އޭއައިއާ މެދު ބިރުގަތަސް ކުންފުނިތަކަށް އިތުބާރުކުރުމަށް އޯޕަންއޭއައިގެ ވެރިޔާ ގޮވާލައްވައިފިއެވެ.
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ މެދު އާންމުންގެ މެދުގައި ކަންބޮޑުވުންތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، އޯޕަންއޭއައިގެ އިސްވެރިޔާ ސޭމް އޯލްޓްމަން ވަނީ އޭއައި ކުންފުނިތަކުން ރަނގަޅު ގޮތުގައި ކަންތައްތައް ކުރާނެކަމަށް އިތުބާރުކުރުމަށް ގޮވާލައްވާފައެވެ.
ސެން ފްރެންސިސްކޯގައި އޮތް ސޭލްސްފޯސްގެ ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އޭއައި ޓޫލްސްތައް ހަލުވިކަމާއެކު ކުރިއަރަމުން އަންނާތީ، މިކަމާ މެދު ދުނިޔެ ބިރުގަތުމަކީ ހައްގު ކަމެއް ކަމަށާއި، ނަމަވެސް އޭއައި ކުންފުނިތަކުން ރަނގަޅު މަގު ޚިޔާރުކުރާނެކަމަށް ދުނިޔެއިން އިތުބާރު ކުރަންޖެހޭނެ ކަމަށެވެ. އަދި މިކަމުގެ ނުރައްކާތެރިކަން ދެނެގަނެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއީ އެންތްރޯޕިކް ކުންފުނިން ވަކިވި ރިސާޗަރަކު، އޭއައި ކޮންޓްރޯލް ނުކުރެވިއްޖެނަމަ މި ދިހަ އަހަރު ނިމުމުގެ ކުރިން އިންސާނިއްޔަތު ނެތިދާނެކަމަށް ބުނެ ކުރި ޕޯސްޓެއް ވައިރަލްވި ފަހުން އޯލްޓްމަން އާންމުކޮށް ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ. މި ޕޯސްޓަށް އޭއައިގެ ބައެއް އެހެން ތަޖުރިބާކާރުން ތާއީދުކޮށްފައިވާއިރު، އެންތްރޯޕިކްގެ ޗީފް އެގްޒެކެޓިވް ޑާރިއޯ އަމޮޑެއި ވަނީ އޭއައި ތަރައްޤީކުރާ މިންވަރު މަޑުޖައްސާލުމަށާއި، މި ސިނާއަތް ރެގިއުލޭޓް ކުރުމަށް ސަރުކާރުތަކަށް ގޮވާލައްވާފައެވެ. މި ޕޯސްޓަށް އޯލްޓްމަންގެ އިތުރުން ގޫގަލް ޑީޕްމައިންޑްގެ ޑެމިސް ހަސާބިސް އާއި އެކްސްގެ ވެރިޔާ އީލޮން މަސްކް ވެސް ވަނީ ތަޢުރީފުކުރައްވާފައެވެ.
ނަމަވެސް، ސަރުކާރުން މިކަމުގެ ތެރެއަށް ވަނުމުގެ ބަދަލުގައި އޭއައި ކުންފުނިތަކުން އަމިއްލައަށް މި ސިނާއަތް ރެގިއުލޭޓް ކުރުމަށް ގިނަ އޭއައި ލީޑަރުން މިހާރު ދަނީ ތާއީދުކުރަމުންނެވެ. އޯލްޓްމަން ވިދާޅުވީ، އޭނާގެ ކުންފުންޏާއި މި ސިނާއަތަށް ރައްކާތެރިކަމާއެކު މިކަން ކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށާއި، އެކަން ނުކުރެވޭނެ ހާލަތެއްގައި މަސައްކަތް މަޑުޖައްސާލާނެ ނުވަތަ ހުއްޓާލާނެ ކަމަށެވެ. މީގެ އިތުރުން މެޓާގެ ވެރިޔާ މާކް ޒަކަބާގް ވެސް ވަނީ، ރައްކާތެރިކަމަށް އިސްކަންނުދޭ ލެބްތައް ފަހަތަށް ސޮއްސާލައިގެންދާނެ ކަމަށާއި، މޮޑެލްތަކުން ގެއްލުމެއް ވެއްޖެނަމަ އެ ކުންފުނިތަކުން ޒިންމާ އުފުލަންޖެހޭނެތީ ރައްކާތެރިވުމަށް ބޮޑު ބާރެއް ލިބިގެންދާކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނި ކަމަށްވާ އެންވީޑިއާގެ ވެރިޔާ ޖެންސެން ހުއާންގް ވެސް ވަނީ އައު ގާނޫނުތަކެއް ނުވަތަ ރެގިއުލޭޝަންތަކެއް ބޭނުން ނުވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރައްކާތެރިކަމަކީ އެންމެ މުހިންމު ކަންތައް ކަމަށާއި، ނަމަވެސް އެއީ އިންޖިނިއަރިން މައްސަލައެއް ކަމަށެވެ. އަދި އޭއައި އުފެއްދުންތައް ނެރުމާ މެދު ގޮތް ނިންމަންވާނީ ކުންފުނިތަކުން ކަމަށާއި، އަމިއްލަ އުފެއްދުމަކާ މެދު އިތުބާރު ނެތްނަމަ އެ ނުނެރުމަށް އޭނާ އިރުޝާދު ދެއްވިއެވެ. އޯލްޓްމަން ވަނީ އޭއައިގެ ސަބަބުން ކުރިމަތިވެދާނެ ސައިބާ ހަމަލާތަކުން ވިޔަފާރިތައް ސަލާމަތްވުމަށް އޭއައި ޓޫލްސް ބޭނުންކުރުމަށް ވެސް ކޮންފަރެންސްގެ ބައިވެރިންނަށް ގޮވާލައްވާފައެވެ.
ކުންފުނިތަކުން އަމިއްލައަށް ރެގިއުލޭޓް ކުރުމާ މެދު ސިޔާސީ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވޮޝިންޓަންގައި ވާހަކަދައްކަވަމުން އެމެރިކާގެ ސެނެޓަރު ބާނީ ސޭންޑާސް ވިދާޅުވީ، އޭއައިގެ ނިންމުންތައް ނިންމަންވާނީ އީލޮން މަސްކް، މާކް ޒަކަބާގް އަދި ޖެފް ބޭޒޯސް ފަދަ މަދު މުއްސަނދިންތަކެއް ނޫން ކަމަށާއި، އެއީ ރައްޔިތުން ނިންމަންޖެހޭ ނިންމުންތަކެއް ކަމަށެވެ. ކުރީގެ ރައީސް ޓްރަމްޕްގެ އެޑްވައިޒަރު ސްޓީވް ބެނޮން ވެސް ވަނީ ޓެކް ކުންފުނިތަކަށް އިތުބާރު ނުކުރެވޭނެ ކަމަށް ވިދާޅުވެ، އެމީހުންނަކީ ދޮގު ހަދާ ބައެއްކަމަށް ސިފަކުރައްވާފައެވެ.
މީގެ އިތުރުން ސިނާއަތުގެ އެތެރެއިން ވެސް ބައެއް ފަރާތްތަކުން ވަނީ އަމިއްލައަށް ރެގިއުލޭޓް ކުރުމަކީ ރަނގަޅު ޚިޔާލެއް ނޫންކަމަށް ބުނެފައެވެ. އެންތްރޯޕިކްގެ ކޯ-ފައުންޑާ ޖެކް ކްލާކް ވިދާޅުވީ އެއީ ވަރަށް ބޮޑު ރިސްކެއް ކަމަށެވެ. ޔަން ލެކުން ޗެއާކުރައްވާ ލޮޖިކަލް އިންޓެލިޖެންސްގެ ޗީފް އޮޕަރޭޓިން އޮފިސަރު ޕެޓްރިކް ހިލްމަން ވިދާޅުވީ އެމެރިކާ ރައްޔިތުން ވޮޝިންޓަނަށް ވުރެ ވެސް ބޮޑަށް ސިލިކަން ވެލީއަށް އިތުބާރު ނުކުރާ ކަމަށާއި، އުފައްދާ އެއްޗަކީ ނުރައްކާތެރި އެއްޗެއްކަމަށް ގަބޫލުކުރެވޭނަމަ އެކަން ހުއްޓާލަން ތައްޔާރަށް ތިބިކަން ދައްކަންޖެހޭނެ ކަމަށެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި އޭއައިއާ މެދު އުފެދިފައިވާ ބިރުވެރިކަމަކީ މި ސިނާއަތަށް ސަމާލުކަން ހޯދުމަށް ދައްކާ ވާހަކަތަކެކެވެ.
މިފަދަ ކަންބޮޑުވުންތަކާއެކު، އޯޕަންއޭއައި އަދި އެންތްރޯޕިކް ފަދަ ކުންފުނިތަކުން މިހާރު ދަނީ މުޅި ސިނާއަތަށް އަމާޒުކޮށްގެން ރައްކާތެރިކަމުގެ މިންގަނޑުތަކެއް އެކުލަވާލުމަށް މަސައްކަތްކުރަމުންނެވެ. އަމޮޑެއި ވިދާޅުވީ އެންތްރޯޕިކުން މިހާރު ދަނީ ސިނާއަތުގެ އެހެން ފަރާތްތަކާއެކު ރައްކާތެރިކަމުގެ މިންގަނޑުތައް ރަނގަޅުކުރުމަށް މަޝްވަރާކުރަމުން ކަމަށެވެ. އަދި އޭއައި ޓެކްނޮލޮޖީ ކުރިއަރައިގެންދިޔަ މިންވަރަށްވުރެ ބޮޑަށް، ކުންފުނިތައް ހަލުވިކަމާއެކު ބޮޑުވެ މުހިންމު ދައުރެއް އަދާކުރަން ފެށުމަކީ ހައިރާންކުރުވަނިވި ކަމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޯޕަންއޭއައިގެ އެގްޒެކެޓިވް ކްރިސް ލެހާން ވިދާޅުވީ، ސަރުކާރުގެ އެހީތެރިކަން އޮތަސް ނެތަސް، އެންތްރޯޕިކް އަދި ގޫގަލް ޑީޕްމައިންޑް ފަދަ އެހެން ލެބްތަކާ ގުޅިގެން އަމިއްލަ އިސްނެގުމުގެ މަތިން މިންގަނޑުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.