އޭއައި މެދުވެރިކޮށް ޕޯލް ވޯކާ ފިލްމަށް ގެންނާތީ ސަޕޯޓަރުން ނުރުހި، "ފާސްޓް ފޯއެވާ" ބޮއިކޮޓް ކުރަނީ

"ފާސްޓް އެންޑް ފިއުރިއަސް" ސިލްސިލާގެ އެންމެ މަގުބޫލު އެއް އެކްޓަރު ކަމަށްވާ ޕޯލް ވޯކާ -- ފޮޓޯ/ ޕީޕްލް

"ފާސްޓް އެންޑް ފިއުރިއަސް" ސިލްސިލާގެ އެންމެ ފަހު ފިލްމު "ފާސްޓް ފޯއެވާ"އިން، ކުރީގެ އެކްޓަރު ޕޯލް ވޯކާގެ ކެރެކްޓާ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) މެދުވެރިކޮށް އަލުން ދައްކުވައިދޭން އުޅޭ ކަމުގެ ރިޕޯޓްތަކާއެކު، ސަޕޯޓަރުންގެ މެދުގައި ބޮޑު ނުރުހުމެއް އުފެދި ފިލްމު ބޮއިކޮޓްކުރަން ގޮވާލަން ފަށައިފިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފިލްމު އުފައްދާ ފަރާތްތަކުން ވިސްނަމުން ދަނީ އެންމެ ޒަމާނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޕޯލް ވޯކާގެ މޫނާއި އަޑު އަލުން އުފައްދައި، ފްރެންޗައިޒްގެ ފިނިޝިންއަށް އޭނާގެ ކެރެކްޓާ ގެނައުމަށެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ މި ނިންމުމާ ދެކޮޅަށް އަޑުއުފުލާފައެވެ.

ދެހާސްތޭރަ ވަނަ އަހަރު ޕޯލް ވޯކާ މަރުވުމާ ގުޅިގެން، އޭނާގެ އާއިލާގެ ފުރިހަމަ ރުހުމާއެކު "ފިއުރިއަސް 7"ގެ މަންޒަރުތައް ނިންމާލާފައި ވަނީ އޭނާގެ ކޮއްކޮ ކޯޑީ ވޯކާ ބޭނުންކޮށްގެންނެވެ. ނަމަވެސް، 'ޕޭޖް ސިކްސް'އިން ހާމަކޮށްފައިވާ ގޮތުގައި "ފާސްޓް ފޯއެވާ"އަށް ކޯޑީ އެނބުރި ނާންނާނެއެވެ. އެހެންނަމަވެސް، މުޅި ފްރެންޗައިޒް ފެށިގެން އައީ ޕޯލް އަދި ވިން ޑީސަލްގެ ކެރެކްޓާތަކުގެ މައްޗަށް ބިނާވެގެން ކަމަށްވާތީ، މި ސިލްސިލާގެ އެންމެ ފަހު ފިލްމުން ވެސް ޕޯލްގެ ކެރެކްޓާ ދައްކާލުމަށް އުފެއްދުންތެރިން ދަނީ މަޝްވަރާ ކުރަމުންނެވެ.

ކޯޑީ ވޯކާ އަދި އޭނާގެ ބޭބެ އަދި ކުރީގެ އެކްޓަރު ޕޯލް ވޯކާ -- ފޮޓޯ/ ޕީޕްލް

ކޯޑީ ވޯކާ ފާހަގަކުރި ގޮތުގައި، މިކަމުގައި އޭނާގެ ނިންމުން ބިނާވެފައި ވަނީ ޕޯލްގެ ދަރިފުޅު މެޑޯގެ ވިސްނުމާއި ބޭނުންވާ ގޮތެއްގެ މައްޗަށެވެ. އަދި އަމިއްލައަށް އެ މަސައްކަތުގައި ބައިވެރިވުމުގެ ޝައުގުވެރިކަމެއް ނެތް ނަމަވެސް، އާއިލާގެ ހުއްދަ ލިބިއްޖެނަމަ އޭއައި މެދުވެރިކޮށް 'ބްރަޔަން އޯކޯނާ'ގެ ކެރެކްޓާ އަލުން ގެނެވިދާނެ ކަމަށް އޭނާ ބުންޏެވެ.

އެހެންނަމަވެސް، ޕޯލް ވޯކާ ފަދަ ލޯބިވާ ފަންނާނެއްގެ ހަނދާންތަކާ ގުޅިފައިވާ ކެރެކްޓާއެއް އޭއައި ބޭނުންކޮށްގެން އުފެއްދުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހާނެތިކަމެއްގެ ގޮތުގައި ގިނަ ސަޕޯޓަރުން ދެކެއެވެ. ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ، އޭނާއަށް އޮތް އިހުތިރާމް ދެމެހެއްޓުމަށްޓަކައި އެ ފިލްމުގެ މަސައްކަތް ހުއްޓާލަންޖެހޭ ކަމަށާއި، މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ލޫއީ ލެޓެރިއާ ޑައިރެކްޓްކުރާ "ފާސްޓް ފޯއެވާ" ސިނަމާތަކުގައި އެޅުވުމަށް ތާވަލުކޮށްފައި ވަނީ 17 މާޗް 2028ގައެވެ.

comment ކޮމެންޓް