ދީނީ އިލްމުވެރިންގެ މަޖިލީހަކާއި އިސްރަށްވެހިންގެ ހަރަކާތެއް އިތުރުކުރުން ހިމެނޭހެން، ވެރިކަންކުރާ ޕީއެންސީގެ އަސާސީ ގަވައިދު އިސްލާހުކޮށްފިއެވެ.
މިއީ ޕީއެންސީ އުފެއްދުމަށް ޖަނަވަރީ 27، 2019ގައި ފާސްކުރި އަސާސީ ގަވައިދު އިސްލާހުކުރި ހަތްވަނަ ފަހަރެވެ. ޕީއެންސީގެ އަސާސީ ގަވައިދު އެކުލަވައިލުމަށްފަހު ހަ ފަހަރެއް މަތިން އިސްލާހުކޮށްފައިވެއެވެ.
މިއަދު ފެށި އެ ޕާޓީގެ މަތީ މަޖިލީހުގައި ވަނީ ޕާޓީގެ އަސާސީ ގަވައިދުގައި ހަތަރު ހަރަކާތެއް އުފައްދަން ހިމަނައިފައެވެ. އެއީ ދީނީ އިލްމުވެރިންގެ މަޖިލީހާއި އަންހެނުންގެ ހަރަކާތާއި ޒުވާނުންގެ ހަރަކާތުގެ އިތުރުން އިސްރަށްވެހިންގެ ހަރަކާތެވެ.
އޭގެ އިތުރުން ބައެއް ކޮމިޓީތައް އިތުރުކުރުމަށް ވެސް އަސާސީ ގަވައިދަށް ގެނައި އައު އިސްލާހުގައި ހިމަނައިފައިވެއެވެ.
މި އިސްލާހުތައް ގެނައި ސަބަބެއް ކަމަށް، ޕީއެންސީގެ މަތީ މަޖިލީހުގެ ހެނދުނު އޮތް ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެ ޕާޓީގެ އަމީންއާންމު މޫސާ ފަތުޙީ އާދަމް ވިދާޅުވީ، ޕީއެންސީގެ މެންބަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން ޕާޓީގެ ހިންގުން ހަރުދަނާކޮށް، ޕާޓީގެ އިސް ސަފުން މެންބަރުންނަށް ޖާގަ ފުޅާކުރުމަށް ކަމަށެވެ.
މި އިސްލާހުތަކުގެ ސަބަބުން ޕީއެންސީގެ އިސް ސަފުގައި މެންބަރުންނަށް ޖާގަ އިތުރުވެ، ޕާޓީގެ ގުނަވަންތަކުގެ ހަރަކާތްތެރިކަން އިތުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީއެންސީގެ މަތީ މަޖިލީހުގެ ތެރެއިން: އަސާސީ ގަވައިދު ހަތްވަނަ ފަހަރަށް ވަނީ އިސްލާހުކޮށްފައި --- ފޮޓޯ: ޕީއެންސީޕީއެންސީގެ އަސާސީ ގަވައިދު އިސްލާހުކުރުމަށް ފާސްވީ މަތީ މަޖިލީހުގެ ހެނދުނު އޮތް ބައްދަލުވުމުގައި ބައިވެރިވި 1،064 މަންދޫބުންގެ އިއްތިފާގުންނެވެ.
މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޕީއެންސީގެ ކޮންގްރެސްގައި 1،000އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.
މި ކޮންގްރެސްގައި ޕީއެންސީން މުހިއްމު ބައެއް ނިންމުންތައް ނިންމާނެއެވެ. އަދި އެ ޕާޓީގެ ނައިބު ރައީސުން ވެސް ހޮވާނެއެވެ.
އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި މިހާރު ވެސް ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލާއި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު)އާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހިމެނެއެވެ.
އޭގެ އިތުރުން އެ މަގާމަށް ދެން ކުރިމަތިލެއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)އާއި ނިލަންދޫ ދާއިރާގެ މެންބަރު އަދި ރައީސްގެ ކޮއްކޯފުޅު ފާޠިމަތު ސަޢުދާއާއި ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢެވެ.
މިވަގުތު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައިވާ ގޮތުން، އެ ޕާޓީގައި މިވަގުތު 67،579 މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީން ބުނާގޮތުގައި މެންބަރުންގެ އަދަދު ވަނީ 70،000 އިން މައްޗަށް ގޮސްފައެވެ.