އިންޑިގޯއިން އިތުރު ލަގެޖާއި ޚާއްސަ ޚިދުމަތްތަކުގެ އަގު ބޮޑުކޮށްފި

އިންޑިއާއަށް ދަތުރުކުރުމަށް އިންޑިގޯ އެއާލައިންގެ ފްލައިޓަކަށް ބައެއް ފަސިންޖަރުންތަކެއް އަރަމުންދަނީ----

އިންޑިއާގެ އަމިއްލަ، ބަޖެޓް އެއާލައިނެއް ކަމަށްވާ އިންޑިގޯއިން، އިތުރު ލަގެޖާއި ކުޑަކުދިންގެ ޓިކެޓުގެ އިތުރުން ބައެއް ޚާއްސަ ޚިދުމަތްތަކުން ނަގާ ފީ ބޮޑުކޮށްފިއެވެ.

އިންޑިއާގެ މީޑިއާތަކާ ހަވާލާދީ ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބަދަލުގެ ސަބަބުން އާއިލާތަކަށާއި އިތުރު ލަގެޖު ގެންދާ ފަސިންޖަރުންގެ ދަތުރުގެ ޖުމްލަ އަގު ބޮޑުވާނެއެވެ. މިއީ އެ އެއާލައިނުން ދޭ އިތުރު ޚިދުމަތްތަކުގެ އަގުތައް މުރާޖަޢާކުރުމަށް ކުރިއަށްގެންދާ އާންމު އުސޫލުގެ ދަށުން ގެނައި ބަދަލެކެވެ.

މި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ އިތުރު ލަގެޖަށެވެ. ކުރިން އިތުރުވާ ކޮންމެ ކިލޯއަކަށް 700 ރުޕީސް ނަގަމުން އައި ނަމަވެސް، މިހާރު ކިލޯއަކަށް 800 ރުޕީސް ނަގާނެއެވެ. މި ފީއަކީ ޓިކެޓުގެ އަގުގެ އިތުރުން، ހުއްދަދީފައިވާ ލަގެޖަށް ވުރެ އިތުރަށް ގެންދާ މުދަލަށް ނަގާ ފީއެކެވެ.

އިންޑިގޯ ފްލައިޓެއް: ފޮޓޯ: ޕީޓީއައި

ބޮޑުމީހަކާ ނުލައި އެކަނި ދަތުރުކުރާ ކުދިންނަށް ދޭ ޚިދުމަތުގެ އަގުވެސް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން، އުމުރުން ފަސް އަހަރާއި 12 އަހަރާ ދެމެދުގެ ކުދިން އެކަނި ކުރާ އެތެރޭގެ ދަތުރުތަކަށް ނަގާ ފީ ވަނީ 5،000 ރުޕީސްއިން 5،999 ރުޕީސްއަށް ބޮޑުކޮށްފައެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތަކުގައި މި ޚިދުމަތަށް 12،999 ރުޕީސް ނަގާނެއެވެ.

މީގެ އިތުރުން، ޗެކިންވުމުގައާއި ބޯޓަށް އެރުމުގައި އިސްކަންދޭ "ފާސްޓް ފޯވާޑް" ޚިދުމަތުގެ އަގުވެސް ވަނީ ބޮޑުކޮށްފައެވެ. އެތެރޭގެ އުދުހުންތަކުގައި މި ޚިދުމަތަށް މިހާރު 650 ރުޕީސް ނަގާއިރު، ބައިނަލްއަގުވާމީ ދަތުރުތަކުގެ ކޮންމެ ސެކްޓަރަކަށް 850 ރުޕީސް ނަގާނެއެވެ.

އުމުރުން ތިން ދުވަހާއި ދެ އަހަރާ ދެމެދުގެ ތުއްތު ކުދިންނަށް ވަކި ގޮނޑިއެއް ނުނެގި ނަމަވެސް ޓިކެޓު ނަގަންޖެހޭއިރު، އެ ޓިކެޓުގެ އަގުތަކަށްވެސް އިންޑިގޯއިން ވަނީ ބަދަލު ގެނެސްފައެވެ. މި ފީ ބިނާވެފައިވަނީ ޓިކެޓު ނަގާ ގޮތެއްގެ މައްޗަށެވެ. ހަމައެހެންމެ، ޓްރެވަލް ސެޓްފިކެޓް ދޫކުރުމަށް ކުރިން ނަގަމުން އައި 200 ރުޕީސްގެ ފީ ވަނީ 300 ރުޕީސްއަށް ބޮޑުކޮށްފައެވެ.

މި ބަދަލުތަކާ ގުޅިގެން، ދަތުރުކުރާ ފަރާތްތަކުން ބޭނުންވާ ޚިދުމަތްތަކަށް ބަލައި ޓިކެޓުގެ ޖުމްލަ އަގު ތަފާތުވާނެއެވެ. އެހެންކަމުން، ޚާއްސަކޮށް އިތުރު ލަގެޖު ގެންދާ ފަރާތްތަކާއި، ތުއްތު ކުދިންނާއެކު ދަތުރުކުރާ ފަރާތްތަކުން ޓިކެޓު ނެގުމުގެ ކުރިން އެންމެ ފަހުގެ ފީތައް ބެލުމަށް ރިޕޯޓުތަކުގައި ލަފާދީފައިވެއެވެ.

އިންޑިގޯއަކީ ރާއްޖެއާއި އިންޑިއާއާ ދޭތެރޭ ވެސް ގިނަ ދަތުރުތަކެއް ކުރާ އެއާލައިނެކެވެ.

comment ކޮމެންޓް