ދަރަނި ނަގަންވާނީ ކޮންމެހެން އެއަށް ބޭނުންވާ ހާލަތުގައި އެކަނި ކަމަށާއި އެ ހާލަތުގައި ވެސް ރިބާ ހިމެނޭ ދަރަނި ނެގުމުން ދުރުހެލިވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި އަލިއަޅުވާލީ، މާލީ މުއާމަލާތްތަކުގައި ތެދުވެރިވުމުގެ މުހިންމު ކަމަށެވެ.
ޚުތުބާގައި ބުނީ، މާތްﷲ އިންސާނުންނަށް ދެއްވި މަތިވެރި ނިއުމަތްތަކުގެ ތެރޭ މުދާ ހިމެނޭ ކަމަށެވެ. އެއީ ،އިންސާނާ އަބުރުވެރި ދިރިއުޅުމެއް އުޅުމަށާއި ދުނިޔަވީ އެންމެހައި ޙާޖަތްތައް ފުއްދުމަށް ލައްވައިފައިވާ ވަސީލަތެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ، މުދަލަކީ އިންސާނާއާ ޙަވާލުކުރެވިފައިވާ އަމާނާތެއް ކަމަށެވެ.
މިގޮތުން، މުދަލުން ހޭދަކުރުމުގައި އިގުތިޞާދުކުރުމަކީ މުދާ ގެންގުޅުމުގައި އިސްލާމްދީން ދައްކައިދީފައިވާ މަގެއް ކަމަށް ބުނެ، ޚުތުބާގައި ވަނީ މުދަލުން ހޭދަކުރުމުގައި އިސްރާފުނުކުރުމާއި، ދަހިވެތިނުވުމަށް ގޮވާލާފައެވެ.
ޚުތުބާގައި ބުނީ، ހޭދަކުރުމުގައި މެދުމިންވުމަކީ މުދަލުގައި މާތް ﷲ ބަރަކާތްލައްވައި އެ މުދާ ރައްކާތެރިކުރައްވާނޭ ކަމެއް ކަމަށެވެ. އެއާ ޚިލާފަށް އިސްރާފުކުރުމަކީ އަތްމަތި ދަތިވެ، ފުން އަނދަވަޅަކަށް އިންސާނާ ވެއްޓޭ ކަމެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.
މުދަލުގެ ވާހަކަދައްކާއިރު، އަދާކުރެވޭނެ ގޮތެއް ނެތި ދަރަނި ނަގާ މައްސަލައަށް ވެސް ޚުތުބާގައި އަލިއަޅުވާލިއެވެ. އެގޮތުން، ދަރަނީގެ މުޢާމަލާތަކީ އެ ކަމާ މެދު އަހަރެމެން ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ.
ދަރަންޏަކީ ދަރަނިވެރިޔާގެ ބޮލުގައި އެޅިފައިވާ އަމާނާތެއް ކަމަށްވާއިރު، ދަރަނިދޭ މީހާގެ ޙައްޤެކެވެ.
"ދަރަނި ނަގާންވާނީ ކޮންމެހެން އެ ކަމަށް ބޭނުންވެ އެ ދެއްކޭނޭ މަގު ތަނަވަސްވެފައިވާ ނަމައެވެ. އަދި މި ފަދައިން ދަރަންޏެއްނަގާން ޖެހޭ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވާށެވެ! އެހެނީ ރިބާގެ މުޢާމަލާތްތަކުން ދުރުހެލިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ" ޚުތުބާގައި ބުންޏެވެ.
މީގެއިތުރުން، މީސްތަކުންގެ މެދުގައި ވެވޭ މާލީ އެއްބަސްވުންތަކަށް އިޙުތިރާމުކުރުމާއި އެ އަށް ތަބާވުމަކީ ވާޖިބު ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އޭގެތެރޭގައި، ދަރަންޏާއި ގަނެވިއްކުމާއި، ކުއްޔަށްދިނުމާއި އެއްމެދު އެއްބަސްވުންތައް ހިމެނެއެވެ.
އެއާއެކު، ހަރުދަނާކަމާ އެކު މާލީ މުޢާމަލާތްތައްކުރުމަކީ ތިމާގެ ޙިކުމަތްތެރިކަމުގެ ޢަލާމާތެއްގެ ގޮތުގައި ޚުތުބާގައި ސިފަކުރިއެވެ. އަދި އެއީ ޢާއިލާއާއި މުޖުތަމަޢު ހަރުދަނާވުމުގެ ސަބަބެއްކަން ފާހަގަކޮށް ޚުތުބާގައި ވަނީ އަހަރެމެންގެ މާލީ އެންމެހައި ކަންކަމަކީ ﷲގެ ޙަޟުރަތާ ކުއްތަންވުމުގެ ތެރޭގައި ހިމެނޭ ކަންކަމަށް ހަދަން ޖެހޭ ކަމަށް ބުނެފައެވެ.
މިއަދުގެ ޚުތުބާ ނިންމާލީ، އަހަރެމެންގެ މުދަލުގައި ބަރަކާތްލައްވައި، ހެޔޮ ގޮތުގައި މުދާ ހޯދުމާއި ހޭދަކުރުމަށް މަގުފަހިކޮށްދެއްވައި ހެޔޮ މަގުން ހިނގުމުގެ ތައުފީޤު މިންވަރު ކޮށްދެއްވުން އެދި ދުއާކުރަމުންނެވެ.