ފަސޭހަކަމާއެކު ޓީސީ ބަލިކޮށް ވިކްޓްރީން ލީގު ފެށީ ގަދަކޮށް

ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، ސީޒަން ވަރުގަދަކޮށް ފަށައިފިއެވެ.

ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން މި ސީޒަނުގެ ތައްޔާރީތައް ފެށީ ވިކްޓަރީން ލީގުގެ ފުރަތަމަ މެޗަށް ނުކުތީ ފުރަތަމަ އެގާރައަށް މެޗުގެ އެންމެ ފަހު ވަގުތު ބަދަލުތަކެއް ގެނެސްގެންނެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގެ 3 ވަނަ މިނިޓްގައި ވިކްޓަރީއަށް ކުރިހޯދައިދިނީ ޕެނަލްޓީއަކުން އުޒްބެކިސްތާންގެ މިޑްފީލްޑަރު މިރްޖަލޯލް އެވެ. މިއީ ޓީސީގެ ނައިޖީރިއާ ކީޕަރު އެމަނުއެލް އޭރިއާ ތެރެއިން ވިކްޓަރީގެ ހުސެއިން ޝަރީފް (ހުސީ) އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ނަމަވެސް، މެޗުގެ 10 ވަނަ މިނިޓްގައި ޓީސީގެ މިސްރު ކުޅުންތެރިޔާ އަޝްރަފް މަހްމޫދު ނެގި ކޯނަރަކުން މާޔިޒް ވަހީދު ބޮލުން ޖެހި ގޯލުން ޓީސީން ނަތީޖާ ހަމަހަމަކުރިއެވެ.

ވިކްޓަރީން މެޗުގެ ކޮންޓްރޯލް ނަގައި ދެވަނަ ފަހަރަށް ލީޑު ނެގީ 65 ވަނަ މިނިޓްގައި މިރްޖަލޯލް ނެގި ހިލޭޖެހުމަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން، އަލީ ޝާމިސް (ތޮއްޕޭ) ނެގި ހުރަހެއް ކީޕަރު އަތުގައި ޖެހިފައި ނުކުތް ވަގުތު އަހުމަދު ރިޒްވާން (ރިޒޭ) ވަނީ ބޯޅަ ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިގެން ވިކްޓަރީގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 85 ވަނަ މިނިޓްގައި ޓީސީގެ ޑިފެންޑަރު ހަސަން އީނާޒް، އޭރިއާ ތެރެއިން ހަސަން ނަޒީމް ގާސިމް (ޗޯޓު) އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ރިޒޭ ވަނީ ވިކްޓަރީގެ ހަތަރުވަނަ ލަނޑު ޖަހައިފައެވެ. އަދި އޭގެ ދޮޅު މިނިޓު ފަހުން، ތޮއްޕޭ ނެގި ހުރަހަކުން ޖެރޯ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްގެން ވިކްޓަރީން 5-1 އިން މެޗު ނިންމާލިއެވެ.

މި ލީގުގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 1-0 އިން އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށްފައިވާއިރު، ގދ. ގައްދޫ ދަނޑުގައި ގައްދޫ އާއި ނިއު ރޭޑިއަންޓް ކުޅެން އޮތް މެޗު ވިއްސާރައިގެ ސަބަބުން ނުކުޅެވިގެން ވަނީ ފަސްކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު