އެޕަލްގެ ފުރަތަމަ ފަށްޖެހޭފޯނު، އައިފޯން ޑުއޯ: އަމާޒުވަނީ ކޮން ބަޔަކަށްތޯ ސުވާލު އުފެދިއްޖެ

އެޕަލްގެ އާ ސީއީއޯ ޖޯން ޓާނަސް އައިފޯން ޑުއޯ ދައްކާލަނީ --- ފޮޓޯ: ރޮއިޓާސް

އެޕަލް ކުންފުނިން އަލަށް ތަޢާރަފުކުރި ފުރަތަމަ ފަށްޖެހޭ ފޯނު، "އައިފޯން ޑުއޯ" ރަސްމީކޮށް ދައްކާލުމާއެކު، އެމެރިކާގެ ބާޒާރުގައި 1،999 ޑޮލަރުން ފެށޭ މި އަގުބޮޑު ޑިވައިސް އަމާޒުވަނީ ކޮން ބަޔަކަށްތޯ ޓެކްނޮލޮޖީ ދާއިރާގެ މާހިރުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ.

ކެލިފޯނިއާގެ ކުޕަޓީނޯގައި ހުންނަ ސްޓީވް ޖޮބްސް ތިއޭޓަރުގައި އޮތް މި އިވެންޓުގައި އެޕަލްގެ އާ ސީއީއޯ ޖޯން ޓަރނަސް ވަނީ ފޯނު ދައްކާލައްވައި، މިއީ އައިޕެޑެއް ފަދައިން ބޭނުންކުރަން ފަސޭހަ ބޮޑު ސްކްރީނަކާއެކު ތައްޔާރުކޮށްފައިވާ، ޒާތީ އޭއައި ހަބެއްގެ ގޮތުގައި ބޭނުންކުރެވޭނެ ވަސީލަތެއްކަން ހާމަކުރައްވާފައެވެ. އަދި މި ފޯނުގެ އެންމެ ބޮޑު ސްޓޯރޭޖް ހިމެނޭ ވާޝަންގެ އަގު 3،199 ޑޮލަރަށް އަރައެވެ.

އެ އިވެންޓުގައި އެޕަލްގެ އިސްވެރިން ވަނީ ޒޫމް، ސްލެކް އަދި ނެޓްފްލިކްސް ފަދަ އެޕްލިކޭޝަންތައް ބޮޑު ސްކްރީނުގައި މަސައްކަތްކުރާ ގޮތް ދައްކާލައި، އޮފީސް މަސައްކަތްތަކަށާއި، ކޮންޓެންޓް އުފެއްދުމަށާއި، މުނިފޫހިފިލުވުމަށް މިއީ ބޭނުންތެރި ޑިވައިސްއެއްގެ ގޮތުގައި ސިފަކޮށްފައެވެ. ނަމަވެސް، ކްރިއޭޓިވް ސްޓްރެޓެޖީސްގެ އެނަލިސްޓް ކެރޮލީނާ މިލަނޭސީ ވިދާޅުވީ، އެޕަލްއިން އާންމު ގޮތެއްގައި އުފެއްދުންތައް ގަންނާނެ ވަކި ކަސްޓަމަރުންގެ ގިންތިއެއް ސާފުކޮށް ކަނޑައެޅި ނަމަވެސް، މި ފަހަރު ވަކި ބަޔަކަށް އަމާޒުކުރުމަށް އެ ކުންފުނިން ޖެހިލުންވެފައިވާ ކަމަށެވެ.

މީގެކުރިން އެޕަލްއިން ނެރުނު އުފެއްދުންތަކުގެ ޓާގެޓް އޯޑިއޮންސެއް އޮވޭ ---

ކައުންޓަޕޮއިންޓް ރިސާޗްގެ ނައިބު ރައީސް ނީލް ޝާހް ފާހަގަކުރެއްވި ގޮތުގައި، މި ޑިވައިސްއަކީ ސީދާ މަސައްކަތަށް ނުވަތަ މުނިފޫހިފިލުވުމަށް ޚާއްޞަ އެއްޗެއްކަން ސާފުކޮށްދިނުމުގައި ބޮޑު އުނިކަމެއް އެބަހުއްޓެވެ. މީގެ ކުރިން 2010 ވަނަ އަހަރު ސްޓީވް ޖޮބްސް އައިޕެޑް ނެރުއްވީ މީޑިއާ ބެލުމަށް ޚާއްޞަ ވަސީލަތެއްގެ ގޮތުގައި ކަމަށާއި، 2015 ގައި ޓިމް ކުކް އައިޕެޑް ޕްރޯ އަމާޒުކުރެއްވީ ޕްރޮފެޝަނަލް މަސައްކަތްތެރިންނަށް ކަމަށްވާއިރު، މި ފޯނުގެ އަމާޒު ފެންނަނީ މާ ބޮޑަށް ފުޅާކޮށްލާފައިވާ ތަނެވެ. މީގެ އިތުރުން 2023 ގައި ނެރުނު ވިޝަން ޕްރޯ ހެޑްސެޓަށް ވެސް އަގުބޮޑުވެ ސާފު ބޭނުމެއް ދައްކުވައިނުދެވުމުގެ ސަބަބުން މިފަދަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނުކަން ތަޖުރިބާކާރުން ހަނދާންކޮށްދެއެވެ.

އެހެން ނަމަވެސް، އެޕަލް ބްރޭންޑަށް އޮތް ބޮޑު އިތުބާރާއި މަޤްބޫލުކަމުގެ ސަބަބުން މި އަހަރު ނިމުމުގެ ކުރިން 6 މިލިއަން ޔުނިޓްގެ އައިފޯން ޑުއޯ ވިކޭނެ ކަމަށް ކައުންޓަޕޮއިންޓުން ލަފާކުރެއެވެ. މިއީ މުޅި ދުނިޔޭގެ ފަށްޖެހޭ ފޯނުގެ މާކެޓުގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ވެސް ބޮޑު އަދަދެކެވެ.

ފަށްޖެހޭ ފޯނުގެ ބާޒާރުގައި 2019 ވަނަ އަހަރުން ފެށިގެން އެންމެ ކުރީގައި އުޅެނީ ސެމްސަންގްއެވެ. ސްކްރީން ހަލާކުވުމުގެ މައްސަލަތަކަށް ފަހު ވެސް މާކެޓުގެ 40 އިންސައްތަ ހިއްސާއާއެކު ސެމްސަންގް އެއްވަނައިގައި އޮތްއިރު، ގޫގުލް އަދި ވާވޭ ފަދަ ކުންފުނިތަކުން ވެސް އަންނަނީ މި ދާއިރާގައި ވާދަކުރަމުންނެވެ. އަދި އެޕަލްގެ އާ ފޯނު ނެރުމާއެކު ސެމްސަންގުން ވަނީ އެޕަލްއިން ތަޢާރަފުކުރީ އެމީހުން މާ ކުރިން ބޭނުންކޮށް ބާވެފައިވާ ޓެކްނޮލޮޖީއެއް ކަމަށް ބުނެ މަލާމާތްކޮށް އިޝްތިހާރު ކެމްޕޭނެއް ވެސް ފަށާފައެވެ.

އައިޑީސީގެ ހިސާބުތައް ދައްކާ ގޮތުން 2026 ވަނަ އަހަރު މުޅި ދުނިޔޭގެ ސްމާޓްފޯން މާކެޓުގައި ފަށްޖެހޭ ފޯނުތަކުގެ ހިއްސާއަކީ 3 އިންސައްތައަށް ވުރެ ވެސް ކުޑަ މިންވަރެކެވެ. އަދި އެޕަލް މި ބާޒާރަށް ވަދެގެން ދިޔަ ނަމަވެސް 2027 ގައި މި އަދަދަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް އެ ފަރާތުން އަންދާޒާކުރެއެވެ.

އެހެން ނަމަވެސް، ޓެކްނޮލޮޖީ ރިސާޗް ފާމެއް ކަމަށްވާ އޮމްޑިއާއިން ލަފާކުރާ ގޮތުގައި 2026 ވަނަ އަހަރު 22.3 މިލިއަން ފަށްޖެހޭ ފޯނު ވިކޭނެ ކަމަށް ބެލެވޭއިރު، މިއީ 2021 ގެ ފަހުން މި މާކެޓަށް އަންނާނެ އެންމެ ބޮޑު ކުރިއެރުމެވެ.

ޓެކްނެލިސިސް ރިސާޗްގެ ޗީފް އެނަލިސްޓް ބޮބް އޯޑޮނެލް ވިދާޅުވީ، ފޯނުގެ އަގު އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ޒުވާނުން ފަދަ އާންމު ގިނަ ކަސްޓަމަރުންނަށް މިއަށް ވާސިލުނުވެވުނު ނަމަވެސް، އެޕަލްގެ އެންމެ ވަފާތެރި މުއްސަނދި ކަސްޓަމަރުންގެ މެދުގައި މި ފޯނު ވަރަށް ބޮޑު ޝަރަފުވެރި ރަމްޒެއް ނުވަތަ ސްޓޭޓަސް ސިމްބަލެއްގެ ގޮތުގައި މަޤްބޫލުވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް