ލޯތްބަކީ ހާމަކުރަންޖެހޭ އެއްޗެކެވެ.

ލޯތްބަކީ އިންސާނަަކަށް އެންމެ އުފާވެރިކަން ގެނެސްދޭ ތަޖުރިބާތަކުގެ ތެރެއިން އުފަންވާ އިހުސާސެކެވެ.

އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ބޮޑުވެފައިވަނީ، ލޯތްބަކީ ކޮންމެހެން ދުލުން ބުނެދީގެން އިހުސާސްކުރެވްނެޖެހޭ އެއްޗެއް ނޫންކަމަށް ގަބޫލުކުރެވޭ މާޙައުލެއްގައެވެ. މައިންބަފައިން ދަރިންދެކެ ލޯބިވުމާއި، ދެމަފިރިން އެކަކު އަނެކަކަށް އަޅާލުމާއި، އަދި އާއިލާގެ މެންބަރުންގެ މެދުގައި އޮންނަ ގާތްކަމަކީ އޭގެ ޒާތުގައި ލޯބި ހާމަކޮށްދޭ ހެއްކެއް ކަމަށް ބެލެވޭތީ، ހިތުގައިވާ ލޯބި ބަހުން ބަޔާންކުރުމަކީ ބައެއް ފަހަރު ކޮންމެހެން ބޭނުންތެރި ކަމެއް ނޫން ކަމަށް ނުވަތަ އުނދަގޫ ކަމަކަށް ވެފައި އޮވެއެވެ. ގިނަފަހަރަށް ބެލެވިފައި އޮންނަނީ، ޚާއްޞަކޮށް ބުނެދިނުމަކާ ނުލައިވެސް އެކަކު އަނެކަކަށް ލޯބި އިޙްސާސްވާނެ ކަމަށެވެ.

ނަމަވެސް، މީހަކުދެކެ ލޯބިވާކަން އެނގުމާއި، އެމީހަކަށް އެ ލޯބި އިހުސާސްކުރެވުމާ ދެމެދު ވަރަށް ބޮޑު ތަފާތެއްވެއެވެ. ފިރިއަކު އޭނާގެ އަނބިމީހާދެކެ އިންތިހާއަށް ލޯބިވެދާނެއެވެ. އެކަމަކު އެ ލޯބި – ބުނުމުންނާއި ތައުރީފު ކުރުމުންނާއި އަޅާލުމުން ނުވަތަ އޯގާތެރިކަމުން ފާޅުނުކުރާނަމަ، އަނބިމީހާއަށް އެ ލޯބި އިހުސާސެއް ނުކުރެވޭނެއެވެ. ހަމައެފަދައިން، އަނބިމީހާ ފިރިމީހާއަށް ކިތަންމެ އޯގާތެރިވި ނަމަވެސް، އޭނާއަކީ އަގުވަޒަންކުރެވޭ، ލޯބިވާ މީހެއްކަން ބުނާއަޑުއަހަން ފިރިމީހާވެސް ބޭނުންވާނެއެވެ. މިއީ މައިންބަފައިންނާއި ދަރިންނާއި، އާއިލީ ގުޅުންތަކާއި، އަދި ގާތް އެކުވެރިންގެ މެދުގައިވެސް އޮންނަ ހަގީގަތެކެވެ.

ލޯތްބަކީ އެއް ހިތުން އަނެއް ހިތަށް ދަތުރުކުރަންޖެހޭ އެއްޗެކެވެ.

އިންސާނުންނަކީ އަބަދުވެސް ގާތްގުޅުންތަކަށް ބޭނުންވާ ބައެކެވެ. އަޅުގަނޑުމެންގެ ވަށައިގެންވާ މީހުންނަށް އަޅުގަނޑުމެން ފެންނަކަމާއި އަގުވަޒަންކުރާކަމާއި އިޙްތިރާމްކުރާކަމާއި އަޅުގަނޑުމެންނަކީ އެމީހުންނަށް މުހިންމު ބައެއްކަން އިޙްސާސްވާން ބޭނުންވެއެވެ. ނަފްސާނީ ދިރާސާތަކުން ދައްކާގޮތުގައި، އިންސާނާގެ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ނަފްސާނީ ދުޅަހެޔޮކަން ބިނާވެފައިވަނީ އެމީހަކާ އަނެކުންނާ ދެމެދު އޮންނަ ގާތް އޯގާތެރި ގުޅުމުގެ މައްޗަށެވެ.

މާނައަކީ، ގުޅުމެއްގެ ފެންވަރު ބިނާވަނީ ހަމައެކަނި އަޅުގަނޑުމެންގެ ހިތުގައި އޮންނަ އިޙްސާސްތަކުގެ މައްޗަކަށް ނޫނެވެ. އެއާ ޚިލާފަށް، އަނެކާއަށް އަޅުގަނޑުމެންގެ ފަރާތުން މެދުނުކެނޑި ކުރެވޭ ތަޖުރިބާތަކުގެ މައްޗަށެވެ.

ލޯބި ފާޅުކުރުމުގައި އެންމެ ވަރުގަދަ އެއް ވަސީލަތަކީ "ވަގުތު ދިނުން" ނުވަތަ އެކުގައި ހުރުމެވެ. މިއީ ހަމައެކަނި ޖިސްމާނީގޮތުން މީހެއްގެ ކައިރީގައި ހުރުމެއް ނޫނެވެ. އެއީ އެމީހަކަށް ފުރިހަމަ ސަމާލުކަން ދިނުމެވެ. ބައިވެރިޔާ ވާހަކަދައްކަން ބޭނުންވުމުން ފޯނު ބާއްވާލުމެވެ. މައިންބަފައިންގެ ކައިރީގައި އިށީނދެ ކެތްތެރިކަމާއެކު އެމީހުންގެ ވާހަކަ އަޑުއެހުމެވެ. ނުވަތަ ދަރިފުޅު ދައްކަން އުޅޭ ވާހަކަ ނިމެންދެން ސަމާލުކަން ދިނުމެވެ.

އެފަދަ ވަގުތުތަކުގައި، އަޅުގަނޑުމެން ދޭ ސަމާލުކަމުން ބުނެދެނީ، އަނގަބަހުން ބުނެދެވޭ ވަރަށްވުރެ މާފުން މެސެޖެކެވެ. އެއީ "ތިޔައީ އަހަންނަށް ވަރަށް މުހިންމު މީހެއް" ކަމެވެ. މިއަދުގެ މި ހަލަބޮލި ދުނިޔޭގައި މިއީ އަޅުގަނޑުމމެން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ ކަމެކެވެ.

ލޯބިވާ މީހެއްގެ ގާތުގައި އިންނައިރުވެސް، ތިމާގެ ސިކުނޑި މުޅިން އެހެންތަނެއްގައި އޮވެދާނެއެވެ.

ފޯނުގެ ނޮޓިފިކޭޝަންތަކާއި، މެސެޖުތަކާއި، މަސައްކަތުގެ ނުވަތަ ސޯޝަލް މީޑިއާގެ ތެރެއަށް ގެއްލިދާނެއެވެ. ބައެއް ފަހަރު އަޅުގަނޑުމެންގެ ގާތް މީހުންނަށް ލިބެނީ އެހެން ހުރިހާ ކަމަކަށް ސަމާލުކަން ދިނުމަށްފަހު ބާކީވާ ވަގުތުކޮޅަކަށް ވެދާނެއެވެ. ނަމަވެސް، ލޯބި ބޭނުންވަނީ މީގެ އިދިކޮޅެވެ. އަޅުގަނޑުމެންނަށް އެންމެ މުހިންމު މީހުންނަށް، އަޅުގަނޑުމެންގެ އެންމެ ފުރިހަމަ ސަމާލުކަން އެންމެ ފުރަތަމަ ދިނުމެވެ.

އަޅުގަނޑުމެން ބުނާ ކޮންމެ އެއްޗަކީވެސް އެހާމެ މުހިންމު އެއްޗެކެވެ. "އަހަރެން ކަލާދެކެ ލޯބިވޭ"، "އަހަރެންނަށް ތީ ވަރަށް މުހިންމު މީހެއް"، ނުވަތަ "އަހަރެންގެ ދިރިއުޅުމުގައި އެކުގައި ހުރީތީ ވަރަށް އުފާކުރަން" ފަދަ ވާހަކަތަކަކީ އާދައިގެ ކަމެއް ނޫނެވެ. އަޅުގަނޑުމެން އެމީހުންދެކެ ލޯބިވާކަން އެމީހުންނަށް އެނގިފައި އޮތް ނަމަވެސް، އެ ބަސްތައް އަޑުއިވުމުން ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑެވެ.

ކުއްލިއަކަށް ފޮނުވާލާ ކުރު މެސެޖެއް، ނުވަތަ އެހެން ބޭނުމެއްނެތި ހަމައެކަނި ހާލުބަލާލަން ކުރާ ފޯނު ކޯލެއް، ނުވަތަ އަތުން ލިޔެފައި އޮންނަ ކުރު ނޯޓެއް، މިއީ މީހެއްގެ ހިތުގައި ވަރަށް ގިނަ ދުވަހު ބިންވަޅު ނެގިފައި އޮވެދާނެ އުފާވެރި ހަނދާންތަކެކެވެ.

ގިނަފަހަރަށް އަޅުގަނޑުމެން ލޯބި ފާޅުކުރަން މަޑުކުރަނީ ޚާއްޞަ މުނާސަބަތުތަކަށެވެ.

އުފަންދުވަސްތަކާއި، ކައިވެނީގެ އަހަރީ ދުވަސްތަކާއި، އުފާވެރި މުނާސަބަތުތަކަކީ ލޯބިވާ ވާހަކަ ބުނަން އަޅުގަނޑުމެންނަށް ފަސޭހަވާ ވަގުތުތަކެވެ. އެކަމަކު އާދައިގެ އެތައް ދުވަހެއް މިފަދަ އެއްވެސް ބަހެއް ނެތި ފާއިތުވެގެން ހިނގައިދާނެއެވެ. އެއީ އެކަން އޮންނަންޖެހެ ގޮތެއް ނޫނެވެ.

ހިތާމައަކީ، ބައެއް މީހުންގެ ހަޔާތުގައި އެމީހުންނަށްޓަކައި ބުނެވޭ އެންމެ ރީތި ލޯބީގެ ބަސްތައް ބުނެވެނީ އެމީހުން ދުނިޔެ ދޫކުރުމަށްފަހު، އެ ބަސްތައް އަޑުއަހާނެ މީހަކު ނެތް ވަގުތުގައެވެ. އަޅުގަނޑުމެން ލޯބިވާ މީހުން ދުނިޔޭގައި ތިއްބާ، ހިތްހެޔޮކަމާއެކު އެމީހުންނާމެދު އަޅުގަނޑުމެންގެ ހިތުގައިވާ ޝުޢޫރުތައް ފާޅުކުރުމަކީ މާ ބޭނުންތެރި ކަމެކެވެ. އަޅުގަނޑުގެ ހަޔާތުގައި މިއީ އަޅުގަނޑު އެންމެ ހިތާމަކުރާ ކަންތަކެވެ. އަޅުގަނޑުގެ އަމާ ދުނިޔޭގައި ހުރިއިރު އަމާދެކެ ކިހާލޯބިވާކަން ނުބުނެވި އޮތީމައެވެ.

ލޯތްބަކީ އެކަކު އަނެކަކަށްޓަކައި އަޅުގަނޑުމެން ކޮށްދޭ އާދައިގެ ކުދިކުދި ކަންތައްތަކުގެ ތަޖުރިބާގެ ތެރެއިން އުފަންކުރުވާ އިހްސާސެކެވެ.

އެއީ މީހަކު އެންމެ ބޯން ބޭނުންވާގޮތަށް ސައިތަށްޓެއް ތައްޔާރުކޮށްލަދިނުން ކަމަށްވެދާނެއެވެ. ދުވަސް ދިޔަގޮތާ ބެހޭގޮތުން ސުވާލުކޮށް، އިޚްލާޞްތެރިކަމާއެކު ކަނުލާ އަޑުއަހާލުން ކަމަށްވެދާނެއެވެ. އެމީހަކަށް މުހިންމު ކަމެއް ހަނދާން ބެހެއްޓުން، ދަތި ހާލަތެއްގައި އުޅޭއިރު ހާލު ބަލާލުން، ނުވަތަ ހަމައެކަނި އެކުގައި ހުރުމުގެ ބޭނުމުގައި ކޮންމެވެސް ތަނަކަށް އެމީހަކާއެކު ގޮސްލުން ކަމުގައިވެސް ވެދާނެއެވެ.

ބޭރުފުށުން ބަލާއިރު މިއީ ކުދިކުދި ކަންތައްތައް ކަމުގައި ހީވިޔަސް، ގުޅުންތައް ބިނާވަނީ މިފަދަ ކުދިކުދި އޯގާތެރި ކަންތައްތަކުގެ މައްޗަށެވެ. ބޮޑެތި ހަދިޔާތަކަށްވުރެ ބޮޑަށް، ގުޅުންތަކަށް ސާބިތުކަން ގެނެސްދެނީ ވަރުގަދަކޮށްދެނީ، ކޮންމެ ދުވަހަކު ތަކުރާރުވާ މިފަދަ ކުދިކުދި ހެޔޮ އަމަލުތަކެވެ. މިއީ އާއިލީ ގުޅުމުގައި ވަރަށް މުހިންމު ކަމެކެވެ.

އެންމެފުރަތަމަ ލޯބިދޭންވީ ތިމާގެ ގާތްތިމާގެ މީހުންނަށެވެ.

އަޅުގަނޑުމެންނާ އެންމެ ގާތް މީހުންނަކީ، އަޅުގަނޑުމެންގެ އޯގާތެރިކަމުގެ އެންމެ ކުޑަ މިންވަރު ލިބެންޖެހޭ ބަޔަކަށް ވާކަށް ނުޖެހެއެވެ. އެހެންނަމަވެސް، އެކުގައި ގިނަ ދުވަސްވުމުން، ބައެއް ފަހަރު އަޅުގަނޑުމެން އެކަކު އަނެކަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވެގެންދެއެވެ.

https://sun.mv/222659

އުފާވެރިކަމާ ބެހޭ ދިރާސާތަކުން ދައްކާގޮތުގައި، އެކުގައި ކުރެވޭ އުފާވެރި ތަޖުރިބާތަކަކީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑު ބާރެއް ލިބޭ ކަމެކެވެ. އެއީ އެކަންކަން އަޅުގަނޑުމެންގެ ހަނދާންތަކާއި ގުޅުންތަކާއި ދިރިއުޅުމުގެ ވާހަކަތަކުގެ ބަޔަކަށް ވާތީއެވެ. މީހަކަށް އަޅުގަނޑުމެން ގަނެދޭ އެއްޗަކަށްވުރެ، އެމީހަކާއެކު ހޭދަކުރާ ވަގުތުގެ އަގު މާބޮޑެވެ. އަވަސްއަރުވާނުލައި އެކުގައި ކާންއިނުން، އެކުގައި ހިނގާލަން ދިއުން، އާއިލީ ދަތުރެއް، ސައިބޯންތިބެ ދައްކާލާ ވާހަކައެއް، ނުވަތަ ހަމައެކަނި އެކަކު އަނެކަކުގެ ކައިރީގައި ހިތްހަމަޖެހިލައިގެންތިބެ ހޭދަކުރާ ވަގުތުތަކަކީ، އެ ވަގުތު އަޅުގަނޑުމެންނަށް އިޙްސާސް ކުރެވޭ ވަރަށްވުރެ މާ މާނަވީ ކަންކަމަށް ވެގެންދެއެވެ.

ހަދިޔާއެއް ދިނުން ފަދަ އާދައިގެ ކަމަކަށް ވިސްނާލަމާ ހިނގާށެވެ. އޮންލައިންކޮށް އެއްޗަކަށް އޯޑަރުކޮށްލައިގެން އެ މީހަކަށް ފޮނުވާލުމަކީ ގޯސް ކަމެއް ނޫނެވެ. ނަމަވެސް، އެކުގައި އެ އެއްޗެއް ބަލާ ގޮސް، އެކުގައި އުޅެ، ވާހަކަދައްކާ ހީނސަމާސާކޮށް، އެކުގައިތިބެ ކޮންމެވެސް ކާއެއްޗަކަށް އިންސާފުކޮށްލާ ހެދުމުން، އެ ހަދިޔާއާ ގުޅިފައިވާ އުފާވެރި ހަނދާނެއް އޮންނާނެއެވެ. އޭގެ މާއްދީ އަގު އެއްވަރުވީ ނަމަވެސް، އެކަމުން ލިބޭ ނަފްސާނީ ހިތްހަމަޖެހުން މުޅިން ތަފާތުވާނެއެވެ. ސަބަބަކީ އެކުގައި ކުރެވުނު ތަޖުރިބާއަކީވެސް އެ ހަދިޔާގެ ބައެއް ކަމަށް ވާތީއެވެ.

https://sun.mv/221642

ހިތުގައިވާ ޝުޢޫރުތައް ފާޅުކުރުމަށްޓަކައި ޚާއްޞަ ދުވަހަކަށް، ނުވަތަ ހިތާމަވެރި ހާދިސާއަކަށް، ނުވަތަ މީހަކު ގެއްލިދާނެ ކަމުގެ ބިރުވެރިކަމެއް އަންނަންދެން މަޑުކުރާކަށް ނުޖެހެއެވެ. ފޯނުކޮށްލާށެވެ. މެސެޖެއް ފޮނުވާލާށެވެ. ލޯތްބާއެކު ސަލާމްކޮށްލާށެވެ. އެކުގައި އިށީނދެލާށެވެ. ސިޓީއެއް ލިޔެލާށެވެ. ފުރިހަމަޔަށް ސަމާލުކަން ދީގެން ކަނުލާއަޑުއަހާލާށެވެ. އަދި އުފާވެރި ހަނދާންތައް އުފައްދާށެވެ. މިއަދު ފާޅުކޮށްލާ ކުޑަކުޑަ ލޯބީގެ އަމަލަކީ، މާދަމާ މީހެއްގެ ހަޔާތުގައި އެންމެ އަގުބޮޑު ހަނދާނަށް ވެގެން ހިނގައިދާނެއެވެ.

މީހަކަށް ދެވޭނެ އެންމެ ބޮޑު އެއް ހަދިޔާއަކީ، އެމީހަކީ ލޯބިލިބޭ، އަގުހުރި، އަދި މުހިންމު މީހެއްކަމުގެ އިޙްސާސް ކުރެވޭ މީހަކަށް ހަދާދިނުމެވެ. ލޯތްބަކީ ހަމައެކަނި އަޅުގަނޑުމެންގެ ހިތުގައި ފޮރުވިފައި އޮންނަ އިހުސާސަކުން، އަނެކާއަށް ކުރެވޭ ހަގީގީ ތަޖުރިބާއަކަށް ބަދަލުވަނީ މިދެންނެވި މަގުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް