ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން ކަމުގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހު ވަކިކުރި އަހުމަދު ޝަހީރު، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންގެ މަގާމަށް ހަމަޖައްސައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަނުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
މެއި 2025 އިން ފެށިގެން މިދިޔަ ހަފުތާއާ ހަމައަށް އެޗްޑީސީގެ ޗެއާމަންގެ މަގާމު އަދާކުރެއްވި ޝަހީރު، މި ސަރުކާރުގައި އެންމެ ފުރަތަމަ އައްޔަންކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށެވެ.
ނަމަވެސް، އެ މަގާމުން އޭނާ ވަކިކުރެއްވީ އޮގަސްޓު 2024 ގައެވެ. މީގެއިތުރުން، އެސްޓީއޯގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ޝަހީރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގައެވެ.
އެމްޓީޑީސީގެ ޗެއާމަނަކަށް އެންމެ ފަހުން ހުންނެވި އަބްދުﷲ ފާއިޒެވެ. ފެބުރުއަރީ 2017 އިން ފެށިގެން އެމްޓީޑީސީގައި ހުންނެވި ފާއިޒް ވަނީ މިދިޔަ ހަފުތާގައި މިފްކޯގެ ޗެއާމަނަކަށް ބަދަލުކުރައްވައިފައެވެ.