ނަސްލީ ތަފާތުކުރުމާ ހާހަކަށްވުރެ ގިނައިން ކުރިމަތިލާންޖެހުނު: ޔަމާލް

ސްޕެއިންގެ ލަމީން ޔަމާލް--

ބާސެލޯނާ އާއި ސްޕެއިންގެ ޒުވާން ފޯވާޑް ލަމީން ޔަމާލް، އޭނާގެ ކެރިއަރުގައި ނަސްލީ ތަފާތުކުރުމާއި އިހާނެތި ބަސްތަކާ ހާހަކަށްވުރެ ގިނަ ފަހަރު ކުރިމަތިލާންޖެހިފައިވާ ކަމަށް ބުނެފިއެވެ.

ސްޕެއިންގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ޔަމާލް ބުނީ ގިނަ މީހުން ނަސްލީ ތަފާތުކުރުން ބޭރުކުރަނީ ސީދާ އެނގިގެން ނޫން ކަމަށާއި، ވަރަށް ގިނަ ބަސްތަކަކީ ނަސްލީ ތަފާތުކުރުން އެކުލެވޭ އެއްޗެއްކަން އެ މީހުންނަށްވެސް ނޭނގޭ ކަމަށެވެ.

"އާނ، އެއްހާސް ފަހަރު [ނަސްލީ ތަފާތުކުރުމާ ކުރިމަތިވި]. މީހުން ސީދާ ނޫން ގޮތްގޮތަށް ނަސްލީ ތަފާތުކުރުން ގެންގުޅޭ، ނަމަވެސް އެ މީހުންނަށް އެކަން ނޭނގެނީ ކަމަށްވެސް ވެދާނެ. އެފަދަ ގިނަ ކޮމެންޓްތަކާއި ބެލުންތައް ހުރޭ،" ޔަމާލް ބުންޏެވެ.

ރެއާލް މެޑްރިޑުގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅުނު މެޗެއްގައި ސަޕޯޓަރުންގެ ފަރާތުން ދާދިފަހުން ކުރިމަތިވި ނަސްލީ ތަފާތުކުރުމުގެ ބަސްތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ޔަމާލް ބުނީ، މީހަކު އޭނާއާ ދިމާއަށް ކަޅު މީހެކޭ ބުނުމުން އެކަމާ ދެރަނުވާ ކަމަށެވެ. އެއީ އޭނާއަކީ ކަޅު މީހަކަށްވާތީ ކަމަށާއި، ނަމަވެސް އެ ބަސް ބޭނުންކުރާ ނިޔަތަކީ ދެރައެއް ދިނުން ކަމުގައިވާނަމަ އެއީ ގޯހެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

"އަހަންނާ ދިމާއަށް ކަޅު މީހެކޭ ބުނުމަކުން އަހަރެން ދެރައެއް ނުވާނެ. އެއީ އަހަންނަކީ ކަޅު މީހަކަށްވާތީ. އެހެން ކުލައެއްގެ މީހެއް ނޫން. އެކަމަކު އެ މީހަކު އެ ބަސް ބޭނުންކުރަނީ އަހަންނަށް ދެރައެއް ދިނުމުގެ ނިޔަތުގައިނަމަ އެއީ ގޯހެއް،" ޔަމާލް އިތުރަށް ބުންޏެވެ.

މެޗެއްގެ ތެރެއިން ސަޕޯޓަރަކު އިހާނެތިކޮށް ކަންތައް ކުރިނަމަވެސް، އެ މީހުންނަކީ އޭނާގެ ކުޅުން ބަލަން ފައިސާ ދީގެން ވަދެ ތިބި މީހުން ކަމަށްވާތީ، މެޗުގެ ސަމާލުކަން ގެއްލުވާނުލާ ކަމަށްވެސް އޭނާ ބުންޏެވެ.

ފަހަކަށް އައިސް ޔޫރަޕުގެ ފުޓްބޯޅައިގައި އަދި ވަކިން ހާއްސަކޮށް ސްޕެނިޝް ލީގުގައި ނަސްލީ ތަފާތުކުރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް ވިނީޝިއުސް ޖޫނިއާ އަށްވެސް ވަނީ ގައުމީ އަދި ކްލަބް މެޗުތަކުގައި ތަކުރާރުކޮށް ނަސްލީ ހަމަލާތަކާއި އިހާނެތި ބަސްތައް ރައްދުވެފައެވެ.

މިފަދަ ހާދިސާތައް އިތުރުވުމާ ގުޅިގެން ކުޅިވަރު އިދާރާތަކުންނާއި ޝަރުޢީ ނިޒާމުގެ ތެރެއިން ވަނީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު