ޔޫކޭ: ކެންސަރު ފަރުވާގައި ބޭނުމެއް ނެތި 20 އަންހެނެއްގެ އުރަމަތި ނެގި މައްސަލައެއް

މި ހާދިސާގައި އަނިޔާ ލިބުނު މީހުންނާއި އެ މީހުންގެ އާއިލާ ބައެއް މެންބަރުން-- ފޮޓޯ: ބީބީސީ

އިނގިރޭސިވިލާތުގެ ނޯތު އީސްޓްގައި ހުންނަ އެންއެޗްއެސް ޓްރަސްޓަކުން ފަރުވާ ހޯދި 20 އަންހެނެއްގެ އުރަމަތި ބޭނުމެއް ނެތި ނަގާފައިވާ ކަމަށް އެ ޓްރަސްޓުން ބުނެފިއެވެ.

ކައުންޓީ ޑަރަމް އެންޑް ޑާލިންޓަން ފައުންޑޭޝަން ޓްރަސްޓް (ސީޑީޑީއެފްޓީ) އިން ބުނި ގޮތުގައި، މިއީ އުރަމަތީގެ ކެންސަރަށް ފަރުވާ ހޯދުމުގެ ތެރޭގައި ހިނގާފައިވާ ކަމެކެވެ. އެ ޓްރަސްޓުގެ ޗީފް އެގްޒެކެޓިވް ސްޓީވް ރަސެލް ވިދާޅުވި ގޮތުގައި، ބަލިމީހުންނަށް ލިބުނު ގެއްލުމަށް އޭނާ މައާފަށް އެދިވަޑައިގަންނަވައެވެ.

ސީޑީޑީއެފްޓީން މިހާރު ދަނީ 2023 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން 2025 ވަނަ އަހަރުގެ ފެބްރުއަރީއާ ދެމެދު ފަރުވާ ހޯދި މީހުންގެ މައްސަލަތައް އެތެރޭގެ ތަހުގީގެއް މެދުވެރިކޮށް ބަލަމުންނެވެ. އެ ޓްރަސްޓުން ބުނި ގޮތުގައި، މިހާތަނަށް ބެލި 514 މައްސަލައިގެ ތެރެއިން 315 މީހަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 77 މީހަކަށް ބޮޑެތި ގެއްލުންތައް ލިބި، އެކަކު ވަނީ މަރުވެފައެވެ.

ރަސެލް ވިދާޅުވި ގޮތުގައި، މި ތަހުގީގު 2015 ވަނަ އަހަރާ ހަމައަށް ފުޅާކޮށް، 10،000 އެއްހާ މައްސަލަ ބެލުމާ މެދު ކުރިއަށް އޮތް ހަފުތާގައި ގޮތެއް ނިންމާނެއެވެ. ނޭޝަނަލް ކްރައިމް އޭޖެންސީން ބުނި ގޮތުގައި، ޑަރަމް ފުލުހުންނާ ގުޅިގެން އެ އިދާރާއިން ދަނީ މި މައްސަލައިގައި ޖިނާއީ ކުށެއް ހިމެނޭތޯ ބަލަމުންނެވެ.

މި ބަލިމީހުންނަށް ފަރުވާ ދިނުމުގައި އިސްކޮށް ހުރި ކޮންސަލްޓަންޓް އާމިރު ބައްޓީ މިހާރު ވަނީ ކްލިނިކަލް މަސައްކަތްތަކުން ސަސްޕެންޑްކޮށްފައެވެ. ނަމަވެސް އޭނާ އަދިވެސް ހުރީ މުސާރަ ލިބޭ ގޮތަށް ވަޒީފާގައެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބައްޓީ އަމިއްލައަށް ހިންގާ ކްލިނިކްތަކަށް ފާއިތުވި ހަ އަހަރުގެ ތެރޭގައި ޓްރަސްޓުން ހަ މިލިއަނެއްހާ ޕައުންޑް ދީފައިވެއެވެ. ރަސެލް ވިދާޅުވި ގޮތުގައި، މި އިންތިޒާމުގެ ސަބަބުން މަސްލަހަތު ފުށުއަރާ ކަންކަން ހުރިކަން ޓްރަސްޓަށް ގަބޫލުކުރެވެއެވެ.

ރޯޔަލް ކޮލެޖް އޮފް ސާޖަންސްގެ ރިޕޯޓަކާ ހަވާލާދީ ބީބީސީން ބުނި ގޮތުގައި، ބަލިމީހުންގެ ފަރުވާއާ ގުޅޭ ނިންމުންތައް ނިންމާފައިވަނީ ކަމާބެހޭ ހުރިހާ ދާއިރާއެއްގެ ޑޮކްޓަރުން ހިމެނޭ ޓީމަކުން މަޝްވަރާކުރުމަށް ފަހުގައެއް ނޫނެވެ. އޭގެ ބަދަލުގައި ގިނަ ނިންމުންތައް ނިންމާފައިވަނީ ވަކިވަކި ސާޖަނުން އަމިއްލައަށެވެ.

އުރަމަތި ނެގި ބައެއް އަންހެނުންނާ ހަވާލާދީ ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ މީހުންނަށް ލިބުނު ޖިސްމާނީ އަދި ނަފްސާނީ ގެއްލުމަކީ މައާފަކުން ފުއްދާލެވޭނެ ކަމެއް ނޫނެވެ. އަދި އެ މީހުން އަންނަނީ މިކަމުގައި ޒިންމާވާ ފަރާތްތައް ހޯދައި، އާންމު ތަހުގީގެއް ހިންގުމަށް ގޮވާލަމުންނެވެ.

ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ސޯޝަލް ކެއާއިން ބުނި ގޮތުގައި، ފުލުހުންގެ ތަހުގީގު ކުރިއަށްދާތީ މިކަމާ ގުޅޭ އިތުރު ތަފުސީލެއް ދެވެން ނެތެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ބަލިމީހުންނަށް ރައްކާތެރި ފަރުވާ ކަށަވަރުކުރުމަށް އެންއެޗްއެސް އިންގްލެންޑާއި މިނިވަން މާހިރުންނާ ގުޅިގެން ޓްރަސްޓުން އަންނަނީ މަސައްކަތްކުރަމުންނެވެ.

comment ކޮމެންޓް