އިނގިރޭސީން އަނެއްކާވެސް: ޗާގޯސްގެ މައްސަލައަކީ ދިވެހީންނާ ބެހޭ ކަމެއް ނޫން

ޗާގޯސް އާކިޕެލަގޯ ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބާރާ ގުޅޭ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއް ކަމަށް އިނގިރޭސި ފޮރިން އޮފީހުން އަނެއްކާ ވެސް ބުނެފިއެވެ.

އިނގިރޭސިވިލާތުން މިހެން ބުނެފައި މިވަނީ، ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އިނގިރޭސިވިލާތާއެކު ރަސްމީ މަޝްވަރާތައް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމުގެ ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައި ދަޢުވަތު އަރުވާފައި ވަނިކޮށް، އިއްޔެއެވެ.

ރޮއިޓާޒްއާއި އެހެން ބައެއް ބައިނަލްއަގްވާމީ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އިނގިރޭސި ޚާރިޖިއްޔާގެ ތަރުޖަމާނު އިއްޔެ ވިދާޅުވީ، ޗާގޯސްގެ ސިޔާދަތާ ގުޅޭގޮތުން ރާއްޖެއާއެކު ވާހަކަ ދެއްކުމުގެ ބަދަލުގައި، އިނގިރޭސިވިލާތުގެ ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު މޮރިޝަސްއާއެކު މަޝްވަރާތައް ފެށީ ވެސް ދިވެހީންނާ ގުޅޭ ކަމެއް ނެތުމުން ކަމަށެވެ.

"ދިވެހިރާއްޖެއާ ގުޅުންހުރި އެކި ދާއިރާތަކުން، ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ އެކު އަޅުގަނޑުމެން ގަވާއިދުން މަޝްވަރާކުރަމުންދަން. އެހެންނަމަވެސް، ފޯޅަވަހީގެ، ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއް. ދެހާބާވީސްވަނަ އަހަރު، ކުރީގެ ސަރުކާރުން މި މައްސަލައިގައި ދިވެހިރާއްޖޭގެ ބަދަލުގައި މޮރިޝަސްއާ އެކު މަޝްވަރާތައް ފެށީ އެ ސަބަބަށްޓަކައި،" ތަރުޖަމާނު ވިދާޅުވިކަމަށް ރޮއިޓާޒްގައި ރިޕޯޓުކޮށްފައިވެއެވެ.

ރައީސް އޮފީހުން އިއްޔެ ބުނީ، ރައީސް މުޢިއްޒު ފޮނުއްވި ސިޓީފުޅުގައި، ޗާގޯސްގެ ރަށްތައް މޮރިޝަސްއާ ޙަވާލުކުރުމަށް އިނގިރޭސިވިލާތުން ނިންމާފައިވާ ނިންމުމާމެދު ދިވެހިރާއްޖޭގެ ކަންބޮޑުވުންތައް ފާޅުކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖެއާއި ޗާގޯސްއާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގުޅުންތަކަށާއި، އެ ސަރަޙައްދުގެ ކަނޑުގެ މާޙައުލު ޙިމާޔަތްކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައިފައިވާ ކަމަށެވެ.

އަދި ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް ޓަކައި އިނގިރޭސިވިލާތާއެކު މާނަވީ މަޝްވަރާތަކެއް ކުރުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ދުނިޔޭގެ މަސްރަޙު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ހަމަޖެހުމަށް މުހިންމު ކަމެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

https://sun.mv/227120

އެމެރިކާގެ ރަސްމީ ހުއްދަ ނުލިބުމުގެ ސަބަބުން، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން މޮރިޝަސްއާއެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން އެ ގައުމުން މަޑުޖައްސާލައިފައިވާކަން ހާމަވެފައިވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ.

އެކަމާ ގުޅިގެން އޭރު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިނގިރޭސިވިލާތުގެ މި ނިންމުމަކީ ފޯޅަވަހީގެ މައްސަލައިގައި ރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށެވެ.

ފޯޅަވަހީގެ މުސްތަގުބަލާއި އެ ސަރަހައްދު ބެލެހެއްޓުމުގައި ރާއްޖޭގެ ގާނޫނީ މަސްލަހަތުތަކެއް ހުރިކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، ރާއްޖޭގެ ހައްގުތަކަށް އިހުތިރާމުކުރާ، ސަރަހައްދީ ހަމަޖެހުމަށް ބާރުއަޅާ، އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ފަދަ އިންސާފުވެރި ހައްލެއް ހޯދުމަށް އިނގިރޭސިވިލާތަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި އިންޑިއާ ކަނޑުގެ ދެމެހެއްޓެނިވި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން ބާރުއަޅާކަމަށް ބުންޏެވެ.

comment ކޮމެންޓް