ދިވެހިރާއްޖޭން ސާބިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެޒިޑަންޓް ސަފީރު އައިމިނަތު ޝަބީނާ އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ސާބިއާގެ ރައީސް އެލެކްސެންޑާ ވުޗިޗްއަށް މިއަދު އަރުވައިފިއެވެ.
ހެނދުނު ބެލްގްރޭޑްގައި ހުންނަ "ޕެލެސް ސަބިއާ"ގައި ބޭއްވި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސާބިއާގެ ރައީސްގެ އަރިހަށް ސަފީރު ވަނީ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
އެ ޒިޔާރަތުގައި ސަފީރު ޝަބީނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ސާބިއާގެ ރައީސަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ. ދިވެހިރާއްޖޭން ސާބިއާއަށް ކަނޑައަޅުއްވާފައިވާ ފުރަތަމަ ސަފީރުގެ ހައިސިއްޔަތުން ދެ ގައުމުގެ ދެމެދުގައި އުފެދެމުންދާ ގާތް ގުޅުމަށް ރިޢާޔަތް ކުރައްވައި، މި ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް އޭނާ މަސައްކަތްޕުޅު ކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެ ގައުމުގެ ރައީސަށް ސަފީރު ދެއްވިއެވެ.
ރާއްޖޭން ސައިބާއަށް ކަނޑައަޅާފައި ހުންނަވާ ނޮންރެސިޑެންޓް ސަފީރު --- ފޮޓޯ/ ފޮރިން މިނިސްޓްރީފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު އެކި ޤައުމުތަކުން ސާބިއާއަށް ކަނޑައަޅާފައިވާ ނޮން-ރެޒިޑެންޓް ސަފީރުންގެ ޝަރަފުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު މާކޯ ޑުރިޗް ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ސަފީރު ޝަބީނާ ބައިވެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، ސާބިއާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އޭޝިއާ، އޮސްޓްރޭލިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓްގެ ހެޑް، އެލޭނާ މާކޮވިޗް އާ ބައްދަލުކުރައްވާފައިވެއެވެ. އަދި، މި ބައްދަލުވުންތަކުގެ ތެރޭގައި ތަޢުލީމާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގައި ސަފީރު ޝަބީނާގެ އަރިހުގައި ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ، ސައިފުﷲ ވަލީދު ބައިވެރިވެވަޑައިގެންފައިވެއެވެ.
ރާއްޖެއާއި ސާބިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ މާރިޗު 1، 1975 ގައެވެ.