އިންޑިއާ އަދި ޕާކިސްތާނުގެ 'ކޯކް ސްޓޫޑިއޯ' މިއުޒިކް ސީރީޒްތަކުގެ މެދުގައި ބޮޑު ތަފާތެއް އެބަހުރި ކަމަށާއި، އިންޑިއާގެ ކޯކް ސްޓޫޑިއޯއިން ފެންނަނީ ވިޔަފާރި އުސޫލުތަކަށް އިސްކަންދޭ މަންޒަރު ކަމަށް ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ބުނެފިއެވެ.
ބައިނަލްއަގުވާމީ ފްރެންޗައިޒް 'ކޯކް ސްޓޫޑިއޯ'ގެ ބައެއްގެ ގޮތުގައި ކުރިއަށްދާ އިންޑިއާގެ ކޯކް ސްޓޫޑިއޯއަކީ ތަފާތު ގިނަ މިއުޒިކީ ކްލެސިކަލް ވައްޓަފާޅިތަކާއި، ހިންދީ އަދި ކަރްނާޓިކް މިއުޒިކާއި، އިންޑިއާގެ ފޯކް މިއުޒިކުގެ އިތުރުން ހިޕްހޮޕާއި ރޮކް އަދި ޕޮޕް މިއުޒިކް އެކުލެވޭ ގޮތަށް އެކި ފަންނާނުންގެ ލައިވް ސްޓޫޑިއޯ ރެކޯޑިންގްތައް ހުށަހަޅައިދޭ މަގުބޫލު ސީރީޒެކެވެ.
އާތިފް އިންޑިއާގެ ރެޕް ލަވަކިޔުންތެރިޔާ ޔޯޔޯ ހަނީ ސިންގްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާމިރްޗީ ޔޫއޭއީއަށް ދިން އިންޓަވިއުއެއްގައި، ޕާކިސްތާނުގެ މިއުޒިކަށް އިންޑިއާއަށް ވުރެ ކުރިއެރުން ލިބޭ ސަބަބަކީ ކޮބައިތޯ ސުވާލުކުރުމުން އާތިފް ހިނިތުންވުމާއެކު ބުނީ އެއީ މިއުޒިކްގައިވާ "ޖާދޫ" ކަމަށެވެ. ދެ ގައުމުގެ މިއުޒިކީ އުފެއްދުންތައްވެސް ރަނގަޅުކަން ފާހަގަކުރަމުން އާތިފް ބުނީ، އިންޑިއާގެ މިއުޒިކުން އަސްލު މިއުޒިކުގެ އުފެއްދުންތެރިކަން އުނިވެފައިވާ ކަމަށެވެ. އަދި ޕާކިސްތާނުގެ ކޯކް ސްޓޫޑިއޯއިން ފެންނަނީ އަމިއްލަ އަސްލު އުފެއްދުންތައް ކަމަށާއި، އެ މަސައްކަތްތަކުގައި ބައިވެރިވާ ފަންނާނުން އެ މީހުންގެ އަމިއްލަ ހުނަރު އެންމެ ފުރިހަމައަށް ބޭނުންކުރާ ކަމަށް އާތިފް ވަނީ ބުނެފައެވެ.
ބޮލީވުޑްގެ ފިލްމު "ކަލްޔުގް"އަށް ކިޔައިދިން ލަވަ 'އާދަތު'އިން ބޮޑު މަޝްހޫރުކަމެއް ހޯދި އާތިފް ވަނީ ހިންދީ ސިނަމާގެ ގިނަ ފިލްމުތަކަކަށް ވެސް މަގުބޫލު ލަވަތަކެއް ކިޔައިދީފައެވެ. އޭގެ ތެރޭގައި 'ވޯ ލަމްހޭ'، 'ތޭރޭ ބިން'، 'ޕެހްލީ ނަޒަރު މޭ'، އަދި 'ދިލް ދިޔާ ގައްލާން' ފަދަ ހިޓް ލަވަތައް ހިމެނެއެވެ. މީގެ އިތުރުން ޕާކިސްތާނުގެ ކޯކް ސްޓޫޑިއޯގައި އޭނާ ހުށަހަޅައިދިން 'ތާޖުދާރު އެ ހަރަމް' އާއި 'ވޮހީ ޚުދާ ހައި' ފަދަ ސޫފީ ލަވަތަކަކީ އެތައް މިލިއަން ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އުފެއްދުންތަކެކެވެ.
އަށާރަ އަހަރުގެ މެދުކެނޑުމަކަށްފަހު އާތިފް ވަނީ އޭނާގެ އާ އަލްބަމް 'ސުބަހް އާޔޭ ނާ' ނެރެފައެވެ.