އިންޑިއާގެ ދިއްލީ މެޓްރޯއަކީ އާންމުގޮތެއްގައި ތަފާތު ވީޑިއޯތަކާއި، ނެށުމުގެ ހަރަކާތްތަކުގެ އިތުރުން ދަތުރުވެރިންގެ މެދުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން ސޯޝަލް މީޑިއާގެ ސަމާލުކަން އަބަދުވެސް ހޯދަމުންދާ ތަނެކެވެ. ނަމަވެސް، މިފަހަރު އެ ރޭލުގެ ތެރެއިން ފެނިގެންދިޔައީ މުޅިން ތަފާތު، ނަމޫނާ އަދި އެހާމެ ޒިންމާދާރު އަމަލެކެވެ. އެ އަމަލުގެ ސަބަބުން ޒުވާނަކަށް ވަނީ ގިނަބައެއްގެ ލޯތްބާއި އިހުތިރާމް ލިބިފައެވެ.
މި ހާދިސާ ހިނގި ގޮތަށް ބަލާއިރު، ކަންފަތަށް ހެޑްސެޓް ޖަހައިގެން ހުރި ޒުވާން ފިރިހެން ކުއްޖަކު އޭނާގެ ދަބަހުން ފެންފުޅިއެއް ނަގަން އުޅުމުގެ ތެރޭގައި، އަތުގައި އޮތް ކާތަކެތި އަޅާފައި ހުރި ޓިފިން ބޮކްސް ދޫވެ، ރޭލުގެ ތަޅުންގަނޑު މައްޗަށް ކާނާތައް އެޅި ބުރައިގެން ދިޔައެވެ.
އެ މަންޒަރު ފެނުމުން އެތަނުން ދުރަށް ދިއުމުގެ ބަދަލުގައި، ނުވަތަ އެކަމަށް ފަރުވާކުޑަކޮށްލުމެއް ނެތި، އެ ޒުވާނާ ވަރަށް މަޑުމައިތިރިކަމާއެކު އޭނާގެ ފޮތުން ގަނޑެއް ވީދާލުމަށްފަހު ތަޅުންމައްޗަށް އެޅުނު ކާނާތައް ނެގިއެވެ. އަދި އެއަށްފަހު، އޭނާގެ ޖީބުގައި އޮތް ރުމާލުން އެތަން އެއްކޮށް ފޮހެ ސާފުކުރިއެވެ. މިއީ އެހެން ފަސިންޖަރުންނަށް ދަތިނުވާނޭހެން އޭނާ އިސްނަގައިގެން ކުރި ވަރަށް ރީތި، ހެޔޮ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
އެ ޒުވާނާގެ މި އަމަލު އެވަގުތު ރޭލުގައި ތިބި މީހުންގެ ސަމާލުކަމަށް އައިސް، މީގެ ދުވަސްކޮޅެއް ކުރިން މީހަކު ވަނީ މި މަންޒަރު ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް'ގައި ހިއްސާކޮށްފައެވެ. މި ޕޯސްޓް ވަރަށް ބޮޑަށް ވައިރަލްވެ، 21،000 އަށްވުރެ ގިނަ ލައިކްސް، 2،500 އަށްވުރެ ގިނަ ރީޓުވީޓް އަދި 300 އަށްވުރެ ގިނަ ކޮމެންޓް ވަނީ ލިބިފައެވެ.
ނިއު ދިއްލާގެ މެޓްރޯގައި ފަސިންޖަރުންތަކެއް ދަތުރުކުރަނީ--ފޮޓޯ/ފޭސްބުކްސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި ގިނަ ބަޔަކު ވަނީ އެ ޒުވާނާގެ ޒިންމާދާރުކަމަށް ތައުރީފުކޮށް، އެފަދަ ފުރިހަމަ އަޚްލާގެއް ދަސްކޮށްދިން ކަމަށްޓަކައި އޭނާގެ މައިންބަފައިންނަށް ޝުކުރު އަދާކޮށްފައެވެ.
ބައެއް ފަރާތްތަކުން ފާހަގަކުރި ގޮތުގައި، މިފަދަ ދުރުވިސްނޭ އަދި އަދަބުވެރި ޒުވާނުން ފެނުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށާއި، މިއީ އޭނާއަށް ލިބިފައިވާ މާތް ތަރުބިއްޔަތުގެ ހެއްކެކެވެ. އަދި އަނެއްބައި މީހުން ބުނެފައިވަނީ، މިހާރުގެ ޒުވާން ޖީލަކީ އިޖުތިމާއީ ޒިންމާތަކަށް ލޯހުޅުވިފައިވާ ބައެއްކަން މިފަދަ ކަންކަމުން ހާމަވާ ކަމަށެވެ.
އެހެން މީހުންނަށް އިހުތިރާމްކުރުމާއި، އަމިއްލަ ޒިންމާ އުފުލުމުގެ މަތިވެރި ސިފަ އެ ޒުވާނާގެ ކިބައިން ފެނިގެންދިއުމަކީ މުޅި މުޖުތަމައަށްވެސް ލިބުނު ރިވެތި ނަމޫނާއެއްގެ ގޮތުގައި ގިނަބަޔަކު ވަނީ ސިފަކޮށްފައެވެ.