުގެ ކަންކަން ކުރިއަށް ދާނީ މާލެ ސަރަހައްދުގެ 25 ސެންޓަރެއްގައި 3,222 ދަރިވަރުންނާއެކުއެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގެ 242 ސެންޓަރެއްގައި 2,869 ދަރިވަރުން އިމްތިހާނު ހަދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި އަހަރުގެ އިމްތިހާނު ފެށުމުގެ ގޮތުން މިއަދު ދަރިވަރުން އެންމެ ފުރަތަމަ ހަދާނީ އެސްއެސްސީ އިމްތިހާނުގެ ދިވެހި ޕޭޕަރެވެ.
ފާހަގަކުރެވޭ ގޮތުގައި މިދިޔަ އަހަރު ސަރުކާރުން ވަނީ އޯލެވެލްގައި ބައިވެރިވާ ދަރިވަރުން ހަތަރު މާއްދާ ހަދަން ޖެހޭ ގޮތަށް މަޖުބޫރުކޮށްފައެވެ. އެއީ، އިސްލާމާއި ދިވެއްސާއި ހިސާބާއި އިނގިރޭސި މާއްދާއެވެ. އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުންނެވެ.