ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ދެކޮޅަށް ސްވިޒަލެންޑްގެ ކޯޓަކަށް ޖިނާއީ މައްސަލައެއް ހުށަހެޅުމަށްޓަކައި ހެއްކާއި ލިޔެކިޔުންތައް ހޯދުމަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ކުރަމުންދާ މަސައްކަތުގެ ތެރެއަށް ވަނުމަށް އެމެރިކާގައި ހުންނަ ފީފާގެ ސަބްސިޑިއަރީ ކުންފުނިތަކުން ކުރާ މަސައްކަތް ހުއްޓުވައިދިނުމަށް ޔުއެފާއިން އެމެރިކާގެ ކޯޓެއްގައި އެދިފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
މެންހަޓަންގެ ފެޑެރަލް ކޯޓަށް ހުށަހެޅި ލިޔުމެއްގައި ޔުއެފާއިން ބުނެފައިވަނީ، 'ފީފާ (އެމެރިކާސް) އިންކް' އަދި 'އެފްޑަބްލިއުސީ 2026 ޔޫއެސް އިންކް' އިން މަސައްކަތް ކުރަމުންދަނީ ގަވާއިދާ ޚިލާފަށް ފީފާ އަދި އިންފަންޓީނޯގެ ބަދަލުގައި އެ މައްސަލައިގެ ތެރެއަށް ވަނުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަދި އެ މައްސަލައިގެ ތެރެއަށް ވަނުމަށް ފީފާ ނުވަތަ އިންފަންޓީނޯ ވެސް ކޯޓުގައި ރަސްމީކޮށް އެދިފައި ނުވާކަން ޔުއެފާއިން ފާހަގަކުރިކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ޔުއެފާއިން އެމެރިކާގެ ގާނޫނުގެ ދަށުން އެދިފައިވަނީ 'ތްރައިވް ކެޕިޓަލް މެނޭޖްމަންޓް' އަދި އޭގެ ބާނީ ޖޯޝުއާ ކުޝްނާ އަތުން ލިޔެކިޔުންތަކާއި ހެކިބަސް ހޯދުމަށެވެ. މިއީ ފީފާގެ ވޯލްޑް ކަޕާއި އެހެނިހެން މުބާރާތްތަކުގެ ވިޔަފާރި އަދި ހިންގުމުގެ ދާއިމީ ހިއްސާއެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް އިންފަންޓީނޯ ހުށަހެޅުއްވި 'ފީފާ ފޯވާޑް އެންޓަޕްރައިޒް' މުއާމަލާތާ ގުޅޭ މައުލޫމާތު ހޯދުމަށެވެ.
ގިނަ ފަރާތްތަކެއްގެ ފާޑުކިޔުންތަކާ ގުޅިގެން މި ޕްލޭން ވަނީ މިދިޔަ އޮގަސްޓް 1 ގައި އިންފަންޓީނޯ އަނބުރާ ގެންދަވާފައެވެ.
ސްވިޒަލެންޑްގައި އިންފަންޓީނޯއާ ދެކޮޅަށް ޖިނާއީ ޚިޔާނާތާއި ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައެއް ހުށަހެޅުމަށް ވިސްނަމުންދާ ކަމަށް ޔުއެފާއިން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް ފީފާ ނުވަތަ އިންފަންޓީނޯގެ މައްޗަށް އެއްވެސް ރަސްމީ ކުށުގެ ދައުވާއެއް އުފުލާފައެއް ނުވެއެވެ. ފީފާއިން ވަނީ ޔުއެފާއިން ހިންގަނީ އަގުވައްޓާލުމުގެ ކެމްޕޭނެއް ކަމަށް ބުނެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ޔުއެފާއިން ކޯޓުގައި ބުނެފައިވަނީ، އެމެރިކާގެ ސަބްސިޑިއަރީ ކުންފުނިތަކަކީ ސްވިސް މައްސަލައިގެ އަމާޒެއް ނޫން ކަމަށާއި އެ ކުންފުނިތަކުގެ ގާނޫނީ މަސްލަހަތެއް މި މައްސަލައިގައި ނެތް ކަމަށެވެ.
އަދި އެ ކުންފުނިތައް މެދުވެރިކޮށް ހުރަސްއެޅުމަކީ މައްސަލަ ލަސްކުރުމަށް ކުރާ ކަމެއް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމައެވެ.