ވަޓްސްއެޕުން އައިއޯއެސް ޔޫޒަރުންނަށް ޚާއްސަ އާ ސާޗް ޝޯޓްކަޓެއް ތައާރަފުކުރަނީ

މިދިޔަ އޮގަސްޓް މަހު މި ފީޗާ ތަރައްގީކުރަމުންދާކަން ވަނީ ފާހަގަވެފައި ---

ވަޓްސްއެޕުން އައިއޯއެސް ޑިވައިސްތައް ބޭނުންކުރާ ޔޫޒަރުންނަށް ޗެޓްތަކާއި ޗެނަލްތަކުން ބޭނުންވާ މެސެޖުތައް ހޯދުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން އާ ސާޗް ޝޯޓްކަޓެއް ތައާރަފުކުރަން ފަށާފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.

މި ބަދަލުގެ ސަބަބުން ކޮންވާސޭޝަން އިންފޮމޭޝަން ސްކްރީނަށް ނުގޮސް، ސީދާ ޗެޓްގެ ތެރެއިން މެސެޖުތައް ހޯދުމުގެ މަސައްކަތް އަވަސްވެގެންދާނެއެވެ.

މި ފީޗާ ފުރަތަމަ ފެނިފައިވަނީ ވަޓްސްއެޕްގެ މިފަދަ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ ވާބެޓާއިންފޯ އަށް ކަމަށާއި، މިއީ އެޕް ސްޓޯރުން ލިބެންހުރި އައިއޯއެސް ވާޝަން 26.36.74 ގައި ހިމެނޭ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް މިވަގުތު މި ފީޗާ އެއްވެސް އައިއޯއެސް ޔޫޒަރަކަށް އަދި ލިބޭގޮތަށް ހަމަޖެހިފައެއް ނުވެއެވެ. ވަޓްސްއެޕުން ރަސްމީކޮށް މި ފީޗާ އާންމުކޮށް ދޫކޮށްލާނެ ސީދާ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި އާ ކޮންޓްރޯލް ފެންނާނީ ޔޫޒަރުން ޗެޓެއްގެ މައްޗަށް ސްކްރޯލްކޮށްލާ ވަގުތު ނެވިގޭޝަން ބާގެ ދަށުންނެވެ. އެ ބަޓަނަށް ފިތާލުމާއެކު ސީދާ ސާޗް މޯޑަށްގޮސް ކީވޯޑެއް ޖަހައިގެން މެސެޖުތައް ހޯދޭނެއެވެ. އަދި މި ޝޯޓްކަޓް ޗެނަލްތަކުގައިވެސް މަސައްކަތްކުރާނެ ކަމަށާއި، މީގެ ސަބަބުން ކުރީގެ އަޕްޑޭޓްތައް ހޯދުމަށް ޗެނަލްގެ އިންފޮމޭޝަން ޕޭޖަށް ނުގޮސް ފަސޭހައިން ބަލައިލެވޭނެކަމަށް ބުނެފައިވެއެވެ.

މި ބަދަލުގެ ސަބަބުން ސާޗް ކުރުމުގެ މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ---

މިދިޔަ އޮގަސްޓް މަހު މި ފީޗާ ތަރައްގީކުރަމުންދާކަން އެންމެ ފުރަތަމަ ހާމަކުރިއިރު، މި ބަޓަން ޓެސްޓުކޮށްފައިވަނީ ކޮންވާސޭޝަންގެ އެންމެ ތިރީގައެވެ. ނަމަވެސް މިހާރު ގެނައި ބަދަލާއެކު މި ބަޓަން ވަނީ މައްޗަށް ބަދަލުކޮށްފައެވެ. އަދި ޔޫޒަރުން ޗެޓުގެ އެންމެ ފަހުގެ މެސެޖުތަކަށް ސްކްރޯލްކޮށްލުމުން މި ބަޓަން އަމިއްލައަށް ފޮރުވިގެންދާނެއެވެ.

މި ބަދަލުގެ ސަބަބުން ސާޗް ކުރުމުގެ ޕްރޯސެސް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ. ކުރިން ޗެޓެއްގެ ތެރެއިން މެސެޖެއް ހޯދުމަށްޓަކައި ޗެޓް އިންފޮމޭޝަން ސްކްރޯލްކޮށް، އެއަށްފަހު ސާޗް އޮޕްޝަން ޚިޔާރުކުރަންޖެހެއެވެ. ނަމަވެސް އާ ޝޯޓްކަޓާއެކު ސީދާ ޗެޓް އިންޓަފޭސްއިން ފެށިގެން ސާޗް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިވަގުތު މި ފީޗާ މަޑުމަޑުން ބައެއް ޔޫޒަރުންނަށް ލިބެމުންދާއިރު، ކުރިއަށް އަންނަ ހަފުތާތަކުގައި ގިނަ އެކައުންޓްތަކަކަށް މި ޚިދުމަތް ފުޅާވެގެންދާނެއެވެ.

comment ކޮމެންޓް