ޕްރައިމަރީއަކާ ނުލައި ރައީސަށް ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްއަށް ގަރާރެއް ހުށަހަޅައިފި

ޕީއެންސީ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ޕީއެންސީ

ޕްރައިމަރީއަކާ ނުލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ޓިކެޓު ދޭން ޕީއެންސީ ކޮންގްރެސްއަށް މިއަދު ގަރާރެއް ހުށަހަޅައިފިއެވެ.

ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ވެރިކަމަށް ވާދަކުރެއްވުމަށް، ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީ ނުބާއްވާ އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދެއްވަން ޕީއެންސީގެ ކޮންގްރެސްއަށް މި ގަރާރު ހުށަހަޅާފައި ވަނީ އެ ޕާޓީގެ މެންބަރު އަބްދުﷲ އިބްރާހީމެވެ.

އޭނާ ހުށަހެޅުއްވި ގަރާރުގައި ވަނީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ގައުމުގެ މިނިވަންކަމާއި އިގްތިސާދާއި އިޖުތިމާއީ ދުޅަހެޔޮކަމަށްޓަކައި ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޕްރައިމެރީއަކާ ނުލައި އެމަނިކުފާނަށް ޓިކެޓު ދޭންޖެހޭ ކަމަށެވެ.

އެ ގަރާރުގައި ރައީސަށް ޓިކެޓު އަރުވަންޖެހޭ ސަބަބުތަކުގެ ތެރޭގައި ފާހަގަކޮށްފައިވަނީ:

  • ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ނެތްކަން ކަށަވަރުކޮށްދެއްވައި، ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރެއްވުމުން.
  • ރައްޔިތުންނަށް ދަތި ނުވާނޭހެން ގައުމުގެ ދަރަނިތައް އަދާކުރައްވަމުން، ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ދަނޑުވެރިކަން ޒަމާނީކޮށް އިގްތިސާދު ސިންދަފާތުކުރުމަށް ކުރެއްވި މަސައްކަތްޕުޅުތައް.
  • "ރަސްމާލެ" ފަދަ ބިޔަ މަޝްރޫއުތަކާއެކު ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމާއި، ޑިޖިޓަލް އިގްތިސާދާއި އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭ ތައާރަފުކުރުމުގެ އިތުރުން ސިއްހީ ދާއިރާ ތަރައްގީކުރުން.
  • ދިވެހި ގައުމިއްޔަތާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމާއެކު، ދިވެހި ގައުމު އިސްކުރާ ޚާރިޖީ ސިޔާސަތެއްގެ ދަށުން ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރެއްވުން.

މި ގަރާރުގައި ބުނެފައި ވަނީ ރައީސް މުޢިއްޒު ދައްކަވަމުން ގެންދަވަނީ ރައްޔިތުންނަށް އޯގާތެރި، އަދުލުވެރި އަދި ނަމޫނާ ހިންގުންތެރި ވެރިކަމެއް ކަމަށެވެ. އެހެންކަމުން، މި ހުރިހާ ކާމިޔާބީތަކަށް ބަލައި 2028 ގެ ރިޔާސީ ޓިކެޓު ޕްރައިމެރީއަކާ ނުލައި އެމަނިކުފާނަށް އަރުވަންޖެހޭ ކަމަށް ގަރާރުގައި ވަނީ ހުށަހަޅާފައެވެ.

މި ގަރާރު ހުށަހެޅުމުން ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ ގަރާރަށް ބަހުސްކުރުމަށް ހުޅުވާލައިފައެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ބައްދަލުވުން ފެށީ މި ފަދަ ހުށަހެޅުމެއް އައިސްދާނެކަމަށް ބަލައިގެނެއް ނޫނެވެ. ނަމަވެސް ގަރާރެއް ހުށަހަޅައިފިނަމަ އެއަށް ބަހުސްކޮށް ވާހަކަ ދެއްކުމަކީ ޕާޓީގެ އަސާސީ ގަވާއިދުގައި އޮތް ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

https://sun.mv/227517

މިހާތަނަށް ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯއްދެވޭނެ ކަމަށް ވިދާޅުވުން ފިޔަވައި އަދި މިހާތަނަށް ޕީއެންސީގެ ރިޔާސީ ޓިކެޓަށް އެއްވެސް ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެއެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ވެސް އަބްދުއްރަހީމް ވަނީ 2028 ގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒު ކާމިޔާބު ކުރައްވާނީ ވަރަށް ފަސޭހައިން ކަމަށް ވިދާޅުވެފައެވެ.

ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެ ޕާޓީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޕީޕީއެމްގެ ތެރެއިން އުފަންވި "ކޯލިޝަން" ޕާޓީއެކެވެ. އަދި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވެސް ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުމުން، ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުމުން އެ މަނިކުފާނުގެ ތާއިދާއެކުގައެވެ.

ނަމަވެސް ވެރިކަން ފެށުނުތާ ހަފުތާއެއް ވެސް ނުވަނީސް ދެ ބޭފުޅުންގެ ގުޅުން ގޯސްވެ، ޔާމީން ވެރިކަން ކުރާ ކޯލިޝަނުން ވަކިވެވަޑައިގެން އަމިއްލަ ޕާޓިއަށް އުފެއްދެވީއެވެ. އޭގެ ފަހުން ޔާމީން ގެންދަވަނީ ރައީސާއި މި ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ.

އޭގެއިތުރަށް، ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޔާމީން ވަނީ އިޢުލާނުކުރައްވައިފައެވެ.

ޔާމީންގެ އިތުރުން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ވެސް ގިނަ ލީޑަރުންތަކެއް ވަނީ ރިޔާސީ އިންތިޚާބަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ހިމެނިވަޑައިގަންނަވައެވެ. މީގެ ތެރެއިން ފައްޔާޒު ރިޔާސީ ރޭހަށް ނުކުންނަވަނީ ރައީސް މުޙައްމަދު ނަޝީދުގެ ތާއީދާއެކުއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައިފައެވެ.

comment ކޮމެންޓް