ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން އެމްއެމްއޭގެ އިލްތިމާސެއް؛ ޚިލާފުވި ވިޔަފާރިއެއްގެ ލައިސަންސް ބާތިލު

އެމްއެމްއޭ: ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރަން އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައި --- ސަން ފޮޓޯ/ ނާއިޝް ނާހިދު

ލައިސެންސް ނެތި އަދިވެސް ބޭރު ފައިސާ މާރުކުރާކަން ފާހަގަވެފައިވާތީ، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަންވާނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް އޮވެގެންކަން ބޭރު ފައިސާއާ ބެހޭ ގާނޫނާއި މަނީ ޗޭޖިން ވިޔަފާރިއާބެހޭ ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައި އޮތް ނަމަވެސް، ބައެއް ފަރާތްތަކުން ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ކަމަކީ ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ކުށެއް ކަމަށްވާތީ، އެއްވެސް ފަރާތަކުން އެމްއެމްއޭގެ ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކާއެކު އެފަދަ މުޢާމަލާތް ނުކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ މުޢާމަލާތެއް ބޭންކެއް ފިޔަވާ އެހެން ފަރާތަކާއެކު ކުރާނަމަ، އެ މުޢާމަލާތް ކުރެވެނީ ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތަކާއެކުކަން ކަށަވަރުކޮށް، ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެ ކަންކަން ކުރުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ގާނޫނާއި ގަވައިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރި މަނީ ޗޭންޖަރެއްގެ ލައިސަންސް ވެސް އެމްއެމްއޭއިން ދާދި ފަހުން ބާތިލްކޮށްފައިވާކަން އެ އިދާރާއިން ފާހަގަކުރިއެވެ. މީގެ ކުރިން އެމްއެމްއޭއިން ފާހަގަކޮށްފައިވާ ގޮތުގައި، ބާތިލުކޮށްފައިވަނީ އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ ލައިސެންސެވެ.

https://sun.mv/227162

މިއަދު ފުލުހުން ވަނީ، ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ފުލުހުން ގާއިމުކޮށްފައިވާ ހޮޓްލައިނަށް، ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މައްސަލައެއް އާންމުން ހުށަހަޅައިފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 18 ތަނެއްގެ މައްސަލައާއި ގަވާއިދާ ޚިލާފަށް ބޮޑު އަގުގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ހަތަރު ތަނެއްގެ މައްސަލަ ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ގަވައިދާ ޚިލާފަށް ފައިސާ މާރުކުރާ ބިދޭސީ 27 މީހެއްގެ މައުލޫމާތާއި އެފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައްސަލަ ހުށަހަޅައިފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

މިދިޔަ މަހުގެ 24ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ހުއްދަ ނުނަގައި ގަވައިދާ ޚިލާފަށް ފައިސާ އެކްސްޗޭންޖު ކުރަމުންދިޔަ ހަތް ފަރާތެއް ބެލިއިރު، ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކުން 76 މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުން ވަނީ، ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި އެމްއެމްއޭން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކޮށްފައިވެއެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫން ވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް