ގައުމީ ސަލާމް ކިޔާއިރު، މޭމަތީގައި އަތް އެޅުމަކީ ދިވެހިރާއްޖޭގެ ގާނޫނެއްގައި ވެސް ނުވަތަ ގަވާއިދެއްގައި ވެސް އޮންނަ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި 30 އަހަރުގެ ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި މައުމޫން މިފަދައިން ވިދާޅުވެފައިވާއިރު، އެމަނިކުފާނު މި ވާހަކަފުޅު ވިދާޅުވީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ނުވަތަ ކޮން ކަމަކަށް ރައްދުދެއްވައި ކަމެއް ސާފުކޮށް ހާމަކުރައްވާފައެއް ނުވެއެވެ.
"މާފު ކުރައްވާށެވެ. ޤައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ ދިވެހި ރާއްޖޭގެ ޤާނޫނެއްގައިވެސް ނުވަތަ ޤަވާޢިދެއްގައިވެސް އޮންނަ ކަމެއް ނޫނެވެ." މައުމޫން ރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މައުމޫން މިފަދައިން ވިދާޅުވެފައިވާއިރު، ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ގައުމީ ސަލާމް ކިޔާއިރު، މޭމަތީގައި އަތް އެޅުމަކީ އެ ކަމަށް އިޙުތިރާމް ކުރުމުގެ ގޮތުން ކުރަމުން އަންނަކަމެކެވެ. އެހެން ނަމަވެސް އަނެއް ބަޔަކު ބުނަމުން އަންނަނީ ގައުމީ ސަލާމް ކިޔާއިރު، މޭމަތީގައި އަތް އެޅުމަކީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ކުރަން ފެށި ކަމެކެވެ.
ދިވެހިރާއްޖޭގެ ސަގާފަތާއި ރަސްމީ އަދަބުތަކަށް ބަލާއިރު، ގައުމީ ސަލާމް ކިޔާއިރު ނުވަތަ ގައުމީ ސަލާމް ކުޅޭ ވަގުތު މޭމަތީގައި ކަނާތް އަޅައިގެން ހުރުމަކީ ރާއްޖޭގެ ރަސްމީ އާދަކާދައެއް ނޫނެވެ. ނަމަވެސް އެއީ ގައުމުގެ އެކި ފެންވަރުގެ ވެރިން ކުރީންސުރެ ވެސް ކުރައްވާ ކަމެކެވެ.
https://x.com/maumoonagayoom/status/2099919196301996048
ރަސްމީ އުސޫލުގައި އޮންނަނީ ދެއަތް ތިރިއަށް ދޫކޮށްލައިގެން، ސީދަލަށް އިޙްތިރާމާއެކު ކޮޅަށް ހުރުމެވެ. އަދި ޔުނީފޯމް އަޅައިގެން ތިބޭ ސިފައިންނާއި ފުލުހުން އެ ވަގުތު އަދާކުރާނީ ރަސްމީ ސެލިއުޓެކެވެ.
ގައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ އެމެރިކާ ފަދަ ހުޅަނގުގެ ބައެއް ގައުމުތަކުގައި ގާނޫނީގޮތުންނާއި ސަގާފީގޮތުން ކުރަމުން އަންނަ ކަމެއްކަމަށް ކަމުގެ މާހިރުން ވިދާޅުވެއެވެ.
ފިލްމުތަކާއި ސޯޝަލް މީޑިއާގެ ޒަރީއާއިން މި މަންޒަރު ފެންނާތީ، ރާއްޖޭގެ ބައެއް ކުޑަކުދިންނާއި ޒުވާނުންނަށް ވެސް ނުވިސްނި މިފަދައިން އަމަލުކުރެވެމުންދަނީ ކަމަށް އެ ފަރާތްތަކުން ދެކެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ސަލާމް އެންމެ ފުރަތަމަ ކިޔަން ފެށުނީ 1948 ވަނަ އަހަރުގައެވެ. މި ޅެން އެކުލަވައިލެއްވީ އޭރުގެ ވަޒީރުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަމީން ދީދީގެ އެދިވަޑައިގަތުމަކަށް، އަލްއުސްތާޛު މުޙައްމަދު ޖަމީލު ދީދީއެވެ.
ގައުމީ ސަލާމް ކިޔާއިރު މޭމަތީގައި އަތް އެޅުމަކީ އޮންނަކަމެއް ނޫން ކަމަށް މައުމޫން ވިދާޅުވިއިރު، އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ތިން ވަނަ ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނު ވަނީ 11 ނޮވެމްބަރު 1978 އިން 11 ނޮވެމްބަރު 2008 އަށް ވިދިވިދިގެން 30 އަހަރު ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ތަޢުލީމީ އަދި ޞިއްޙީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވިއެވެ. އެގޮތުން ކޮންމެ އަތޮޅެއްގައި އަތޮޅު މަދަރުސާތަކާއި ޞިއްޙީ މަރުކަޒުތައް އަދި ހޮސްޕިޓަލްތައް ޤާއިމުކުރައްވައި، މުޅި ރާއްޖެއަށް ތަޢުލީމު ފަތުރުއްވައި ކުޑަކުދިން މަރުވާ ނިސްބަތް ދަށްކުރެއްވިއެވެ.