އޮސްޓްރޭލިއާއިން ކިޔަވާ ކުދިންގެ ވިސާއާއި ބެކްޕެކަރުންގެ ވިސާގެ ގަވާއިދުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާއަށް ކިޔަވަންދާ ބިދޭސީ ދަރިވަރުންނަށް އެ މީހުންގެ އަނބިން ނުވަތަ ފިރިންނާއި ދަރިން ގެންދިއުން މަނާކޮށް، ވޯކިން ހޮލިޑޭ ވިސާގެ ގަވާއިދުތައް އެ ގައުމުން ހަރުކަށިކޮށްފިއެވެ.

އާ ފިޔަވަޅުތަކުގެ ދަށުން، ވޯކިން ހޮލިޑޭ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ބެކްޕެކަރުންނަށް ގުރުއަތުލުމުގެ ނިޒާމެއް ތައާރަފުކުރާނެއެވެ. އަދި ވިޒިޓާ ވިސާގައި އެތެރެވާ މީހުންނަށް އިތުރަށް މަޑުނުކުރެވޭނެ ޝަރުތު ހިމެނުމުން، އެ ވިސާގައި ތިބެ އެހެން ކެޓަގަރީއެއްގެ ވިސާއަކަށް ހުށައެއް ނޭޅޭނެއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ދަރިވަރުންނަށް ވިސާ އާކުރެވޭނީ ތައުލީމީ ފެންވަރު މަތީ ކޯހަކަށް ބަދަލުވާ ނަމަ އެކަންޏެވެ. ނަމަވެސް، ޕެސިފިކް ޖަޒީރާ ގައުމުތަކާއި އިރުދެކުނު އޭޝިއާގެ ބައެއް ދަރިވަރުންނަށް އާއިލާ ގެންދިއުމުގެ ހުއްދަ އޮންނާނެއެވެ.

އޮސްޓްރޭލިއާގެ ހޯމް އެފެއާޒް މިނިސްޓަރު ޓޯނީ ބާކް ވިދާޅުވި ގޮތުގައި، ވިސާގެ މުއްދަތު ހަމަވުމަށްފަހު ގައުމުގައި މަޑުކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުން ހަރުކަށިކުރާނެއެވެ. މިގޮތުން، ގަވާއިދުތައް ތަންފީޒުކުރުމަށް އިތުރު 100 އޮފިސަރުން ވަޒީފާއަށް ނެރުމަށާއި، ކޮވިޑް-19 ގެ ދުވަސްވަރު މެލްބަންގައި ބޭނުންކުރި ކަރަންޓީނު ފެސިލިޓީއެއް އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

ބާކް ވިދާޅުވީ ވަގުތީ ގޮތުން އަންނަން ބޭނުންވާ ނަމަ ވަގުތީ ވިސާއަކަށް ހުށަހެޅުމަށާއި، ދާއިމީކޮށް އަންނަން ބޭނުންވާ ނަމަ ދާއިމީ ވިސާއަކަށް ހުށަހެޅުމަށެވެ. އަދި ސައްހަ ވިސާއެއް ނެތް ނަމަ ގައުމުން ފުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިސްލާހުތަކާއެކު، 2028 ވަނަ އަހަރު އަންނަންވާއިރަށް އޮސްޓްރޭލިއާއަށް އެތެރެވާ މީހުންގެ ނެޓް އަދަދު 225،000 އަށް ތިރިކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިހާރު މި އަދަދު އުޅެނީ 300،000 ގައެވެ. މި ބަދަލުތައް ގެނެސްފައިވަނީ، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ވަގުތީ މައިގްރެންޓުންގެ އަދަދު 750،000 އިން މަދުކުރުމަށް ކަނާތުފިޔައިގެ ވަން ނޭޝަން ޕާޓީން ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް، މި ބަދަލުތަކަކީ ސިޔާސީ މަގުސަދެއްގައި ގެނައި ބަދަލުތަކެއް ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު ބާކް ވަނީ ދޮގުކުރައްވާފައެވެ. ފަހުގެ ޕޯލްތަކުން ދައްކާ ގޮތުގައި، ދިރިއުޅުމުގެ ހަރަދު ބޮޑުވުމާއި އިމިގްރޭޝަންގެ މައްސަލަތަކަކީ އާންމުން އެންމެ ކަންބޮޑުވާ ކަންކަމެވެ.

ބައިނަލްއަގުވާމީ ތައުލީމީ ދާއިރާއަކީ އޮސްޓްރޭލިއާގެ އިގުތިސާދަށް ވަރަށް މުހިންމު ދާއިރާއެކެވެ. މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ދާއިރާއިން އިގުތިސާދަށް 53.6 ބިލިއަން އޮސްޓްރޭލިއަން ޑޮލަރު ވަދެފައިވާއިރު، މިއީ އެ ގައުމުގެ ހަތަރުވަނައަށް އެންމެ ބޮޑު އެކްސްޕޯޓެވެ.

ޔުނިވާސިޓީސް އޮސްޓްރޭލިއާގެ ސީއީއޯ ލޫކް ޝީހީ އޭބީސީ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ ބޮޑު ރައުސުލްމާލެއް ކަމަށްވާ ބައިނަލްއަގުވާމީ ތައުލީމީ ދާއިރާއަށް އޮންނަ އިތުބާރު ގެއްލެމުންދާ ކަމަށެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ދަރިވަރުންގެ ވިސާ އެޕްލިކޭޝަން ފީ ވަނީ ގާތްގަނޑަކަށް 300 ޕަސެންޓް ބޮޑުކޮށް، 2،500 އޮސްޓްރޭލިއަން ޑޮލަރަށް އުފުލާފައެވެ. އަދި އިނގިރޭސި ބަހުގެ ފެންވަރު ބަލާ މިންގަނޑުތަކާއި، ގްރެޖުއޭޓް ވިސާއަށް އެދޭ މީހުންގެ އަތުގައި ހުންނަންޖެހޭ އެންމެ މަދު ފައިސާގެ އަދަދުވެސް ވަނީ މަތިކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ދެ އަހަރެއްހާ ދުވަހު ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު، 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ބޯޑަރުތައް ހުޅުވާލުމާއެކު އޮސްޓްރޭލިއާއަށް އެތެރެވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވިއެވެ. އޭގެ ތެރޭގައި ގިނައީ ބައިނަލްއަގުވާމީ ދަރިވަރުންނާއި، ބެކްޕެކަރުންނާއި، ވަގުތީ މަސައްކަތްތެރިންނެވެ. ނަމަވެސް، ފާއިތުވި ދެ އަހަރުގެ ތެރޭގައި މި އަދަދުތައް ދަނީ ދަށްވަމުންނެވެ. ދެހާސް ތޭވީސް ވަނަ އަހަރު ނެޓް މައިގްރޭޝަން 518،000 ގައި ހުރިއިރު، މިދިޔަ އަހަރުގެ ޖޫން 30 ގެ ނިޔަލަށް އެ އަދަދު ވަނީ 306،000 އަށް ދަށްވެފައެވެ. މީގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނައީ ބައިނަލްއަގުވާމީ ދަރިވަރުންނެވެ.

comment ކޮމެންޓް