ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ސާބިތުނުހިފޭ ވާހަކަ ނުދައްކަން އީސީން އެދިއްޖެ

އީސީގެ ރައީސާއިި ނައިބު ރައީސާއި މެންބަރެއް: ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ސާބިތުނުހިފޭ ވާހަކަ ނުދައްކަން އެ ކޮމިޝަނުން ވަނީ އެދިފައި -- ފޮޓޯ/ އީސީ

ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި ސާބިތުނުހިފޭ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އެދިއްޖެއެވެ.

އީސީން ނެރުނު އިއުލާނެއްގައި ވަނީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކާއި ބައްދަލުވުންތަކުގައި ގާނޫނާ ޚިލާފަށް، ސާބިތުނުހިފޭ ވާހަކަ ދައްކަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް އެއްވެސް ޕާޓީއަކާ ނުވަތަ ޕާޓީއެއްގެ މެންބަރަކާ ބެހޭގޮތުން ފާޑުކިޔުމަކީ، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޕާޓީތަކުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށް އިއުލާނުގައިވެއެވެ.

އީސީން ބުނީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ހައްގަކަށް ވީނަމަވެސް، ޒިންމާދާރުކަމާއެކު ޚިޔާލު ފާޅުކުރުމާއި ސިޔާސީ ހަރަކާތްތައް ހިންގުމަކީ އެ ކޮމިޝަނުގެ އެދުމެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ އެއްވުންތަކާއި ހަރަކާތްތައް ހިންގުމުގައި ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ސުލޫކީ މިންގަނޑުތަކަށް ތަބާވުމަށާއި، ސިޔާސީ ޕާޓީއަކުން ކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަންކަން ނުކުރުމަށާއި، ރާއްޖޭގައި ޢަމަލުކުރަމުންދާ ގާނޫނުތަކާ ޚިލާފު ނުވާނެ ގޮތެއްގެ މަތިން ޢަމަލުތައް ބެހެއްޓުމަށް އީސީން ވަނީ ނަސޭހަތްތެރިވެފައެވެ.

އީސީން އެ އިއުލާން ނެރުނުއިރު، ޑިސެންބަރު 12، 2024ގައި ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތެއް އަނދައި ހުލިވި މައްސަލައާ ގުޅޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ތުހުމަތުތަކެއްގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން އެ މަނިކުފާނުގެ ޕީއެންއެފުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވަނީ އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި، އެކަން ކުރި މީހާ ފުލުހުންނަށް އެނގޭ ކަމަށާއި، އެކަމާ ގުޅޭ ހެކި ފުލުހުންގެ އަތުގައި ހުރި ކަމަށް ވިދާޅުވެފައެވެ.

https://sun.mv/227129

އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ ތުހުމަތުތައް ތަހުގީގުކުރަން އެދިވަޑައިގެންފައިވާ ކަމަށާއި، ފުލުހުންގެ މައްޗަށް ކުރެއްވި ތުހުމަތު ތަހުގީގުކޮށް ދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި އެދިވަޑައިގަތް ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، އެ ތުހުމަތުތައް ތަހުގީގުކުރަން ފުލުހަށް ހާޒިރުވާން ޔާމީނަށް ޗިޓް ހަވާލު ކުރަން ފުލުހުން ދިއުމުން، އެ ހާދިސާގެ މައުލޫމާތު އެނގިވަޑައިނުގަންނަވާކަން އެ މަނިކުފާނު އަންގަވާފައިވާ ކަމަށް މިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޕީއެންއެފްއިން ވަނީ 'ފެހި ސިގްނަލް'ގެ ނަމުގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވާނެކަން މީގެ ކުރިން އިއުލާންކޮށްފައެވެ.

comment ކޮމެންޓް