މި އަހަރުގެ ފުރަތަމަ އަށް މަހު މުދަލު ޒަކާތަށް 104.4 މިލިއަން ރުފިޔާ ލިބިއްޖެ

ފިތުރު ޒަކާތް ބަލައިގަންނަނީ: މި އަހަރުގެ މިހާތަނަށް ވަނީ މުދަލު ޒަކާތުގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ފުރަތަމަ އަށް މަހު މުދަލު ޒަކާތުގެ ގޮތުގައި 104.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކުރި އޮގަސްޓު މަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ވަނީ، 104.4 މިލިއަން ރުފިޔާ މުދަލު ޒަކާތަށް ލިބިފައެވެ. އެކަމަކު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ، 82.1 މިލިއަން ރުފިޔާއެވެ. މިއީ 27 ޕަސެންޓުގެ ކުރިއެރުމެކެވެ.

މީގެއިތުރުން، އޮގަސްޓު މަހު އެކަނި މުދަލު ޒަކާތަށް މި އަހަރު ވަނީ 7.3 މިލިއަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ އަދަދު ހުރީ 8.5 މިލިއަން ރުފިޔާގައެވެ.

މީހަކު ޒަކާތް ދައްކަނީ: އަހަރުގެ މިހާތަނަށް މުދަލު ޒަކާތަށް 104 މިލިއަން ރުފިޔާ ވަނީ ލިބިފައި --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުނަކަށްވީ ހިނދު، އެ މީހެއްގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރުވުމުން، ޝަރުއީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައިކުޅަ އެއްބައި (2.5 އިންސައްތަ) ޒަކާތުގެ ގޮތުގައި ދައްކަން ޖެހެއެވެ.

މިހާރު މުދަލު ޒަކާތް ދެއްކުން ވާޖިބުވާ ނިޞާބަކީ 19،266.10 ރުފިޔާއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މުދަލު ޒަކާތް ނަގަން ފެށިފަހުން އެންމެ ގިނައިން ޒަކާތުގެ ގޮތުގައި ލިބުނީ މިދިޔަ އަހަރު ކަމަށް، ޒަކާތު ހައުސްއިން އާންމުކުރި ތަފާސްހިސާބުތަކުން ވަނީ ދައްކައިފައެވެ.

އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 2021ވަނަ އަހަރުން ފެށިގެން ނިމިދިޔަ 2025ވަނަ އަހަރުގެ ނިޔަލަށް، ކޮންމެ އަހަރަކު 90 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ. އެއާ އަޅައިބަލާއިރު މިދިޔަ އަހަރު 107.21 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

comment ކޮމެންޓް