މީގެ 25،000 އަހަރު ކުރިން އިންސާނުން މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމުގެ ހެކިތަކެއް، އިންޑޮނޭޝިއާގެ ސުލަވެސީ ރަށުން ފެނުނު ކަށިތަކަކުން ސައިންސްވެރިން ހޯދައިފިއެވެ.
ސައިންސް އެޑްވާންސަސް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ، މިއީ ދުނިޔޭގެ ތާރީޚުގައިވެސް މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމުގެ އެންމެ ދުވަސްވީ ހެކި ކަމަށް ވެދާނެ ކަމަށެވެ. އޮސްޓްރޭލިއާގެ ގްރިފިތު ޔުނިވާސިޓީގެ ޕްރޮފެސަރު އެޑަމް ބްރަމް އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދިޔަ މި ދިރާސާގައި ބަލާފައިވަނީ ސުލަވެސީ ރަށުން ފެނުނު ދެ މީހެއްގެ ކަށިތަކަށެވެ. މީގެ ތެރެއިން އެކެއްގެ ކަށިތަކަކީ މީގެ 25،000 އާއި 16،000 އަހަރާ ދެމެދުގެ މުއްދަތަކަށް ނިސްބަތްވާ ކަށިތަކެކެވެ. އަދި އަނެއް މީހާގެ ކަށިތަކަކީ މީގެ 7،600 އާއި 6،300 އަހަރާ ދެމެދުގެ މުއްދަތަކަށް ނިސްބަތްވާ ކަށިތަކެކެވެ.
މި ދެ މީހުންގެ ދަތްތަކުން އާދަޔާޚިލާފު ނިޝާންތަކެއް ފެންނަން ހުރި ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ދަތްތަކުގައި ފުންކޮށް ހުރި ވަށް ނިޝާންތަކަކީ، މުޅި ފޯއް އެއްކޮށް އަނގަޔަށް ލައިގެން އޭގެ ދިޔަ ބުއިމުގެ ސަބަބުން އުފެދިފައިވާ ނިޝާންތަކެއް ކަމަށް ސައިންސްވެރިން ބުނެއެވެ. ފޯކަކީ އޭގެ ޒާތުގައި އިންސާނާގެ ސިކުނޑިއަށް ބަދަލުތަކެއް ގެނުވައި، އުފާވެރިކަމުގެ އިހުސާސެއް އުފައްދައިދޭ އެއްޗެކެވެ.

މިކަން ކަށަވަރުކުރުމަށްޓަކައި ސައިންސްވެރިން ވަނީ ލެބޯޓަރީގައި ތަހުލީލުތަކެއް ކޮށްފައެވެ. މަސްނޫއީ ކުޅުގެ ތެރެއަށް ފޯއް ލުމަށްފަހު ހެދި ތަހުލީލުތަކުން ދެއްކި ގޮތުގައި، ފޯއް ނުހަފައި ހަމައެކަނި އޭގެ ދިޔަ ބުއިމުންވެސް ސިކުނޑީގެ މަސައްކަތަށް ބަދަލުގެނުވާ މާއްދާތައް އޭގެއިން ބޭރުވެއެވެ. މިގޮތަށް ފޯއް ބޭނުންކުރުމުން ކުރާ އަސަރު، މިހާރުގެ މީހުން ދުފުމުން ކުރާ އަސަރަށްވުރެ ކުޑަވި ނަމަވެސް، މިއީ ހިރުގަނޑުގެ ބޮޑެތި ބަލިތަކަށް މަގުފަހިކުރުވި އާދައެއް ކަމަށް ދިރާސާ ޓީމުން ލަފާކުރެއެވެ.
ޕްރޮފެސަރު ބްރަމް ވިދާޅުވި ގޮތުގައި، ހުޅަނގުގެ މުޖުތަމައުތަކަށް މާބޮޑަށް ނޭނގުނު ނަމަވެސް، ފޯކަކީ ދުނިޔޭގައި ހަތަރުވަނައަށް އެންމެ ގިނައިން ބޭނުންކުރާ ސިކުނޑިއަށް އަސަރުކުރުވާ މާއްދާއެވެ. ފޯކަށްވުރެ ގިނައިން މީހުން ބޭނުންކުރަނީ ހަމައެކަނި ރާ، ކެފެއިން އަދި ނިކޮޓީންއެވެ.
މީގެ ކުރިން ސައިންސްވެރިން ގަބޫލުކުރަމުން އައީ އިންސާނުން މަސްތުވާތަކެތި ބޭނުންކުރަން ފެށީ ދަނޑުވެރިކަން ކުރަން ފެށުމަށްފަހު، މީގެ 13،000 އަހަރު ކުރިން ރާ އުފައްދަން ފެށި ހިސާބުން ކަމަށެވެ. ނަމަވެސް މި އާ ހޯދުމާއެކު، މިހާރު ބޭނުންކުރާ މަސްތުވާތަކެތީގެ އަސްލު ގުޅިފައިވަނީ ވަރަށް ކުރީގެ އިންސާނުންގެ އާދަތަކާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިހާރުގެ ޒަމާނުގައި ފޯއް ބޭނުންކުރަނީ ހުންޏާއި އެހެނިހެން ބާވަތްތަކާ އެއްކޮށްގެން ދުފުމަށެވެ. ދެކުނު އަދި އިރުދެކުނު އޭޝިއާގައި މި އާދަ ވަރަށް ބޮޑަށް ފެތުރިފައިވާއިރު، ދުނިޔޭގެ އާބާދީގެ ދިހަބައިކުޅަ އެއްބައި މީހުން ދުފާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.