އެކަނިވެރި މައިންނާއި ބަފައިންގެ އެލަވަންސަށް އަލަށް 87 މީހުން ރަޖިސްޓްރީކޮށްފި

އަންހެނަކު ކުޑަކުއްޖަކު ގޮވައިގެން ގޮނޑުދޮށުގައި: ސަން ފޮޓޯ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދޭ އެކަނިވެރި މައިންނާއި ބަފައިންގެ މާލީ އެހީގެ ޕްރޮގްރާމްގެ ދަށުން، ނިމިދިޔަ އޮގަސްޓު މަހު އަލަށް 87 މީހަކު ރަޖިސްޓްރީކޮށްފިއެވެ.

އެންސްޕާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަލަށް ރަޖިސްޓްރީކުރި މީހުންނާއެކު އިތުރު 179 ކުއްޖަކަށް ވަނީ މި އެހީ ހަމަޖެހިފައެވެ. މިއީ ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭ މާލީ އެހީތެރިކަމެކެވެ. މި އެހީގެ ބޭނުމަކީ އެކަނިވެރި މައިންނާއި ބަފައިންނަށް ދަރިން ބެލެހެއްޓުމުގައި ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ.

އޮގަސްޓު މަހުގެ ނިޔަލަށް މި ޕްރޮގްރާމްގެ ދަށުން މާލީ އެހީ ލިބޭ މައިންނާއި ބަފައިންގެ ޖުމްލަ އަދަދު ވަނީ 3،357 އަށް އަރާފައެވެ. އަދި މި އެހީ ލިބޭ ކުޑަކުދިންގެ ޖުމްލަ އަދަދަކީ 5،206 އެވެ. އެންސްޕާގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އޮގަސްޓު މަހު އެކަނިވެރި މައިންނާއި ބަފައިންނަށް މާލީ އެހީގެ ގޮތުގައި ޖުމްލަ 17،469،000 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

މިއީ އޭގެ ކުރީ މަސްތަކާ އަޅައި ބަލާއިރު އިތުރުވެފައިވާ އަދަދެކެވެ. ސަބަބަކީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އެލަވަންސަށް ގެނެވުނު ބަދަލާއެކު، އެހީގެ ގޮތުގައި ދޫކުރާ ފައިސާގެ އަދަދު ބޮޑުވެފައިވުމެވެ.

މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަމުންދާ އުސޫލުގެ ދަށުން، އެކަނިވެރި މައިންނާއި ބަފައިންނަށް ކޮންމެ ކުއްޖަކަށް މަހަކު 3،000 ރުފިޔާގެ އެލަވަންސެއް ލިބެއެވެ. މިގޮތަށް އެންމެ ގިނަވެގެން ފައިސާ ދޫކުރަނީ ހަތަރު ކުދިންނަށެވެ. ނަމަވެސް ހަތަރު ކުދިންނަށް ވުރެ ގިނަ ކުދިން ތިބޭނަމަ، އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބޭއިރު، އާއިލާއަކަށް މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ލިބޭނީ 15،000 ރުފިޔާއެވެ. މީގެ ކުރިން މި އެލަވަންސްގެ ގޮތުގައި ދެމުން އައީ ފުރަތަމަ ކުއްޖަކަށް 2،000 ރުފިޔާ އަދި އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާއެވެ. އަދި އޭރު އާއިލާއަކަށް އެންމެ ގިނަވެގެން ލިބެނީ 10،000 ރުފިޔާއެވެ.

މި އެހީ ލިބޭނީ ކަނޑައެޅިފައިވާ ފަގީރުކަމުގެ ހާލަތަށް ވުރެ ދަށް އާމްދަނީއެއް ލިބޭ، އަދި ކައިވެނިކޮށްގެން ނޫޅޭ ފަރާތްތަކަށެވެ. މީގެ އިތުރުން، އެހީ ލިބޭ ކުދިންނަކީ ސްކޫލަށްދާ، ވެކްސިން ފުރިހަމަކޮށްފައިވާ ކުދިން ކަމުގައި ވުމަކީ ވެސް ޝަރުތެކެވެ.

ވަރިވެފައިވާ ފަރާތްތަކަށް މި އެހީއަށް އެދެވޭނީ ވަރިވިތާ ތިން މަސް ފަހުންނެވެ. ނަމަވެސް ހުވަފަތްވެފައިވާ ފަރާތްތަކަށް މި މުއްދަތު ހޭދަކުރާކަށް ނުޖެހޭނެއެވެ. އަދި އެހީ ލިބޭ ކުދިންނަކީ ދައުލަތުން ދޭ ނުކުޅެދުންތެރިކަމުގެ އެލަވަންސް ލިބޭ ކުދިން ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް