ރަސްގެފާނު ޗާލްސް ވެސް އޭއައިއާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފި

އެންވީޑިއާގެ ޖެންސަން ހުއާން (ކ) އާއި ރަސްގެ ފާނު ޗާލްސް ---- ދ

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، ވެސް އޭއައި ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ ކުރިއެރުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، މާ ލަސްވުމުގެ ކުރިން އެކަން ކޮންޓްރޯލް ކުރާނެ ގޮތެއް ހޯދުމަށް އިސްވެރިންނަށް ގޮވާލައްވައިފިއެވެ. މި ކަންބޮޑުވުންތައް ފާޅުކުރައްވާފައިވަނީ ޝާހީ އާއިލާގެ މިލްކުވެރިކަމުގެ ދަށުގައިވާ ސްކޮޓްލެންޑްގެ ޑަމްފްރީސް ހައުސްގައި ބޭއްވެވި ޚާއްޞަ ސަމިޓެއްގައެވެ.

އެމަނިކުފާނު މި ސަމިޓް ބޭއްވެވީ އޭއައި ދާއިރާގެ އެންމެ ނަން މަޝްހޫރު ބައެއް ފަރާތްތަކާއި އިނގިރޭސި ސަރުކާރުގެ އިސްވެރިންނާއެކުގައެވެ. މި ބައްދަލުވުމުގައި އެންވީޑިއާގެ ޖެންސަން ހުއާން އާއި، އޯޕަންއައި އަދި އެންތްރޮޕިކްގެ އިސްވެރިންނާއި، އިނގިރޭސިވިލާތުގެ އޭއައި މިނިސްޓަރު ކަނިޝްކާ ނަރާއިންގެ އިތުރުން ޤައުމީޖާސޫސީ އިދާރާގެ އިސްވެރިޔާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕޯޕްގެ އޭއައި ލަފާދޭ ބޭފުޅެއް ކަމަށްވާ ޕޮލޯ ބެނަންޓީ ވެސް މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ޤާނޫނީ ސަބަބުތަކާ ހުރެ ޝާހީ އާއިލާއިން ސިޔާސީ ކަންކަމާ ގާތްގަނޑަކަށް ބެހިވަޑައިނުގަންނަވާތީ، ރަސްގެފާނުގެ މި ވާހަކަފުޅުތައް ވެގެންދިޔައީ ވަރަށް ފާހަގަކޮށްލެވޭ ކަމަކަށެވެ. އެމަނިކުފާނު ވިދާޅުވީ އޭއައިގެ ބާރު ދުވެއްޔަކީ "ހައިރާންކުރަނިވި އަދި އެހާމެ ކަންބޮޑުވާންޖެހޭ" ފަދަ ކަމެއް ކަމަށެވެ.

https://sun.mv/227612

އަދި ބޭސްވެރިކަމާއި އިލްމީ ދާއިރާތަކުގައި އޭއައި އިން އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށް ބޮޑު ދައުރެއް އަދާކުރަމުންދާކަން ފާހަގަކުރައްވަމުން، މި ޓެކްނޮލޮޖީ އުފެއްދި ފަރާތްތަކުން ވެސް މިހާރު އިންޒާރުދެމުންދަނީ އޭއައިގެ ސަބަބުން ފުރާނައަށް ނުރައްކާވެދާފަދަ ނުރައްކާތެރި ސިފަތަކެއް އަށައިގަތުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ. މިއީ އެންތްރޮޕިކްގެ ރިސާޗަރަކު، އިންސާނުންނަށްވުރެ މާ ބުއްދިވެރި މެޝިންތައް ބިނާކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި އިންސާނުނަށް މިއިން ސަލާމަތްނުވެވިދާނެ ކަމަށް ބުނެ މަގާމުން އިސްތިއުފާދިންތާ މާގިނަ ދުވަސްތަކެއް ނުވަނީސް ދެއްކެވި ވާހަކަފުޅެކެވެ.

މި ޓެކްނޮލޮޖީ ނުބައި ބައެއްގެ އަތްމައްޗަށް ގޮސް ނުރައްކާތެރި ގޮތްގޮތަށް ބޭނުންކޮށްފިނަމަ ކުރިމަތިވެދާނެ ނުރައްކާތަކަށް ވިސްނައި، އެކަމާ މެދު އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ބައިނަލްއަޤްވާމީ ގުޅުމާއި އެއްބަސްވުންތަކުގެ ޒަރީޢާއިން އޭއައިގެ ހެޔޮ ގޮތްތައް ހޯދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ. މީގެ ކުރިން އެންތްރޮޕިކް އިން އެމްރިކާގެ ކަސްޓަމަރުންނަށް އެކަނި އެ ކުންފުނީގެ މޮޑެލްތައް ލިބޭގޮތަށް ހެދުމުން ޔޫރަޕްގެ ޓެކް ދާއިރާއަށް ބޮޑު ހައިރާންކަމެއް ލިބިފައިވާކަން ވެސް ފާހަގަކުރެވެއެވެ.

ޓެކްނޮލޮޖީ ކުރިއެރުވުމުގެ ބަދަލުގައި އިންސާނިއްޔަތާއި މުޖުތަމައު އަދި ގުދުރަތީ ވެށީގެ ޚިދުމަތުގައި އެކަން ދެމެހެއްޓުމަށް ރަސްގެފާނު އެދިވަޑައިގެންނެވިއެވެ. ރިޕޯޓްތައް ބުނާގޮތުން ރަސްގެފާނު މި ސަމިޓުގައި ގާތްގަނޑަކަށް ވިހި މިނެޓު ހޭދަކުރެއްވުމަށްފަހު، ބައިވެރިންނަށް މި ކަންކަމާ މެދު މަޝްވަރާކުރެއްވުމުގެ ފުރުސަތު ދެއްވައި ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އޯޕަންއައިގެ ފަރާތުން ޗީފް ފައިނޭންޝަލް އޮފިސަރު ސާރާ ފްރިއާ ބައިވެރިވެވަޑައިގެންނެވި އިރު، އެންތްރޮޕިކްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ގްލޯބަލް އެފެއާޒްގެ އިސްވެރިޔާ ޓީނޯ ކުއެލާ އެވެ. އަދި ކުއެލާ ވިދާޅުވީ މިފަދަ މުހިންމު މަޝްވަރާއެއްގައި ބައިވެރިވެވުމުން އުފާކުރައްވާ ކަމަށާއި ރަސްގެފާނަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.

ރަސްގެފާނު މީގެ ކުރިން 2023 އަދި 2024 ވަނަ އަހަރު ވެސް އޭއައިގެ ފައިދާތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަވާފައިވެއެވެ. ނަމަވެސް މި ސަމިޓް ވެގެންދިޔައީ މިހާރު ޓެކްނޮލޮޖީގެ ދާއިރާގައި މިއީ އެންމެ ބޮޑަށް ވާހަކަދެކެވޭ އެއް ކަމަށްވުމުން ވަރަށް މުހިންމު ވަގުތަކާ ދިމާވި ކަމަކަށެވެ. މި މަހުގެ ތެރޭގައި އޯޕަންއައިގެ ސޭމް އަލްޓްމަން، އީލަން މަސްކް އަދި އެންތްރޮޕިކްގެ ޑާރިއޯ އަމޯޑޭ އޭއައި ތަރައްގީކުރުން މަޑުޖައްސާލުމަށް ގޮވާލާފައިވީ ނަމަވެސް، އެންވީޑިއާގެ ހުއާން އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަމާ ދެކޮޅުހައްދަވާފައެވެ. "އަޅުގަނޑުމެން އޭއައިގައި ޗައިނާއަށްވުރެ ކުރީގައި މި އުޅެނީ. އަޅުގަނޑުމެންނަކީ ދުނިޔޭގައިވާ އެންމެ ޤާބިލު ޤައުމު، ކޮންމެ ފަރާތަކުން އޭއައި ކާމިޔާބުކުރި ނަމަވެސް އެކަން އެގޮތަށް ދަމަހައްޓަން ބޭނުންވޭ،" ރައީސް ވިދާޅުވިއެވެ.

ބޮޑެތި ޓެކް ކުންފުނިތަކާއި، ސިޔާސީ ފަރާތްތަކާއި، މުޖުތަމައުގެ މަސްލަހަތު އެކުވެފައިވުމުން މި މައްސަލަ ވަނީ ވަރަށް ބޮޑަށް އޮޅުންބޮޅުންވެފައެވެ. ފާއިތުވި އަހަރުތަކުގައި އޯޕަންއޭއައި އަދި އެންތްރޮޕިކް އިން ބޮޑެތި އައިޕީއޯ ތަކެއް ގެނައުމަށް ރޭވި ނަމަވެސް، އޭއައިގެ ރައްކާތެރިކަމާ މެދު ކަންބޮޑުވުންތައް ހުރުމުގެ ސަބަބުން މި އަހަރު އޯޕަންއައިގެ އައިޕީއޯ ޕްލޭންތައް ވަނީ މަޑުޖެހިފައެވެ.

comment ކޮމެންޓް