މިއަދުގެ ސްކޫލް ސެޝަނަށް ފަހު ހަފުތާއަކަށް ޗުއްޓީ ލިބޭއިރު، މިއަދާއި ހަފުތާ ބަންދުގައި ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި މި ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހި، ވިއްސާރަ ކުރާނެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ކަނޑުތައް ގަދަ ނުވި ނަމަވެސް، މާދަމާއިން ފެށިގެން ވައިގަދަވާއިރު، މާދަމާއިން ފެށިގެން ކަނޑު ގަދަ ވާނެ ކަމަށް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
މި ދުވަސްވަރު ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާއިރު، ކަނޑުދަތުރު ކުރުމުގައި ސަމާލުވުމަށް އިދާރާތަކުން ވަނީ ލަފާދީފައެވެ.
ސްކޫލްތަކުގެ މިޑް ޓާމް ޗުއްޓީއަކީ ވެސް ގިނަ އަދަދެއްގެ މީހުން ދަތުރުކުރާ ދުވަސްތަކެކެވެ. މި ޗުއްޓީއަށް ފަހު އަލުން ސްކޫލުތަކުގެ ކިޔެވުން ފެށޭނީ މި މަހުގެ 20ގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރު ތެރޭގައި މޫސުން ގޯސްވި ދުވަސްތަކާ ދިމާކޮށް، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކެއް ހިނގައިފައިވެއެވެ.