ކްރިމިނަލް ކޯޓުގެ އައު އިމާރާތް ބޭނުންކުރަން ފެށިފަހުން އެ ކޯޓުގައި ތާވަލުކުރެވޭ މައްސަލަތަކުގެ އަދަދު ގާތްގަނޑަކަށް ދެ ގުނަ އިތުރުވެއްޖެ ކަމަށް، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފިއެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އޮގަސްޓު މަހު އެ އިދާރާއިން ތަހުގީގީ އިދާރާތަކަށް 729 ލަފައެއް ދީފައިވެއެވެ. އެއީ މިދިޔަ ޖުލައި މަހު ތަހުގީގީ އިދާރާތަކަށް ދިން ލަފާގެ އަދަދު ކަމަށްވާ 622 އަށް ވުރެ 17 އިންސައްތަ އިތުރު އަދަދެކެވެ.
ހަމަ އެހެންމެ، ދައުލަތުގެ ވަކީލުން މިދިޔަ އޮގަސްޓު މަހު 1،205 އަޑުއެހުމަކަށް ހާޒިރުވެފައިވެއެވެ. ޖުލައި މަހު ހާޒިރުވީ 1،080 އަޑުއެހުމަށެވެ.
ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުގެ ތަރުޖަމާނު އަޙްމަދު ޝަފީޢު 'އެކްސް'ގައި ލިޔުއްވައިފައިވަނީ، ކްރިމިނަލް ކޯޓުގެ އައު އިމާރާތް ބޭނުންކުރަން ފެށި ފަހުން އެ ކޯޓުގައި ތާވަލުކުރެވޭ މައްސަލަތަކުގެ އަދަދު ގާތްގަނޑަކަށް ދެ ގުނައަށް އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި މި އަހަރު ދެބައިވިއިރު ކްރިމިނަލް ކޯޓުގައި އަދިވެސް 1،626 މައްސަލައެއް ނުނިމި އެބައޮތް ކަމަށް، ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ޙުސްނީ މުބާރިކް މިދިޔަ އޮގަސްޓު މަހުގެ މެދުތެރޭ ވިދާޅުވެފައިވެއެވެ.
ކްރިމިނަލް ކޯޓަށް އަލަށް އައްޔަންކުރި ތިން ގާޒީންނާއި ސިވިލް ކޯޓަށް އަލަށް އައްޔަންކުރި ދެ ގާޒީން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޙުސްނީ ވިދާޅުވީ، ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އިތުރުކުރަން ޖޭއެސްސީން ނިންމި މައިގަނޑު ސަބަބަކީ ސިވިލް ކޯޓެކޭ އެއްގޮތަށް ކްރިމިނަލް ކޯޓުގައި ވެސް މައްސަލަތައް ނިންމުން ލަސްވެ، ހުށަހެޅޭ މައްސަލަތަކުގެ އަދަދުން ބަލާއިރު ކޮންމެ ފަނޑިޔާރަކު ބަލަންޖެހޭ މައްސަލަތައް ގިނަވުމުގެ ސަބަބުން ކަމަށެވެ.
ކޯޓުތަކުގައި ހިންގަމުން އަންނަ މައްސަލަތައް ލަސްވެ، ދިގުލައިގެން ދިއުމަކީ އާންމުންގެ ކަންބޮޑުވުން އޮންނަ ކަމެކެވެ. އެގޮތުން ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ބައެއް މައްސަލަތައް އަދިވެސް ނުނިމޭއިރު، އާންމުންގެ ޝަކުވާ ބޮޑެވެ.