މެލޭޝިޔާގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމް ރާއްޖެއަށް މިރޭ ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޖުމްހޫރީ މައިދާން ސަރަހައްދުން ބޭރުމަގާއި ކަނޑުގެ ސަރަހައްދު ވަކި ވަގުތުތަކެއްގައި ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމައިފިއެވެ.
ފުލުހުން މިއަދު ބުނީ، މެލޭޝިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅާ ގުޅިގެން ބާއްވާ ރަސްމިއްޔާތަށް ޓަކައި، މާދަން ފަތިހު 5:30 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން އެ ސަރަހައްދު ބަންދުކުރެވޭނެ ކަމަށެވެ.
އެގޮތުން، ކަނޑާއި އެއްގަމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ވެސް ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކެއް ބަންދުކުރެވޭނެ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ފުލުހުން ހިއްސާކުރި ޗާޓުގައިވާ ގޮތުން ބޮޑުތަކުރުފާނު މަގު ބަންދުވަނީ ރައީސް އޮފީހުން ފެށިގެން، ޖުމްހޫރީ މައިދާން ނިމޭ ހިސާބަށެވެ. ހަމަ އެ ސަރަހައްދުގެ ފަޅު ތެރެއާއި ކަނޑުގެ ސަރަހައްދު ވެސް ބަންދުކުރާނެއެވެ.
މީގެ އިތުރުން އަމީރްއަޙްމަދު މަގާއި އޯކިޑު މަގުގެ ބައެއް ހިސާބުތަކުން ފެށިގެން ވެސް ބަންދުކުރަން ވަނީ ނިންމައިފައެވެ.
މި ބަދަލުތަކާ ގުޅިގެން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ފުލުހުން ވަނީ މައާފަށް އެދިފައެވެ. އަދި މިފަދަ ކަންކަމުގައި އަބަދުވެސް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ފުރިހަމަ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް އަންވަރު މިރޭ ރާއްޖެ ވަޑައިގަންނަވާއިރު ރަސްމީ ބައްދަލުވުންތައް އޮތީ މާދަމާއެވެ. އަދި އަންވަރު ފުރާވަޑައިގަންނަވަނީ ވެސް މާދަމާއެވެ.
މި ވަގުތު އަންވަރު ހުންނެވީ ބްރިކްސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އަވައްޓެރި އިންޑިއާގައެވެ.