ވަރީގެ ބަދަލަކަށް 1.5 ބިލިއަން ޑޮލަރު ދޭން ކޮރެއާގެ ގޭމް މަހުޖަނަކަށް އަންގައިފި

މަޝްހޫރު ވީޑިއޯ ގޭމް ކުންފުނި، ސްމައިލްގޭޓްގެ ބާނީ ކްވޮން ހިއުކް-ބިން

ދެކުނު ކޮރެއާގެ މަޝްހޫރު ވީޑިއޯ ގޭމް ކުންފުނި، ސްމައިލްގޭޓްގެ ބާނީ ކްވޮން ހިއުކް-ބިންގެ ވަރީގެ މައްސަލައިގައި ބަދަލުގެ ގޮތުގައި ދެ ޓްރިލިއަން ވޮން (1.5 ބިލިއަން އެމެރިކާ ޑޮލަރު) އަށް ވުރެ ގިނައިން އޭނާގެ ކުރީގެ އަނބިމީހާއަށް ދިނުމަށް ސޯލްގެ އާއިލީ ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

މިއީ ދެކުނު ކޮރެއާގެ ތާރީޚުގައި ވެސް ވަރީގެ މައްސަލައެއްގައި މުދާ ބަހަން ކޯޓަކުން ކުރި އެންމެ ބޮޑު ހުކުމެވެ.

ސޯލްގެ އާއިލީ ކޯޓުން ނިންމި ނިންމުމުގައި އަންގާފައިވަނީ، ކްވޮންގެ މިލްކިއްޔާތުގައިވާ ސްމައިލްގޭޓް ކުންފުނީގެ ހިއްސާގެ ތެރެއިން 35 އިންސައްތަ އޭނާގެ ކުރީގެ އަނބިމީހާއަށް ބަދަލުކުރުމަށާއި، އޭގެ އިތުރުން ނަގުދު ފައިސާގެ ގޮތުގައި 65 ބިލިއަން ވޮން ދިނުމަށެވެ. ކޯޓުން ބުނި ގޮތުގައި މި 35 އިންސައްތަ ހިއްސާގެ އަގު ގާތްގަނޑަކަށް 2.5 ޓްރިލިއަން ވޮންއަށް އަރައެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ކޯޓުން ވަނީ ކްވޮންގެ ޖުމްލަ މިލްކިއްޔާތުގެ އަގު 8.016 ޓްރިލިއަން ވޮންއަށް އަރާކަމަށް ކަނޑައަޅާފައެވެ.

މި ހުކުމާއެކު، ދެކުނު ކޮރެއާގައި މީގެ ކުރިން އޮތް ވަރީގެ އެންމެ ބޮޑު ބަދަލުގެ ރެކޯޑު ވަނީ މުގުރާލާފައެވެ. މީގެ ކުރިން އެންމެ ބޮޑު ބަދަލެއް ދޭން އަންގާފައިވަނީ އެސްކޭ ގްރޫޕްގެ ޗެއާމަން ޗޭ ޓޭ-ވޮން އާއި އޭނާގެ ކުރީގެ އަނބިމީހާ ރޯ ސޯ-ޔޮންގްގެ ވަރީގެ މައްސަލައިގައެވެ. އެ މައްސަލައިގައި ކޯޓުން އަމުރުކޮށްފައިވަނީ 944 ބިލިއަން ވޮން ދިނުމަށެވެ. އެސްކޭ ގްރޫޕަކީ މަޝްހޫރު ޗިޕް އުފައްދާ ކުންފުނި އެސްކޭ ހައިނިކްސްގެ ވެސް ވެރިފަރާތެވެ.

ކްވޮންގެ ކުރީގެ އަނބިމީހާ، ލީ، ވަރިވާން އެދި ކޯޓަށް މައްސަލަ ހުށަހެޅީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. އޭނާ ކޯޓުގައި އެދިފައިވަނީ ސްމައިލްގޭޓް ކުންފުނީގައި އޮތް ކްވޮންގެ ހިއްސާގެ ދެބައިކުޅަ އެއްބައި ހޯދުމަށެވެ. ލީ ފާހަގަކުރި ގޮތުގައި، 2002 ވަނަ އަހަރު ކުންފުނި އުފެއްދުމުގައާއި ކުންފުނީގެ ކުރީކޮޅުގެ ހިންގުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި ގޭތެރޭގެ ކަންކަން ބެލެހެއްޓުމުގެ ގޮތުން ނުސީދާކޮށް ވެސް ކުންފުނީގެ ކުރިއެރުމަށް އެހީތެރިވެދީފައިވާނެ ކަމަށް އޭނާ ބުނެފައިވެއެވެ. ކްވޮންއަކީ ސްމައިލްގޭޓްގެ ބާނީގެ އިތުރުން އެ ކުންފުނީގެ މިހާރުގެ ޗީފް ވިޝަނަރީ އޮފިސަރު ވެސް މެއެވެ.

comment ކޮމެންޓް