ކިލޯއަކަށްވުރެ ގިނަ ޑުރަގާއެކު ހައްޔަރުކުރި 23 އަހަރުގެ ޒުވާނާ، 17 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ހާރޫން ޖައިލަމް: ކިލޯއަކަށްވުރެ ގިނަ ޑުރަގާއެކު ހައްޔަރުކުރި މި 23 އަހަރުގެ ޒުވާނާ، 17 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައި -- ފޮޓޯ/ ފުލުހުން

އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު މިދިޔަ އަހަރު މާލޭން ހައްޔަރުކުރި 23 އަހަރުގެ ޒުވާނާ، 17 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި މިދިޔަ އަހަރުގެ އޯގަސްޓު 27ގައި ހައްޔަރުކުރީ ޅ. ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައަކީ މަސްތުވާތަކެތި ގެންގުޅެ، ވިއްކައި، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑުރަގު އެންފޯސްމަންޓް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ފެންމަތިވި މައްސަލައެކެވެ.

https://sun.mv/210579

ކޯޓު އަމުރެއްގެ ދަށުން ހާރޫން ޖައިލަމް ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓާއި ދެ ސައިކަލެއް ބަލައިފާސްކުރިއިރު، އެއް ކިލޯއަށްވުރެ ގިނަ ކެނެބިސް އަދި ލައްކައަކަށްވުރެ ގިނަ ފައިސާ ވަނީ ފެނިފައެވެ. އަދި މައްސަލައާ ގުޅިގެން ބަލައިފާސްކުރި ދެ ސައިކަލް ފުލުހުން ވަނީ ޓޯކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގަށް ފަހު ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ހާރޫން ޖައިލަމް 17 އަހަރުގެ މުއްދަތަށް ޖަލަށް ލުމާއެކު، 100،000 ރުފިޔާއިން ޖޫރިމައިނާ ކުރުމަށެވެ. އަދި މި ޖޫރިމައިނާގެ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ޚަލާޞްކުރުމަށް ވަނީ އަންގާފައެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި ހައްލުނުކުރެވި އޮތް ޒަމާންވީ މައްސަލައެއް ކަމަށްވާއިރު، އެފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ޒުވާނުންގެ އަދަދު ނިސްބަތުން ގިނައެވެ. އަދި އެފަދަ ކުށްތަކުގައި ކުޑަކުދިން ބައިވެރިކުރުން އިތުރުވަމުން އަންނަ ކަމުގެ ކަންބޮޑުވުން ވެސް އިދާރާތަކުން ފާޅުކުރެއެވެ.

މި ސަރުކާރުން މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ. އެގޮތުން މި އަހަރުގެ މާރިޗު މަހުން ފެށިގެން ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އާއި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރު މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފި މީހަކަށް މަރުގެ އަދަބު ދެވޭނެއެވެ.

comment ކޮމެންޓް