ދުވާލުގެ ވަގުތުތަކުގައި ލޭގެ ޕްރެޝަރު އާދައިގެ މިންވަރެއްގައި ހުރި ނަމަވެސް، ރޭގަނޑު ނިދާފައި އޮންނައިރު ޕްރެޝަރު ހުންނަ މިންވަރަކީ ސިއްހީ ގޮތުން ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ކަމެއް ކަމަށް މަޝްހޫރު ކާޑިއޮލޮޖިސްޓް ޑރ. އާލޯކް ޗޯޕްރާ ވިދާޅުވެއްޖެއެވެ.
މި ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ޑޮކްޓަރު ފާހަގަކުރެއްވި ގޮތުގައި، ނިދާފައި އޮންނަ ވަގުތު ލޭގެ ޕްރެޝަރު މަތިވެފައި ހުރުމަކީ ސްޓްރޯކް ޖެހުމަށާއި ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ގެއްލުންވުމަށް މަގުފަހިވާ ސީރިއަސް ކަމެކެވެ. ދުވާލު ގަޑީގައި ޕްރެޝަރު ރަނގަޅަށް ހުރި ނަމަވެސް، ރޭގަނޑުގެ މިންވަރުތަކުން ހިތުގެ ދުޅަހެޔޮކަމާ ގުޅޭ މުހިންމު ސިއްރުތަކެއް ހާމަކޮށްދެއެވެ.
"ޖާނަލް އޮފް ދަ އެމެރިކަން ހާޓް އެސޯސިއޭޝަން"ގެ ދިރާސާތަކާ ހަވާލާދެއްވައި ޑރ. އާލޯކް ވިދާޅުވީ، އާދައިގެ ހާލަތެއްގައި ރޭގަނޑު ހަށިގަނޑު އަރާމުކުރާއިރު ލޭގެ ޕްރެޝަރު މަދުވެގެން %10 ދަށްވާންޖެހޭ ކަމަށެވެ. ނަމަވެސް ރޭގަނޑު ޕްރެޝަރު ދަށްނުވެ މަތިކޮށް ހުރުމަކީ ހިތް ހުއްޓުމާއި، ހިތުގެ ބަލިތަކުގެ އިތުރުން ގުނަވަންތަކަށް ގެއްލުންވުމުގެ ނުރައްކާ ބޮޑުވާ ކަމެކެވެ.
ނިދި ހަމައަށް ނުލިބުމާއި ނިދުމުގައި އުނދަގޫތަކެއް ހުރުމަކީ ލޭގެ ޕްރެޝަރުގެ ސަބަބުން ހަށިގަނޑަށް ސިއްރުން ގެއްލުންތަކެއް ލިބެމުންދާ ކަމުގެ ނިޝާނަކަށް ވެދާނެއެވެ. ރޭގަނޑު ޕްރެޝަރު މަތިވުމަށް މެދުވެރިވަނީ ދިރިއުޅުމުގެ އާދަތަކާއި، ނިދުމަށް ހުރަސްއެޅޭ ކަންކަމުގެ އިތުރުން ސިއްހީ އެހެނިހެން ބަލިތަކުގެ ސަބަބުންނެވެ. މީގެ އިތުރުން ރޭގަނޑު މާ ބޮޑަށް ޕްރެޝަރު ދަށްވުމަކީވެސް ސިއްހީ ނުރައްކާތަކެއް އޮތް ކަމެކެވެ.
ގަނޑު ޕްރެޝަރު މަތިކޮށް ހުރުމަކީ ހިތް ހުއްޓުމާއި ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/ޓެލެގްރާފްއިންޑިއާއިންޑިއަން ހާޓް އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ލޭގެ ޕްރެޝަރު މަތިވުމަކީ އޭޝިއާގެ ގިނަ ޤައުމުތަކުގައި ހަލުވިކަމާއެކު އިތުރުވަމުންދާ ސިއްހީ ބޮޑު މައްސަލައެކެވެ. އެގޮތުން އިންޑިއާގެ ކޮންމެ ހަތަރު ބޮޑު މީހަކުން އެކަކަށް ލޭގެ ޕްރެޝަރު މަތިވުމުގެ ބަލި ޖެހިފައިވާއިރު، މީގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 1.6 މިލިއަން މީހުން އެ ޤައުމުގައި މަރުވެއެވެ. ގިނަ ބަޔަކު ދުވާލު ގަޑީގައި ޕްރެޝަރު މޮނިޓަރ ކުރި ނަމަވެސް، ރޭގަނޑުގެ މިންވަރުތަކަށް ދެވޭ ސަމާލުކަން ކުޑަކަން އެ އެސޯސިއޭޝަނުން ފާހަގަކުރެއެވެ.
އެހެންކަމުން، ހަމައެކަނި ދުވާލު ގަޑީގައި ލޭގެ ޕްރެޝަރު ބަލައިލުމުން ނުނިމޭކަން ޑޮކްޓަރުން ހަނދާންކޮށްދެއްވާއިރު ރޭގަނޑު ނިދުމުގެ ތެރޭގައި ލޭގެ ޕްރެޝަރު ހުންނަ މިންވަރު ދެނެގަތުމަކީ ހިތުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ޚާއްޞަކޮށް ނިދުމުގައި އުނދަގޫތަކެއް ކުރިމަތިވާނަމަ ނުވަތަ ހަމަނިދި ނުލިބޭނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދައި، ގަވާއިދުން ޕްރެޝަރު މޮނިޓަކުރުމަށް ސަމާލުކަން ދިނުމަކީ ސްޓްރޯކާއި ހިތުގެ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.