ވޯލްޑް ކަޕް ވިއްކާލުމާ ގުޅޭ ލިޔެކިޔުންތައް ހާމަކުރަން އިނގިރޭސި އެފްއޭއިން އިންފަންޓީނޯއަށް ގޮވާލައިފި

ވޯލްޑް ކަޕް ވިއްކާލުމާ ގުޅޭ ލިޔެކިޔުންތައް ހާމަކުރަން އިނގިރޭސި އެފްއޭއިން އިންފަންޓީނޯއަށް ވަނީ ގޮވާލާފަ.... ފޮޓޯ/ އާރްޠީއެލް ޓުޑޭ

ޕްރައިވެޓް އިންވެސްޓަރުންނަށް ވޯލްޑް ކަޕްގެ ހިއްސާ ވިއްކާލުމަށް ރޭވި ނަމަވެސް، ފަހުން ދޫކޮށްލާފައިވާ ޕްލޭނާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ހާމަކުރުމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ) ގެ ޗެއާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގޮވާލައްވައިފި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފީފާގެ ނައިބު ރައީސް އަދި ކައުންސިލް މެންބަރެއްގެ ގޮތުގައިވެސް ހުންނެވި އެފްއޭގެ ޗެއާ ޑެބީ ހެވިޓް ވަނީ، އަންނަ މަހުގެ 15 ގައި ބާއްވާ ފީފާ ކައުންސިލް ބައްދަލުވުމުގެ ކުރިން، މި ސްކީމާ ގުޅޭ ހުރިހާ މައުލޫމާތެއް ފުރިހަމައަށް ހާމަކުރުމަށް އެދި އިންފަންޓީނޯއަށް ސިޓީއެއް ފޮނުއްވާފައެވެ.

މީގެއިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންފަންޓީނޯއަށް ފޯނުން ގުޅުއްވުމާ ގުޅިގެން، ވޯލްޑް ކަޕްގެ ތެރޭގައި އެމެރިކާގެ ސްޓްރައިކަރު ފޮލަރިން ބަލޮގުންއަށް ދިން ސަސްޕެންޝަން ބާތިލްކުރި މައްސަލައިގެ ލިޔެކިޔުންތައް ހާމަކުރުމަށްވެސް ހެވިޓް ވަނީ ގޮވާލައްވާފައެވެ.

އިންފަންޓީނޯ ހުށަހެޅުއްވި މި ހުށަހެޅުމާ ދެކޮޅަށް ފުޓްބޯޅަ އާއިލާގެ ގިނަ ފަރާތްތަކަކުން އަޑުއުފުލުމާ ގުޅިގެން އެ ޕްލޭން ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުއްޓާލަން ޖެހިފައެވެ.

އަދި މި ޕްލޭން ހުއްޓާނުލައިފިނަމަ ފީފާގެ ހުރިހާ މުބާރާތްތަކެއް ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރު ޔޫރަޕްގެ ފުޓްބޯޅަ އިދާރާ ޔުއެފާއިން ވެސް އޮތީ ދީފައެވެ. ޕްރައިވެޓް އިންވެސްޓަރުންގެ ޕްލޭން ކުރިއަށް ގެންދިޔަ ގޮތާ މެދު އިންފަންޓީނޯ ވަނީ އޮގަސްޓް މަހު މާފަށް އެދިވަޑައިގެންފައެވެ.

https://sun.mv/227611

ނަމަވެސް، ފީފާގެ މެނޭޖްމަންޓް ބޯޑުން އެކަން މުރާޖައާ ކުރާނެ ކަމަށް ވައުދުވި ނަމަވެސް، އެ ތަހުގީގު ހިންގަނީ ކޮން ބައެއް ކަމެއް މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޔުއެފާއިން ބުނެފައިވަނީ އިންފަންޓީނޯއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށާއި، މި ޕްލޭނާ ގުޅޭ ލިޔެކިޔުންތައް ހޯދުމަށް އެމެރިކާގެ ކޯޓު މެދުވެރިކޮށް ގާނޫނީ ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

އަދި އަންނަ މާޗް މަހު ބާއްވާ ފީފާ ކޮންގްރެސްގައި އިންފަންޓީނޯއާ ދެކޮޅަށް ވާދަކުރާނެ ކެންޑިޑޭޓަކު ނެރުމަށް ޔުއެފާއިން މަސައްކަތް ކުރަމުންދާއިރު، ކެންޑިޑެސީ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ނޮވެމްބަރު 18 އެވެ.

އިންފަންޓީނޯ ވަނީ އަލުން އިންތިޚާބުގައި ވާދަކުރައްވާނެކަން މި މަހުގެ ކުރީކޮޅު އިއުލާނު ކުރައްވާފައެވެ.

https://sun.mv/227122

މި މައްސަލައިގައި ޔޫރަޕްގެ ފުޓްބޯޅަ އިސްވެރިންގެ ފަރާތުން ފީފާއަށް ބޮޑެތި ފާޑުކިއުންތަކާއި ފިއްތުންތައް ކުރިމަތިވެފައިވާއިރު، ޑެންމާކްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖެސްޕާ މޮލާ ވަނީ ދާދިފަހުން ބޭއްވި ލީގަލް ކޮމިޓީގެ ބައްދަލުވުމެއްގައި މި މަޝްރޫއާ ގުޅޭ މުހިންމު ސުވާލުތަކަށް ޖަވާބުނުދީ ފީފާއިން ރެކެން އުޅޭކަމަށް ތުހުމަތުކުރައްވާފައެވެ.

ޚިޔާލުތަފާތުވުންތައް ބޮޑުވި މި 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް މަޝްރޫއަކީ ފީފާ ވޯލްޑް ކަޕާއި އަލަށް ބޮޑުކުރި ކްލަބް ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގެ މާކެޓިން އަދި ބްރޯޑްކާސްޓިން ހައްގުތައް ބެލެހެއްޓުމަށްޓަކައި ވިޔަފާރި ކުންފުންޏެއް އުފެއްދުމަށް ހުށަހެޅި "ފީފާ ފޯވާޑް އެންޓަޕްރައިޒް" (އެފްއެފްއީ) ޕްލޭނެވެ. މި މަޝްރޫއާ ގުޅޭ ރަސްމީ ރިވިއުއެއް ފީފާ ކައުންސިލަށް ހުށަހެޅުމަށް މިހާރު ވަނީ ނިންމާފައެވެ.

comment ކޮމެންޓް