ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ ދަރިކަނބަލުން ސާއިމާ ވާޒިދު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިރުދެކުނު އޭޝިއާ ސަރަހައްދުގެ ޑިރެކްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާދެއްވައިފިއެވެ.
ރޮއިޓާސްއަށް ފެނިފައިވާ ސާއިމާގެ އިސްތިއުފާގެ ސިޓީގައިވާ ގޮތުން، އޭނާ މަގާމުން ދުރަށް ވަޑައިގަތީ ޑަބްލިއުއެޗްއޯއާއި ބަންގްލަދޭޝްގެ އިދާރާތަކުން އޭނާގެ މައްޗަށް ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުތަކާ ގުޅިގެންނެވެ. ދެހާސް ސައްވީސް ވަނަ އަހަރުގެ ކުރީކޮޅު ފަސް އަހަރުގެ ދައުރަކަށް މަގާމާ ހަވާލުވެވަޑައިގަތް ސާއިމާ، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ހުންނެވީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސުސްއަށް ފޮނުއްވި ސިޓީގައި ސާއިމާ ވިދާޅުވެފައިވަނީ، އޭނާގެ މަސްއޫލިއްޔަތު އަދާކުރުމަށް ޓެޑްރޯސް ހުރަސްއަޅުއްވަމުން ގެންދަވާތީ ޑަބްލިއުއެޗްއޯގެ ލީޑާޝިޕަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ. އަދި މުސާރަ ނުލިބޭ ގޮތަށް އަހަރެއްހާ ދުވަހު ހުންނަވަން ޖެހިވަޑައިގަތުމުން މާލީ ގޮތުން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ސާއިމާގެ މައްޗަށް ޑަބްލިއުއެޗްއޯއިން ކުރާ ތުހުމަތުތަކުގެ ތެރޭގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅަކާ ގުޅޭ މާލީ އޮޅުވާލުންތަކަކާއި، ތައުލީމީ ސަނަދުތަކާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ދިނުން ހިމެނެއެވެ. ނަމަވެސް ސާއިމާގެ ވަކީލުން ޖުލައި މަހު ޑަބްލިއުއެޗްއޯއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ދަތުރުގެ ޚަރަދާ ގުޅޭ ގޮތުން މައްސަލަ ޖެހިފައިވާ 901 ޑޮލަރަކީ އެސިސްޓެންޓަކަށް އޮޅިގެން ހިނގާފައިވާ ކަމެއް ކަމަށެވެ. އަދި ސަނަދާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، އޮޓިޒަމްއާ ގުޅޭ ގޮތުން ބަންގްލަދޭޝްގައި ކުރެއްވި މަސައްކަތަށް ލިބިވަޑައިގެންފައިވާ އޮނަރަރީ ޑޮކްޓަރޭޓްގެ މައުލޫމާތު ޓެޑްރޯސްއަށް ސާފުކޮށްދެއްވާފައިވާނެ ކަމަށެވެ.
މީގެ އިތުރުން، ބަންގްލަދޭޝްއިން ގަވާއިދާ ޚިލާފަށް ބިމެއް ހޯއްދަވާފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ކުރާ ތުހުމަތުވެސް ސާއިމާ ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބިމަކީ ޑަބްލިއުއެޗްއޯއާ ގުޅިވަޑައިގަތުމުގެ ކުރިން، ބަންގްލަދޭޝްގެ މިނިވަންކަމުގެ ބަތަލު އަދި އޭނާގެ ކާފަ ޝައިޚް މުޖީބުއްރަޙްމާންގެ އާއިލާއަށް ލިބިދޭ ގާނޫނީ ހައްގުގެ ދަށުން ހޯއްދަވާފައިވާ ބިމެކެވެ. ބަންގްލަދޭޝްގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ސާއިމާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގައެވެ. މިއީ 2024 ވަނަ އަހަރުގެ މެދުތެރޭގައި އޭނާގެ މަންމަ ޝައިޚް ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު އައި އިންތިގާލީ ސަރުކާރުގެ ދަށުން ފެށި ތަހުގީގުތަކެކެވެ.
ސާއިމާގެ އިސްތިއުފާއާ ގުޅިގެން ޑަބްލިއުއެޗްއޯއިން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިރުދެކުނު އޭޝިއާ ސަރަހައްދުގެ ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށްޓަކައި އޮކްޓޯބަރު 12 ގައި ނަންތައް އިއުލާންކޮށް، ޖެނުއަރީ 24 ގައި އިންތިޚާބު ބާއްވާނެއެވެ.