ބަލޮގުންގެ ރަތް ކާޑު ބާތިލުކުރި މައްސަލައިގައި ބެލްޖިއަމުން އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި

ފީފާގެ ރައީސް އިންފަންޓީނޯ... ފޮޓޯ/ ދި ޖަޕާން ޓައިމްސް

ފީފާގެ ރައީސްކަމުގެ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ތައްޔާރުވަމުން އަންނަ ޖިއާނީ އިންފަންޓީނޯއަށް ކުރި ތާއީދު އަނބުރާ ގެންދަން ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބެލްޖިއަމުން މި ނިންމުން ނިންމީ މި އަހަރުގެ ވޯލްޑް ކަޕުގައި އެމެރިކާގެ ކުޅުންތެރިޔާ ފޮލަރިން ބަލޮގުންއަށް ދެއްކި ރަތް ކާޑު ބާތިލުކުރި މައްސަލައާއި ކުރިމަގުގެ މުބާރާތްތަކުގެ ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކުމަށް އިންފަންޓީނޯ ގެންގުޅުއްވި ޕްލޭނާ ގުޅިގެންނެވެ.

ރޯޔަލް ބެލްޖިއަމް ފުޓްބޯލް އެސޯސިއޭޝަން (އާރްބީއެފްއޭ) އިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ދެ މައްސަލައިގައި ވެސް އިންފަންޓީނޯގެ ފަރާތުން ދެފުށް ފެންނަ ގޮތަށް ކަންކަން ކޮށްފައި ނުވާތީ ހިތާމަކުރާ ކަމަށާއި، އެހެންކަމުން އޭނާއަށް ތާއީދު ނުކުރެވޭނެ ކަމަށެވެ.

އަމިއްލަ އިންވެސްޓަރުންނަށް ހިއްސާ ވިއްކުމަށް އުފެއްދި "ފީފާ ފޯވަޑް އެންޓަޕްރައިޒް"ގެ ސަބަބުން ގަވަނަންސްއާއި ދެފުށް ފެންނަ މިންވަރާމެދު ސުވާލު އުފެދޭ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން އެމެރިކާގައި ބޭއްވުނު ފީފާ ވޯލްޑް ކަޕްގައި އެމ ރިކާ ޓީމުގެ ބަލޮގުންއަށް ރެފްރީ ރަތް ކާޑު ދައްކަނީ... ފޮޓޯ/ އެލްއޭ ޓައިމްސް

އަންނަ އަހަރުގެ މާޗު މަހު ބާއްވާ ފީފާގެ އިންތިޚާބުގައި 56 އަހަރުގެ އިންފަންޓީނޯ ވާދަކުރައްވާނެކަން ފީފާއިން ވަނީ އާދީއްތަ ދުވަހު ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ވޯލްޑް ކަޕްގެ ހިއްސާ ވިއްކުމުގެ ޕްލޭނާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާއެކު އޭނާ އެ ޕްލޭން ފަހުން ދޫކޮށްލި ނަމަވެސް، ގިނަ ގައުމުތަކެއްގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ތާއީދު އޭނާއަށް ވަނީ ގެއްލިފައެވެ.

ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި އެމެރިކާއިން ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، ބަލޮގުންގެ ރަތް ކާޑު ފީފާއިން ބާތިލުކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

މި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރުހަބާ ވިދާޅުވެ، ފީފާއަށް ޝުކުރު އަދާކުރެއްވި ނަމަވެސް، ބެލްޖިއަމުން ކުރި އިސްތިއުނާފު ފީފާއިން ވަނީ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.

އާރްބީއެފްއޭގެ ރައީސް ޕަސްކާލް ވެން ޑާމް ވިދާޅުވީ ފީފާއާއެކު ކުރެވުނު މުއާމަލާތްތަކަށް އަދިވެސް އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ އޮކްޓޫބަރު 15 ގައި ބާއްވާ ފީފާ ކައުންސިލްގެ އެޖެންޑާގައި ހިމެނުމަށް އެދިފައިވާ ކަމަށާއި، ޔޫއެފާއާ ގުޅިގެން ފީފާގެ ނިންމުންތައް ދެފުށް ފެންނަ ގޮތަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ބެލްޖިއަމުން ވަނީ ބުނެފައެވެ.

comment ކޮމެންޓް