ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ސޮބާ ހަމަޖައްސައިފި

ގައުމީ ފުޓުބޯޅަ ޓީމުން ހޮނިހިރު ދުވަހުގެރޭ ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ސޮބާ-- ފޮޓޯ: އެމްއެމްޓީވީ

އިސްތަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ކުޅޭ ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް، ކުރީގެ މަޝްހޫރު ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) ހަމަޖައްސައިފިއެވެ.

ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމީ ހެޑް ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އުރުބާނީ ބުނީ، ސޮބާ އެސިސްޓަންޓް ކޯޗަކަށް ހަމަޖެއްސީ ގިނަ ކަންތައްތަކަކަށް ފުންކޮށް ވިސްނުމަށްފަހު ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމުގެ މަސައްކަތްތައް ބޭނުންވާ ގޮތަށް ކުރިއަށްގެންދިއުމަށް ލިބުނު ބޮޑު ފަސޭހައެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ރާއްޖޭން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި މުހިންމު ދައުރެއް އަދާކުރި ސޮބާ ވަނީ މީގެ ކުރިން އުރުބާނީގެ އިރުޝާދުގެ ދަށުންވެސް ގައުމީ ޓީމަށް ކުޅެފައެވެ. ކޯޗިން ކެރިއަރުގައި ސޮބާ އެންމެ ފަހުން މަސައްކަތްކުރީ ސާފް ވިމެންސް ޗެމްޕިއަންޝިޕުގައި ވާދަކުރި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުގެ މަގާމުގައެވެ.

އޭގެ އިތުރުން 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗުކަމާއި، 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަންވެސް އޭނާ ކޮށްފައިވެއެވެ. ސޮބާ ވަނީ ދިވެހިލީގުގެ މަޝްހޫރު ކްލަބްތައް ކަމަށްވާ ނިއު ރޭޑިއަންޓް، ކްލަބް ވެލެންސިއާ، ވިކްޓަރީ، އަދި ކްލަބް ގްރީން ސްޓްރީޓްސްގެ އިތުރުން ދެވަނަ އަދި ތިންވަނަ ޑިވިޝަނުގެ ޓީމުތަކަށްވެސް އިރުޝާދުދީފައެވެ.

ކޯޗު އުރުބާނީ ބުނީ މާޒީގެ ކާމިޔާބީތަކުގެ ވާހަކަ ތަކުރާރުކުރުމަށްވުރެ މިހާރު މުހިންމީ ކުރިއަށް އޮތް މުސްތަގުބަލަށް ރާއްޖޭގެ ފުޓްބޯޅައިގެ އައު ޖީލެއް ބިނާކުރުން ކަމަށާއި، ސޮބާގެ ތަޖުރިބާގެ އަލީގައި އެ މަސައްކަތް ކުރިއަށްގެންދަން ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

ކުރިއަށް އޮތް ފީފާ އިންޓަރނޭޝަނަލް ބްރޭކުގައި ރާއްޖޭން ކުޅޭ ތިން މެޗަށް ތައްޔާރުވުމުގެ ގޮތުން އެކުލަވާލި ސްކޮޑުގެ ފަރިތަކުރުންތައް މިރޭ ގަލޮޅު ދަނޑުގައި ފަށާފައިވާއިރު، މާދަމާ ހަވީރު ޓީމު ޗައިނާއަށް ފުރާނެއެވެ.

އެހެންކަމުން ރާއްޖޭގައި ގައުމީ ޓީމުގެ ޕްރެކްޓިސް އޮތީ މިރޭ އެކަންޏެވެ. ތާވަލުކުރެވިފައިވާ މެޗުތަކަށް ބަލާއިރު، މި މަހުގެ 24 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅުމަށްފަހު، ގައުމީ ޓީމު ދެން ދަތުރުކުރާނީ ކިރްގިސްތާންގެ ވެރިރަށް ބިޝްކެކް އަށެވެ. އެއަށްފަހު މި މަހުގެ 28 ވަނަ ދުވަހު ކިރްގިސްތާނާ ދެކޮޅަށް މެޗެއް ކުޅުމަށްފަހު، އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ލުބުނާނާ ދެކޮޅަށެވެ.

މިވަގުތު ފީފާ ރޭންކިންގެ 173 ވަނައިގައި ރާއްޖެ އޮތްއިރު، ފުރަތަމަ މެޗުގައި އިދިކޮޅަށް ނުކުންނަ ޗައިނާ އޮތީ ދުނިޔޭގެ 91 ވަނައިގައެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާ ކިރިގިސްތާން 106 ވަނައިގައި އޮތްއިރު، ތިންވަނަ މެޗުގައި ވާދަކުރާ ލުބުނާން އޮތީ ރޭންކިންގެ 107 ވަނައިގައެވެ.

comment ކޮމެންޓް