މިދިޔަ އަހަރަށް ވުރެ އިތުރަށް، މި އަހަރު ގާތްގަނޑަށް 30 މިލިއަން ޑޮލަރު ކާޑުތަކަށް ވިއްކޭނެ ކަމަށް ގައުމީ ބެންކު، ބީއެމްއެލްއިން މިރޭ ބުނެފިއެވެ.
ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓް ސްޓްރެޓެޖީ މުޙައްމަދު ސައީދު ވިދާޅުވީ، މިދިޔަ އަހަރުގެ ނިޔަލަށް ކާޑުތަކަށް ޖުމުލަ ވިއްކުނީ، 390 މިލިއަން ޑޮލަރު ކަމަށާއި އެއީ މިހާތަނަށް އަހަރެއްގެ ތެރޭ އެންމެ ގިނައިން ކާޑުތަކަށް ޑޮލަރު ވިއްކުނު އަހަރު ކަމަށެވެ.
އެކަމަކު މި އަހަރުތެރޭ، މިދިޔަ އޮގަސްޓު މަހުގެ ނިޔަލަށް 304 މިލިއަން ޑޮލަރު ކާޑުތަކަށް ވިއްކިފައިވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.
"މިހާރުގެ އެވަރެޖަށް ބަލާއިރު ވެސް، އަޅުގަނޑުމެނަށް އިތުރަށް ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު [ކާޑުތަކަށް] ވިއްކިގެންދާނެ މި އަހަރު ތެރޭގައި،" ސައީދު ވިދާޅުވިއެވެ.
ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓް ސްޓްރެޓެޖީ މުޙައްމަދު ސައީދު ވާހަކަދައްކަވަނީ --- ފޮޓޯ/ ޕީއެސްއެމްއޭނާ ވިދާޅުވީ، މިދިޔަ އަހަރަށް ވުރެ، މި އަހަރު ރާއްޖޭން ބޭރުން ކުރެވޭ މުއާމަލާތްތައް ކުރި ކަސްޓަމަރުން ގިނަ ކަމަށާއި ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް ވެސް އިތުރުވަމުންދާ ކަމަށެވެ.
މީގެއިތުރުން، މަހެއްގެ ތެރޭގައި އެ ބެންކުގެ 270،000 ކަސްޓަމަރުން އޮންލައިން ޓްރާންސެކްޝަންތައް ހަދާ ކަމަށާއި އެ އަދަދާ ގާތަށް އެހެން ބެންކަކުން ސަޕޯޓު ނުދެވޭ ކަމަށް އޭނާ ލަފާކުރެއްވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، އެންމެ ގިނައިން ކަސްޓަމަރުން އީ-ކޮމާސް މުއާމަލާތްކުރާ ސައިޓްތައް ކަމަށްވާ ޓީމޫ، އަލީބާބާ، އެޕަލް، އެމެޒޯން ފަދަ ސައިޓްތަކަށް ސިކުންތަކު 70 އަށްވުރެ ގިނަ އީކޮމާސް މުއާމަލާތް ހިނގަމުންދާ ކަމަށް ވެސް ސައީދު ވަނީ ވިދާޅުވެފައެވެ.
ބައިނަލްއަގުވާމީ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ކޮންމެ ދުވަހަކު ވެސް ބީއެމްއެލްގެ އީ-ކޮމާސް ލިމިޓް ރިސެޓްވަނީ ހެނދުނު 7:00ގައެވެ.
ބީއެމްއެލްއިން ހާމަކުރި ގޮތުގައި، މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށް، އީ-ކޮމާސްގެ އިތުރުން، އެހެނިހެން ކާޑު މުއާމަލާތްތަކާއެކު މަހަކު އެވްރެޖްކޮށް 38 މިލިއަން ޑޮލަރު ބޭންކުން ހޭދަކުރެއެވެ. އަދި ހުރިހާ ދާއިރާއެއް ހިމެނޭހެން، މަހެއްގެ މައްޗަށް ޖުމްލަ 81 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ބޭންކުން ވަކިން ޚާއްސަކޮށް، ސިއްހީ އަދި ތައުލީމީ ބޭނުންތަކަށް ވަކި ފަންޑެއް ހަމަޖައްސާފައިވަނީ ކޮންމެ ހާލަތެއްގައި ވެސް މިފަދަ ޒަރޫރީ ޚިދުމަތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށް އެ ބެންކުން ބުންޏެވެ.