ބަސް ސްޓޮޕަށް ވަދެ ޓީވީއެއް "ވަގަށް ނެގި" މީހާ އަދިވެސް ނުހޯދޭ: ފުލުހުން

ބަސް ސްޓޮޕުން ޓީވީ އެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އާންމުކުރި ވީޑިއޯގެ ސްކްރީން ޝޮޓެއް: --- ފޮޓޯ: ފުލުހުން

ސްޓެލްކޯ ފުރަގަހުގައި ހުންނަ ބަސް ސްޓޮޕްގައި އިތުރު މީހުން ވެސް ތިއްބައި، ބަސް ސްޓޮޕަށް ވަދެ އެ ތަނުގައި ބަހައްޓާފައި ހުރި ޓީވީއެއް ނަގައިގެން ދިޔަ މީހާ އަދިވެސް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހެންވޭރު ޕޮލިހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، ނަމަވެސް އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ އެ މީހާ ހޯދުމަށް ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދި އިއުލާނުކޮށްފައިވަނީ އިއްޔެގައެވެ.

މި އިއުލާނާއެކު ފުލުހުން ވަނީ އެ މީހާ ފެންނަ ސީސީޓީވީ ފޫޓޭޖެއް ވެސް އާންމުކޮށްފައެވެ.

އާންމުކުރި ވީޑިއޯއިން ފެންނަނީ ބަސް ސްޓޮޕްގެ ދޮރުމަތީގައި ފޯނު ކޯލެއްގައި އެ މީހާ ހުންނަ މަންޒަރެވެ. އޭގެ ފަހުން އޭނާ ބަސް ސްޓޮޕްގެ އެތެރެއަށް ވަދެ، އެ ތަނުގައި ހަރުކޮށްފައި ހުރި ޓީވީ ނައްޓުވައިގެން، ކިހިލީ ޖަހައިގެން ނިކުމެގެންދާ މަންޒަރު ފެނެއެވެ.

އެ މީހާ ބަސް ސްޓޮޕަށް ވަދެ ޓީވީ ހިފައިގެން ދިޔަ ވަގުތު ވެސް އެ ތަނުގެ ތެރޭގައި އެހެން މީހުން ތިއްބެވެ.

ފުލުހުން ވަނީ މި ވީޑިއޯއިން ފެންނަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

https://www.police.gov.mv/media/news/25965

މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ދެމުންދާ އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެ މީހާ ފެނިފައިވޭތޯ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ އަދިވެސް އެ މީހާ ފެނިފައި ނުވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދިވެހިރާއްޖޭގައި ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅޭ އެއް މައްސަލައަކީ ވައްކަމުގެ މައްސަލަތަކެވެ. މީގެ ތެރޭގައި ސައިކަލާއި ސައިކަލުގެ ބައިތައް ވަގަށް ނެގުމާއި، މޮބައިލް ފޯނާއި އަގުބޮޑު އިލެކްޓްރޯނިކްސް ސާމާނު ވަގަށް ނެގުމުގެ އިތުރުން، ގޭގެއާއި ފިހާރަ އަދި އޮފީސްތަކުން ފައިސާއާއި އަގުހުރި ތަކެތި ވަގަށް ނެގުން ހިމެނެއެވެ.

ވައްކަން އިތުރުވުމަށް ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މަސްތުވާތަކެތި ހޯދުމަށް ފައިސާ ބޭނުންވުމާއި، ވަޒީފާ ނެތުމާއި އިގްތިސާދީ ގޮތުން ކުރިމަތިވާ މާލީ ދަތިތަކުގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ނޭޅި ހުރުން ހިމެނޭކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ގޭގެ ދޮރުތައް ރަނގަޅަށް ތަޅުލުމާއި، ސީސީޓީވީ ކެމެރާ ބެހެއްޓުމާއި، ސައިކަލުގައި ޑިސްކް ލޮކް ބޭނުންކުރުމުގެ އިތުރުން އާންމު ތަންތަނުގައި އަމިއްލަ ތަކެއްޗަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

comment ކޮމެންޓް