ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ޗާޓުކުރާ މަޝްރޫޢެއް ފަށައިފި

ރާއްޖޭގެ ފަޅެއް: ރާއްޖޭގެ ނާޒުކު ތިމާވެއްޓާ ގުޅޭ ދިރާސާއެއް އަންނަނީ ހަދަމުން-- ފޮޓޯ: ސްޓީވް އެލެން

ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެމްއޯ) ގެ އެހީތެރިކަމާއެކު، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ޗާޓުކުރުމުގެ ބައިނަލްއަޤުވާމީ މަޝްރޫޢެއް ފަށައިފިކަން އިއްޔެ އިއުލާން ކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ރަށްތަކާއި ތިމާވެށީގެ ނިޒާމުތަކުގެ މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތުގެ އަލީގައި ޢަމަލީ ނިންމުންތައް ނިންމުމަށް މަގުފަހިކޮށްދޭނެއެވެ. ޑަބްލިއުއެމްއޯއިން ފާހަގަކުރި ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ މޫސުމީ އަދި ތިމާވެށީގެ މަޢުލޫމާތު ހަމައެކަނި ރިޕޯޓުތަކެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި، ސަރުކާރުގެ ސިޔާސަތުތަކާއި ނިންމުންތަކަށް ބޭނުންކުރެވޭނެ ފަދަ ނިޒާމަކަށް ބަދަލުކުރުމެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ "އައިކްލައިމެޓްއެކްޝަން" ޕްރޮޖެކްޓުގެ ދަށުން ރާއްޖެއަށް ޚާއްޞަކޮށްގެން ހިންގާ ޑެމޮންސްޓްރޭޓަރެއްގެ ގޮތުގައެވެ.

މި މަސައްކަތުގައި ބައިނަލްއަޤުވާމީ ގިނަ ޖަމިއްޔާތަކަކުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ގްލޯބަލް ކްލައިމެޓް އޮބްޒާވިން ސިސްޓަމް (ޖީކޮސް)، ގްރޫޕް އޮން އާތު އޮބްޒަވޭޝަންސް (ޖީއީއޯ)، ޖޭމްސް ކުކް ޔުނިވާސިޓީ، އެލެން އިންސްޓިޓިއުޓް ފޯ އޭއައި (އޭއައި2) އަދި އދ. ގެ ޔުނިވާސިޓީ އިންސްޓިޓިއުޓް ފޯ އެންވަޔަރަންމަންޓް އެންޑް ހިއުމަން ސެކިއުރިޓީ (ޔޫއެންޔޫ-އީއެޗްއެސް) ހިމެނެއެވެ.

ރާއްޖޭގެ ނާޒުކު ތިމާވެއްޓާ ގުޅޭގޮތުން ދިރާސާ ހެދުމުގެ ތެރެއިން-- ފޮޓޯ: ޖޭމްސް ކުކް ޔުނިވާސިޓީ

މި މަޝްރޫޢުގެ ދަށުން މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ރާއްޖޭގެ އެކި ރަށްރަށާއި އައްސޭރިފަށުގެ ސަރަހައްދުތަކަށް ޒިޔާރަތްކޮށް، މާހައުލުން ސީދާ މަޢުލޫމާތު އެއްކޮށް، ކުރިން ލަފާކޮށްފައިވާ މަޢުލޫމާތުތަކުގެ ސައްހަކަން ވަނީ ކަށަވަރުކޮށްފައެވެ. ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ދިރާސާގައި ދިވެހި ތަޖުރިބާކާރުންނާއި ބައިނަލްއަޤުވާމީ މާހިރުންގެ ޓީމުތަކުން ވަނީ ގިނަ ރަށްތަކެއްގެ މަޢުލޫމާތު އެއްކޮށްފައެވެ.

މީގެ އިތުރުން، އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް ފޯ އެންވަޔަރަންމަންޓް، ފުޑް އެންޑް ރޫރަލް އެފެއާޒް (ޑެފްރާ) ގެ އެހީތެރިކަމާއެކު، 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއިން އަންނަނީ ޖީއީއޯގެ ގްލޯބަލް އިކޯސިސްޓަމްސް އެޓްލަސްއާ ގުޅިގެންވެސް މަސައްކަތްކުރަމުންނެވެ. މި މަސައްކަތް ބިނާކޮށްފައިވަނީ 2019 ވަނަ އަހަރު އައިޔޫސީއެން އިން ރާއްޖޭގައި ކޮށްފައިވާ ތިމާވެށީގެ ޗާޓުކުރުމުގެ މަސައްކަތްތަކުގެ މައްޗަށެވެ.

މި މަޝްރޫޢުގެ ސަބަބުން، އެކި ތަންތަނުގައި ވަކިވަކިން ހުރި ތިމާވެއްޓާއި މޫސުމާ ގުޅޭ މަޢުލޫމާތުތައް އެއް ވިއުގައަކުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ޑަބްލިއުއެމްއޯއިން ބުނެއެވެ. ޑަބްލިއުއެމްއޯއިން ބުނި ގޮތުގައި، މި ނިޒާމުގެ ޗާޓުކުރުމުގެ މަސައްކަތްތައް މިހާރު އޮތީ ފަންނީ ގޮތުން މުރާޖަޢާކުރުމާއި ސައްހަކަން ކަށަވަރުކުރުމުގެ އެންމެ ފަހުގެ މަރުހަލާގައެވެ. މިކަމުގެ ސަބަބުން ޖީކޮސް އިން ކަނޑައަޅާފައިވާ މޫސުމީ މިންގަނޑުތަކާއި އައިޔޫސީއެން އިން ކަނޑައަޅާފައިވާ ތިމާވެށީގެ ނިޒާމުތަކުގެ މިންގަނޑުތައް ގުޅުވާލެވޭނެއެވެ. މި މަސައްކަތް ނިމުމުން، ރަށްގިރުމުން ސަލާމަތްވުމަށާއި، ފަތުރުވެރިކަން ތަރައްގީކުރުމަށާއި، މޫސުމީ ބަދަލުތަކަށް ހޭނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނިންމުމުގައި ކަމާބެހޭ ފަރާތްތަކަށް މި ނިޒާމުގެ ބޭނުންތެރިކަން ބޮޑުވާނެއެވެ.

ރާއްޖެއަކީ 1،192 ރަށުގެ މައްޗަށް އެކުލެވިފައިވާ، އަދި ބިމުގެ 75 އިންސައްތަ ކަނޑުގެ ލޮނުގަނޑަށްވުރެ އެންމެ މީޓަރެއްހާ އުސްމިނުގައި އޮންނަ ގައުމަކަށް ވުމާއެކު، ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށްގިރުމުގެ ނުރައްކާ ވަރަށް ބޮޑެވެ. އެހެންކަމުން، ގައުމީ ފެންވަރުގައި ވަސީލަތްތައް ބަހާނެ ގޮތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާނެ ސަރަހައްދުތައް ކަނޑައެޅުމަށްޓަކައި، ވަކިވަކި ރަށްރަށުގެ ފެންވަރުގައި ލިބެން ހުންނަ ސައްހަ މަޢުލޫމާތު މުހިންމުވެއެވެ. މި މަޝްރޫޢުގެ ފަންނީ މުރާޖަޢާގެ މަސައްކަތްތައް ޖޭމްސް ކުކް ޔުނިވާސިޓީއާއި، އޭއައި2 އަދި ރާއްޖޭގެ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ދެމެދު މިހާރުވެސް އަންނަނީ ކުރިއަށްދަމުންނެވެ.

comment ކޮމެންޓް