ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަވަނަ ފަހަރަށް ކުލަބު ވެމްކޯއަށް ލިބުނީ ޓީމެއްގެ ގޮތުގައި ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި ހިތްވަރުން ކަމަށް ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފިއެވެ.
މިއީ ޖެހިޖެހިގެން ވެމްކޯއިން މި ތަށި އުފުލާލި ހަ ވަނަ ފަހަރެވެ. އެއާއެކު މިއީ އެ ޓީމުން މި ތަށި ޖެހިޖެހިގެން މިލްކުކުރި ދެވަނަ ފަހަރެވެ. މިއަހަރުގެ ފައިނަލާ ހަމަޔަށް ވެމްކޯ ދަތުރުކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ސައްތައިން ސައްތަ ރެކޯޑަކާއެކު އެވެ.
ވީއޭއެމް ކަޕުގެ ޗެމްޕިއަންކަން ހޯދަން ވެމްކޯގެ ދަތުރު ފެށީ 2021 ވަނަ އަހަރުގައެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް ވެމްކޯއިން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.
ވީއޭއެމް ކަޕް 2026 ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދި ވެމްކޯގެ ކޯޗު ބޭބެ-- ފޮޓޯ: ވީއޭއެމް ވެމްކޯ އިން މިފަހަރުގެ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ހޯދީ ރޭ އެމްޓީސީސީއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި 3-1 ސެޓުން މޮޅުވެގެންނެވެ. މިއީ ވެމްކޯއިން އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ހަ ވަނަ ފަހަރެވެ.
މި ކާމިޔާބީއަށްފަހު "ސަން" އާއި ވާހަކަދައްކަމުން ކޯޗު ބޭބެ ބުނީ ޓީމް ވޯކާއި ޑިސިޕްލިންއާއެކު ކުޅުންތެރިން ދެއްކީ ޓީމެއްގެ ގޮތުގައި ކަންކަން ހާސިލުވާނެކަން ކަމަށާއި މިއީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ނަތީޖާ ކަމަށެވެ.
މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދި އަޙްމަދު އަދީލް (ބޭބެ)ގެ އިރުޝާދުގެ ދަށުން ކުޅުނު ވެމްކޯ ޓީމުން ފައިނަލް މެޗުގެ ފުރަތަމަ ސެޓު ގެންދިޔައީ 20-25 ގެ ނަތީޖާއަކުންނެވެ. ދެވަނަ ސެޓުގައި އެމްޓީސީސީން ވަނީ ކުޅުން ރަނގަޅުކޮށް 25-20 ގެ ނަތީޖާއަކުން ސެޓު ކާމިޔާބުކޮށްފައެވެެ. އޭގެ ފަހުން ވެމްކޯ ކުޅުނު ދެ ސެޓު 25-13 އަދި 25-18 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ވަނީ ހޯދާފައެވެ.