އިނގިރޭސިވިލާތުގެ ކޮމަންވެލްތު ސްކޮލަޝިޕާއި އިންޑިއާގެ ނެތާޖީ ސުބާސް-އިކާ އިންޓަނޭޝަނަލް ފެލޯޝިޕަށް ކުރިމަތިލުމުގެ ފުރުސަތު، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން މިއަދު ހުޅުވާލައިފިއެވެ.
މިނިސްޓްރީން އާންމުކުރި އިއުލާނުގައިވާ ގޮތުން، 2027-2028 ވަނަ އަހަރަށް އިނގިރޭސިވިލާތުން ދީފައިވަނީ މާސްޓާސް ޑިގްރީ ފެންވަރަށް ކިޔެވުމުގެ ތިން ޖާގައެވެ. މި ސްކޮލަޝިޕަށް އެދޭ ފަރާތްތަކަކީ ހުށަހަޅާ ކޯހާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. އަދި އެއީ މިހާރު ހާސިލުކޮށްފައިވާ އެންމެ މަތީ ސަނަދަށް ވުރެ މަތީ ފެންވަރުގެ ކޯހަކަށް ވުމުގެ އިތުރުން، ދައުލަތުގެ ޚަރަދުގައި އެ ފެންވަރުގެ ކޯހެއް މިހާރު ފުރިހަމަކުރަމުންދާ ދަރިވަރަކަށް ވެގެން ނުވާނެ ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މިނިސްޓްރީ މެދުވެރިކޮށް ލޯނެއް ނަގާފައިވާ ނަމަ، ގަވާއިދުން އެ ލޯނު ދައްކަމުންދާ ފަރާތަކަށް ވުން ޝަރުތުކޮށްފައިވެއެވެ. ނަމަވެސް، ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވި، ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ ފަރާތްތަކަށް މި ފުރުސަތުގައި ބައިވެރިވެވޭނެއެވެ. އެހެން ސްކޮލަޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓުންނަށް މި ފުރުސަތެއް ނުލިބޭނެއެވެ.
ކެންޑިޑޭޓުން ނޮމިނޭޓްކުރުމުގައި އެއް އަންހެން އަދި އެއް ފިރިހެން ކެންޑިޑޭޓަކަށް އިސްކަންދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން އެންމެ ފުރަތަމަ އިސްކަންދޭނީ އެކަޑަމިކް މެރިޓަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ. ޕޮއިންޓް އެއްވަރުވެއްޖެ ނަމަ، ދެން ބަލާނީ އެންމެ މަތީ ސެޓްފިކެޓް ހާސިލުކުރުމަށް ފަހު ރާއްޖެއަށް ޚިދުމަތްކޮށްފައިވާ މުއްދަތަށެވެ. މިނިސްޓްރީން ތިން ކެންޑިޑޭޓުން ނޮމިނޭޓްކުރި ނަމަވެސް، ފައިނަލް ސިލެކްޝަން ހަދާނީ ސްކޮލަޝިޕް އިންތިޒާމުކުރާ ފަރާތުންނެވެ.
މި ފުރުސަތަށް އެދޭ ފަރާތްތަކުން އަންނަ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހުގެ 13:30 ގެ ކުރިން ކޮމަންވެލްތު ސްކޮލަޝިޕް ކޮމިޝަން (ސީއެސްސީ) ގެ ޕޯޓަލްގެ އިތުރުން މިނިސްޓްރީގެ "ކުރި" ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ. އެޕްލިކޭޝަނާއެކު ތަޢުލީމީ ސެޓްފިކެޓުތަކާއި، ޓްރާންސްކްރިޕްޓާއި، އައިޑީކާޑު އަދި ޕާސްޕޯޓުގެ ކޮޕީގެ އިތުރުން ދެ ރެފަރެންސް ލެޓާ ހުށަހަޅަން ޖެހޭނެއެވެ.
މީގެ އިތުރުން، އިންޑިއަން ކައުންސިލް އޮފް އެގްރިކަލްޗަރަލް ރިސާޗް (އިކާ) އިން ދޫކުރާ "ނެތާޖީ ސުބާސް-އިކާ އިންޓަނޭޝަނަލް ފެލޯޝިޕް 2026" އަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ މިއަދު ހުޅުވާލައިފައެވެ. މި ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަޝިޕް ދޭ ފަރާތުން ކަމަށް މިނިސްޓްރީން ބުނެއެވެ. މި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން އިކާގެ އީމެއިލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި ކަމާގުޅޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެއެވެ.
މި ދެ ސްކޮލަޝިޕްގެ ދަށުން ކޯސްތަކަށް ހޮވޭ ފަރާތްތަކުން ފުރުމުގެ ކުރިން ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ކޯސް ހިންގާ އިންސްޓިޓިއުޓަކީ އަދި ހޮވިފައިވާ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ކޯހެއްކަން ކަށަވަރުކުރުމަށް އަންގާފައިވެއެވެ. ހަމައެއާއެކު، ރާއްޖޭގައި މަސައްކަތްކުރުމަށް ވަކި ލައިސަންސެއް އޮންނަންޖެހޭ ދާއިރާއަކުން ކިޔަވާ ނަމަ، އެ ކޯހަކީ ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ މަރުކަޒެއްގައި ހިންގާ ކޯހެއްކަން ކަށަވަރުކުރުމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
އެކި އެކި ގައުމުތަކުން ރާއްޖެއަށް ކޮންމެ އަހަރަކު ވެސް ގިނަ ސްކޮލަޝިޕް ފުރުސަތުތައް ލިބެއެވެ. މިނިސްޓްރީން ދޭތެރެ ދޭތެރެއިން އަންނަނީ އެފަދަ ފުރުސަތުތައް ހުޅުވާލަމުންނެވެ.