އަމިއްލަ ކުންފުންޏަކުން ހިންގާ ދ. ކުޑަހުވަދޫ އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މިއަދު ފަށައިފިއެވެ.
މި ދަތުރުތައް މޯލްޑިވިއަންއިން މިއަދު ފެށީ، ޕްރޮމޯޝަނަކާ އެކީ ކަމަށްވާއިރު، އެއްކޮޅު ޓިކެޓެއްގެ އަގަކީ 1،111 ރުފިޔާއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ދަތުރުތައް ޕްރޮމޯޓުކުރުމަށް ވަނީ ޕޯސްޓަރުތައް ވެސް ބަހައްޓާފައެވެ.
މޯލްޑިވިއަންއިން ބުނި ގޮތުގައި މާލެ ސަރަހައްދާއި ކުޑަހުވަދުއާ ދެމެދު ދަތުރުތައް ފަށަނީ ދ. އަތޮޅާ ދެމެދު ދަތުރުފަތުރު ފުޅާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ. އޭގެ ސަބަބުން ތައުލީމީ، ސިއްހީ އަދި ވަޒީފާގެ ބޭނުންތަކަށް ދަތުރުތައް ކުރުމަށް ފަސޭހަވާނެ ކަމަށް އެ އެއާލައިނުން ފާހަގަކުރިއެވެ.
މީހުންތަކެއް އެއާޕޯޓުގައި: ކުޑަހުވަދޫ އެއާޕޯޓަށް މިއަދު ވަނީ މޯލްޑިވިއަންގެ ދަތުރުތައް ފަށާފައި --- ފޮޓޯ/ މޯލްޑިވިއަންމީގެ އިތުރުން މާލެ ސަރަހައްދުން މޯލްޑިވިއަންގެ ދަތުރުތައް ފެށުމުން، ދ. އަތޮޅުގެ ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ފައިދާވާނެ ކަމަށް މޯލްޑިވިއަންއިން ފާހަގަކުރިއެވެ.
މޯލްޑިވިއަންއިން ކުޑަހުވަދުއަށް ދަތުރުތައް ފެށުމުން، އެ އެއާލައިނުން ދަތުރުކުރާ އެތެރޭގެ އެއާޕޯޓުތަކުގެ އަދަދު 18އަށް އިތުރުވާނެއެވެ.
ކުޑަހުވަދޫ އެއާޕޯޓަކީ މަންތާ އެއާއިން ހިންގަމުން އަންނަ އަދި އެއާލައިންގެ ހަބުގެ ގޮތުގައި ބޭނުންކުރާ އެއާޕޯޓެކެވެ. އެ އެއާލައިންގެ އޮޕަރޭޝަންސްއަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން އެ ކުންފުނިން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މަންތާ އެއާގެ ޑޮމެސްޓިކް ދަތުރުތައް މި ފަހުން މަދުކޮށްފައިވާއިރު، މޯލްޑިވިއަންއިން އަންނަނީ މަންތާއިން އެދިގެން ކުޑަހުވަދުއަށް ޗާޓަރު ދަތުރުތަކެއް ކުރަމުންނެވެ. ކުޑަހުވަދޫ އެއާޕޯޓަކީ އެ އަތޮޅުގެ މަތީ ފަންތީގެ ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމަށާއި، މާލެއާއި އަތޮޅާ ދެމެދު ދަތުރުކުރާ ދިވެހީންނަށް ވަރަށް މުހިންމު އެއާޕޯޓެކެވެ.