މާލޭ ޓެކްސީ ލައިން: 52،000އަށްވުރެ ގިނަ މީހުން ރެޖިސްޓާކޮށް، ދޮޅު ލައްކަ ދަތުރުކޮށްފި

މާލޭ ޓެކްސީ ލައިންގެ ޓެކްސީއެއް: އެ ޓެކްސީތަކުން ދޮޅު ލައްކައަށްވުރެ ގިނަ ދަތުރުކޮށްފި -- ފޮޓޯ/ އެމްޓީސީސީ

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފެށިފަހުން އެ ޚިދުމަތް ހޯދަން މިހާތަނަށް 52،000އަށްވުރެ ގިނަ މީހުން ރެޖިސްޓާކޮށްފައިވާއިރު، ދޮޅު ލައްކަށްއަށްވުރެ ގިނަ ދަތުރުކޮށްފައިވާ ކަމަށް، ޓެކްސީ ލައިން ހިންގާ އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ.

ސަރުކާރުން މާލޭގައި ޓެކްސީ ލައިނުގެ ޚިދުމަތް ފެށީ މިދިޔަ އޭޕްރިލް މަހުގެ ދެވަނަ ދުވަހެވެ. އެ ޓެކްސީތަކަށް ޚާއްސަ އެޕްލިކޭޝަނެއް ތައާރަފުކުރީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

އެމްޓީސީސީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވާ ގޮތުން އެ ޚިދުމަތަށް ރެޖިސްޓާކޮށްފައިވާ މީހުންގެ އަދަދު މިހާރު 52،790އަށް އަރައެވެ. އަދި އެ ޓެކްސީތަކުން މިހާތަނަށް 157،971 ދަތުރު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ވަނީ، މާލޭ ޓެކްސީ ލައިނުން މި ސަރަހައްދުގައި ޓެކްސީ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށްދީފައި ކަމަށް ވެސް ބުނެފައެވެ.

https://sun.mv/222755

އެ ޚިދުމަތް ދިނުމަށްޓަކައި ތިމާވެއްޓާ ރައްޓެހި، 100 އިންސައްތަ އިލެކްޓްރިކް (އީވީ) 150 އުޅަނދު ވަނީ ރާއްޖެ ގެނެސްފައެވެ. މީގެ ކުރިން އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށި ފުރަތަމަ މަހުގެ ތެރޭގައި އެކަނިވެސް 13,000 އަށްވުރެ ގިނަ ދަތުރު ކޮށްދީފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާލޭ ޓެކްސީ ލައިންގެ އެޕާ ގުޅޭ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން، މާލެ ޓެކްސީ ލައިންގެ އެޕްލިކޭޝަން ތައްޔާރުކުރުމުގައި 13 މިލިއަން ރުފިޔާގެ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާ ކަމަށް ބުނެ އާންމުންގެ ތެރޭގައި ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން ބަލައި ދިނުމަށް އެދި އޭޕްރިލް މަހު މައްސަލައެއް ވެސް ހުށަހެޅިއެވެ.

https://sun.mv/226148

އެއަށްފަހު، މިދިޔަ މަހުގެ ތެރޭގައި، އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަންގައި ބައެއް ޑްރައިވަރުންގެ ނަންތައް ބަދަލުވެ، ޚިދުމަތް މުޅިން މެދުކެނޑުނު މައްސަލައެއް ދިމާވިއެވެ. އޭރު، އެޕްލިކޭޝަން ބޭނުންކުރި އާންމުންގެ ނަމާއި، ފޯނު ނަންބަރާއި، ވޮލެޓު އައިޑީގެ އިތުރުން އީމެއިލް އެޑްރެސް ފަދަ މުހިންމު މައުލޫމާތުތަކެއް ސޯޝަލް މީޑިއާގައި އާންމުވިއެވެ.

އެ މައްސަލައިގައި އެމްޓީސީސީން ބުނީ، މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްލީ އެ ކުންފުނީގެ މުވައްޒަފެއް ކަމަށާއި އޭނާގެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް