ތައްޓެއް ޖެހިޖެހިގެން ހަ ފަހަރު މިލްކުކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ވެމްކޯއިން ވީއޭއެމް ކަޕު ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ހޯދީ މުޅި ޓީމު އެކަތިގަނޑަކަށް ވެގެން ކުޅުންތެރިން ކުރި އިތުބާރުގެ ސަބަބުން ކަމަށް ކުލަބް ވެމްކޯގެ ސެޓަރު ޖޫޒާން ޒަރީރު ބުނެފިއެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ޖޫޒާންއަކީ މި ޓީމުގެ ކާމިޔާބީގެ ފަހަތުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކުޅުންތެރިއެކެވެ.
މިއަހަރުގެ ފައިނަލުގައި ކުލަބު އެމްޓީސީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދި މެޗަށްފަހު "ސަން" އާއި ވާހަކަދައްކަމުން ޖޫޒާން ބުނީ ޕްރެކްޓިސްގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޓާގެޓަކީ ތަށި ކަމަށެވެ.
"ވަރަށް ދުރާލާ މިއަހަރު މިލްކުކުރަން ތައްޔާރުވެގެން ކުރިމަތިލީ މުބާރާތަށް، ވަރަށް އުފާވެފަ މިހުރީ ޓީމެއްގެ ގޮތުގައި މި ހަ އަހަރު ކުރި މަސައްކަތުގެ ސަބަބުން" ޖޫޒާން ބުންޏެވެ.
ރާއްޖޭގެ ތާރީހުގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އަންހެން ސެޓަރުންގެ ތެރޭގައި ގުނާލެވޭ ޖޫޒާނަކީ ވެމްކޯގެ ކާމިޔާބީތަކުގައި ބޮޑު ހިއްސާއެއްވާ ކުޅުންތެރިއެކެވެ. މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު ފިޔަވާ އެހެން ހުރިހާ މެޗެއް ނިމުނީ ސީދާ ތިން ސެޓުން ވެމްކޯ މޮޅުވެގެންނެވެ.
މިއީ ޖެހިޖެހިގެން ވެމްކޯއިން މި ތަށި އުފުލާލި ހަ ވަނަ ފަހަރެވެ. އެއާއެކު މިއީ އެ ޓީމުން މި ތަށި ޖެހިޖެހިގެން މިލްކުކުރި ދެވަނަ ފަހަރެވެ.
ވީއޭއެމް ކަޕުގެ ޗެމްޕިއަންކަން ހޯދަން ވެމްކޯގެ ދަތުރު ފެށީ 2021 ވަނަ އަހަރުގައެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ވެމްކޯއިން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.