ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން 2019 ވަނަ އަހަރު، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ނެގި 350 މިލިއަން ޑޮލަރުގެ ޓީ-ބިލްގެ ފަހު ބައި ރާއްޖޭން އިއްޔެ ދައްކައި ހަލާސްކޮށްފައިވާއިރު، އޭގެ އިންޓްރެސްޓް ދައްކައި ދިނީ އިންޑިއާ އިން ކަމަށް އެ ގައުމުގެ ސަރުކާރުން މިއަދު ބުނެފިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރް ޖައިސްވާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ވިދާޅުވީ ދިވެހި ސަރުކާރުން ވިއްކާފައިވާ 350 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް (ޓީ ބިލް) ތަކަށް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އިންޓްރެސްޓުގެ ގޮތުގައި އެރި 45 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ ސަރުކާރުން ކަމަށެވެ.
ރަންދީރް ޖައިސްވާލް ވިދާޅުވި ގޮތުގައި، އެސްބީއައިއިން 2019 ވަނަ އަހަރު ގަތް 350 މިލިއަން ޑޮލަރުގެ ޓީ-ބިލްތަކުގެ ތެރެއިން ބާކީ އޮތް 50 މިލިއަން ޑޮލަރުގެ ފަހު ބައި، އިއްޔެ ދިވެހި ސަރުކާރުން ވަނީ ދައްކައި ހަލާސްކޮށްފައެވެ. މި ޓީ ބިލްތައް ދެއްކުން ފާއިތުވި އަހަރުތަކުގައި ހަ ފަހަރެއްގެ މަތިން، ކޮންމެ ފަހަރަކު އަހަރެއްގެ މުއްދަތަށް އާކޮށްދީފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ޓީ ބިލްތަކުގެ އަސްލު އަދަދު ދިވެހި ސަރުކާރުން ދެއްކިއިރު، އޭގެ އިންޓްރެސްޓަށް އެރި ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު ދެއްކުމާ ހަވާލުވީ އިންޑިއާ ސަރުކާރުން ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
https://x.com/sidhant/status/2100903144918327529
މި 350 މިލިއަން ޑޮލަރުގެ ޓީ ބިލަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބަޖެޓް ސަޕޯޓުގެ ގޮތުގައި އެސްބީއައި އިން ގަނެފައިވާ ތިން ޓީ ބިލެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ މީގެ ތެރެއިން ފުރަތަމަ 50 މިލިއަން ޑޮލަރު ޖެނުއަރީ މަހު، އަދި ދެވަނަ 50 މިލިއަން ޑޮލަރު މެއި މަހު ދައްކައިފައެވެ.
ރާއްޖޭގެ ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މި ދަރަނި ދެއްކި ނަމަވެސް، ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ޒަރޫރީ ތަކެތި އެތެރެކުރެވޭނެ މިންވަރަށް ދައުލަތުގައި ފައިސާ އެބަހުރި ކަމަށެވެ. މިފަދައިން ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ، 50 މިލިއަން ޑޮލަރުގެ ޓީ-ބިލް ދެއްކުމުން ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ހުސްވެ، ޒަރޫރީ ތަކެތި އެތެރެކުރަން ދަތިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ބުދަ ދުވަހު ވިދާޅުވެފައި ވަނިކޮށެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި 643.8 މިލިއަން ޑޮލަރު ހުރިއިރު، ބޭނުންކުރެވޭ ރިޒާވްގައި ހުރީ 200.6 މިލިއަން ޑޮލަރެވެ.
މީގެ އިތުރުން، ރާއްޖޭގެ މާލީ ނިޒާމަށް އެހީތެރިވުމުގެ ގޮތުން އިންޑިއާއިން 30 ބިލިއަން އިންޑިއަން ރުޕީސްގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ހަމަޖައްސައިދީފައިވާކަން ވެސް ޖައިސްވާލް ފާހަގަކުރެއްވިއެވެ. އަދި އެސްބީއައި އިން އިތުރު 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު ގަނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މާލީ އެހީތެރިކަމުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށާއި، ރާއްޖެއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ބުނެފައެވެ.