އެކްސިޑެންޓުތައް ގިނަ ހުޅުމާލޭގައި އާންމުން ހޭލުންތެރިކުރުމަށް ފުލުހުންގެ 'ސައިލެންޓް ޑްރިލް'އެއް

އެކްސިޑެންޓުތައް ގިނަވާތީ ހުޅުމާލޭގައި ފުލުހުން ބޭއްވި ސައިލެންޓް ޑްރިލްގެ ތެރެއިން --- ފޮޓޯ/ފުލުހުން

މި ދުވަސްވަރު އެކްސިޑެންޓުތައް އިތުރުވަމުން އަންނަ ހުޅުމާލޭގައި ފުލުހުންގެ ސައިލެންޓް ޑްރިލްއެއް ބާއްވައިފިއެވެ.

އޮފީސްތައް ނިމިގެން ގިނަ އަދަދެއްގެ ބަޔަކު ހުޅުމާލެއަށް އަރާ ވަގުތާ ދިމާކޮށް، މިދިޔަ ބުރާސްފަތި ދުވަހު މި ހަރަކާތް ކުރިއަށް ގެންދިޔައީ، ހުޅުމާލެ ސަހަރާ ކައިރީގައެވެ.

މިގޮތުން، މަގުމަތީގެ ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށާއި ދުއްވާ މީހުންގެ ސަމާލުކަން ހޯދުމުގެ ގޮތުން ރައްކާތެރިކަމުގެ މުހިންމު މެސެޖުތައް ހިމެނޭ ބޯޑުތައް، މަގުން ދަތުރުކުރާ އުޅަނދުތަކަށް ރަނގަޅަށް ފެންނާނެހެން ހިފަހައްޓައިގެން ތިބެ ފުލުހުން ވަނީ ދައްކާލާފައެވެ.

ފުލުހުން ބުނި ގޮތުގައި، މި ޑްރިލްގެ ތެރެއިން މައިގަނޑު ގޮތެއްގައި ބާރުއެޅީ މަގުމަތީގައި ސަމާލުކަން ދޭން ޖެހޭ ކަންކަމަށެވެ.

އެކްސިޑެންޓުތައް ގިނަވާތީ ހުޅުމާލޭގައި ފުލުހުން ބޭއްވި ސައިލެންޓް ޑްރިލްގެ ތެރެއިން --- ފޮޓޯ/ފުލުހުން

ބާރު ސްޕީޑުގައި އުޅަނދު ނުދުއްވުމަށާއި މަގުމަތީގެ ނިޝާންތަކަށް ބޯލެނބުމަށާއި ދުއްވާއިރު ފޯނު ބޭނުން ނުކުރުމުގެ އިތުރުން އުޅަނދު ދުއްވާ ކޮންމެ މީހަކު ވެސް އަނެކާގެ ސަލާމަތަށް ވިސްނައިގެން އުޅަނދު ދުއްވުމަށް ބޯޑުތައް މެދުވެރިކޮށް ފުލުހުން އިލްތިމާސްކުރިއެވެ.

ސިލްސިލާކޮށް ކުރިއަށްގެންދާ މި ހަރަކާތްތަކަކީ މަގުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެއް ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން، މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ގިނަވަމުންދާތީ، ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ހުޅުމާލެ ޓްރެފިކް ޕޮލިހުން މެދުކެނޑުމެއްނެތި ހޭލުންތެރިކުރުމުގެ އެކި ހަރަކާތްތައް ހިންގަމުން އަންނަކަން ފުލުހުން ފާހަގަކުރިއެވެ.

https://sun.mv/227533

މި ދުވަސްވަރު އެކްސިޑެންޓުތައް ހިނގުން އިތުރުވެފައިވާއިރު، މި އަހަރުގެ މިހާތަނަށް 2,126 އެކްސިޑެންޓު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިދިޔަ އޮގަސްޓު 31ގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބި، ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ 62 އަހަރުގެ ފިރިހެންމީހާ މިއަދު ވަނީ މަރުވެފައެވެ.

comment ކޮމެންޓް