ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭ ގޮތް ހަމަޖެއްސުމަށް އެކުލަވާލާފައިވާ އެއްބަސްވުމުގެ ޑްރާފްޓަށް ބެލަރޫސްގެ ރައީސް އަލެކްސަންޑާ ލުކަޝެންކޯ ރުހުން ދެއްވައިފިއެވެ.
ބެލަރޫސްގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި ކުރިއަށް އޮތް ތަނުގައި ބާއްވާ މަޝްވަރާތަކުގެ އަސާސް ކަމުގައި ވާނެއެވެ.
އިއްޔެ ލުކަޝެންކޯ ސޮއިކުރެއްވި ރިޔާސީ ގަރާރުގައިވާ ގޮތުން، މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި އަނެއް ގައުމަށް އެތެރެވުމާއި، ފުރައިގެން ދިއުމާއި، އަދި ޓްރާންސިޓް ކުރުމުގެ ހުއްދަ ލިބޭނެއެވެ. މިގޮތުން ވިސާއާ ނުލައި ކޮންމެ ދަތުރަކަށް ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް މަޑުކުރެވޭނެއެވެ. ނަމަވެސް، މީލާދީ އެއް އަހަރުގެ ތެރޭގައި ވިސާއާ ނުލައި ހޭދަކުރެވޭނެ ޖުމްލަ މުއްދަތު 90 ދުވަހަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރާއެކު މިކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށާއި އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރިހަމަ ބާރު ބެލަރޫސްގެ ފޮރިން މިނިސްޓްރީއަށް ވަނީ ދީފައެވެ.
ބެލަރޫސްގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ -- ފޮޓޯ: ރޮއިޓާސް މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިއަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ބެލަރޫސްގެ ވެރިރަށް މިންސްކަށް ޒިޔާރަތްކުރައްވައި، އެ ގައުމުގެ ފަސްޓް ޑެޕިއުޓީ ފޮރިން މިނިސްޓަރު ސަރްގޭ ލުކަޝެވިޗްއާ ބައްދަލުކުރައްވާފައެވެ. ބެލަރޫސްގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި މިއީ ދެ ގައުމުގެ ދެމެދުގައި މި ފެންވަރުގައި ބޭއްވުނު ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ފަތުރުވެރިކަމާއި، ސިއްހީ ދާއިރާއާއި، ތަޢުލީމީ ދާއިރާގެ އިތުރުން ކާބޯތަކެއްޗާއި މެޝިނަރީ ފޯރުކޮށްދިނުމުގެ ރޮނގުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ދެ ގައުމުގެ ފޮރިން މިނިސްޓްރީ ގުޅިގެން ސިޔާސީ އަދި އިގުތިސާދީ ގުޅުންތައް ފުޅާކުރުމަށާއި، ގާނޫނީ އޮނިގަނޑުތައް ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށްވެސް އެ ބައްދަލުވުމުގައި ވަނީ އެއްބަސްވެފައެވެ.
ބެލަރޫސްއިން ދަނީ އެ ގައުމުގެ ފަތުރުވެރިކަމާއި ވިޔަފާރީގެ ގުޅުންތައް ފުޅާކުރުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކާއެކު ވިސާގެ ލުއިފަސޭހަތައް ހަމަޖައްސަމުންނެވެ. އެގޮތުން ޔޫރަޕްގެ 38 ގައުމެއްގެ ރައްޔިތުންނަށްވެސް ވިސާއާ ނުލައި އެ ގައުމަށް އެތެރެވޭނެ އިންތިޒާމު 2026 ވަނަ އަހަރުގެ ނިޔަލަށް ވަނީ ހަމަޖައްސާފައެވެ.
ބެލަރޫސްއަކީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރުމަށް ގިނަ ދިވެހިން ގޮސް އުޅޭ ގައުމެކެވެ.