ބޭރުގެ އެހީއާއެކު ވިޔަސް، މުޅި މާލޭގެ ޓްރެފިކް ބެލެހެއްޓޭ މޮނިޓަރިން ސެންޓަރެއް ހަދާނެ: ސައީދު

މާލޭގެ މަގުމަތީގައި ވެހިކަލްތަކެއް: މާލެ އެއްކޮށް ބެލެހެއްޓޭ ވަރުގެ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ހަދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޅި މާލެ ބެލެހެއްޓޭ ވަރުގެ ޓްރެފިކް މޮނިޓަރިން ސެންޓަރެއް ހެދުމަށް ސަރުކާރުން ނިންމާފައިވާކަން އިކޮނޮމިކް އަދި ޓްރާންސްޕޯޓު މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ހާމަކުރައްވައިފިއެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ގެނައި އިސްލާހުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އެ ގާނޫނުގެ ދަށުން ސަރުކާރުން އެންމެ އިސްކަންދެނީ މުޅި މާލޭގެ ޓްރެފިކް ބެލެހެއްޓޭނެ ސެންޓަރެއް ގާއިމުކުރުމަށް ކަމަށެވެ.

ބޭރުގެ އެހީ ހޯދައިގެން ނަމަވެސް، އެ ސެންޓަރުގެ ގާއިމުކުރުމަށް ސަރުކާރުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: ރައީސް އޮފީސް

"މުޅި މާލެ އެެއްކޮށް ޓްރެފިކް މޮނިޓާކުރެވޭނެ ޒަމާނީ ޓްރެފިކް ސެންޓަރެއް ގާއިމްކުރުން، ރިއަލްޓައިމްކޮށް މޮނިޓާ ކުރެވޭނެ ޓްރެފިކް ސެންޓަރެއް ގާއިމްކުރުމަކީ މީގެ [އެއްގަމު ދަތުުރުފަތުރުގެ ގާނޫނުގެ ތެރެއިން ކުރާނެ] އެންމެ ވަރުގަދަ އެއް މަސައްކަތް. މި މަސައްކަތް ބޭރުގެ އެހީ ހޯދައިގެން ނަމަވެސް ކުރުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރުމަށްޓަކައި މީގައި ކަނޑައަޅާފައި އޮތް އެއް އޭރިއާ އަކީ،" ސައީދު ވިދާޅުވިއެވެ.

ފުލުހުން ތިބެގެން، މި ސަރަހައްދުގެ ވަކިވަކި މަގުތައް ބަލައި، ޓްރެފިކް ރީޑައިރެކްޓު ކުރުމަށް ޒަމާނީ ވަސީލަތެއް ބޭނުންކުރެވޭތޯ ވެސް ބަލާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެއިތުރުން، ޓްރެފިކާ ގުޅޭ ކަންކަން ވީ އެންމެ ބޮޑަށް ޑިޖިޓަލައިޒް ކުރާނެ ކަމަށާއި އެ ކަމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެކަން ސައީދު ފާހަގަކުރެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ގާނޫނަށް އަލަށް ގެނައި އިސްލާހުގައި މާލެ ސަރަހައްދުގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ހިމަނާފައެވެ. އޭގެތެރޭގައި، ގަވައިދާ ޚިލާފަށް މަގުމަތީގައި އުޅަނދުތައް ދުއްވާ މީހުންނާއި ހިނގާބިނގާވެ އުޅޭ މީހުން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތުން ހިމަނައިފައިވެއެވެ.

comment ކޮމެންޓް